ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ޓެކްސީ ކުރުމަކީ ޝަރަފުވެރި މަސައްކަތެކެވެ. ޓެކްސީ އޮންނާނީ ވަކި ޑިޒައިނަކަށެވެ. މާދުރުން އެއީ ޓެކްސީއެއްކަން ޔަގީންވާނެއެވެ. ޓެކްސީ ޑްރައިވަރުވެސް އިންނާނީ ވަކި ޔުނީފޯމެއްގައެވެ. ދަތުރުނެގުމުގައި ވަކި މިންގަނޑުތަކެއް ގެންގުޅެއެވެ. ރާއްޖޭގައި މިކަން އޮތީ އެފަދައިންތޯއެވެ؟
ރާއްޖޭގެ ޓެކްސީ ނިޒާމު ގަޑުބަޑުވީ މިއަދަކު ނޫނެވެ. ޓެކްސީ ދަތުރު ގިނައިން ކުރާ ކަސްޓަމަރެއްނަމަ އަމިއްލަފުޅަށް ވިސްނާލަބަލާށެވެ! ޓެކްސީ ޑްރައިވަރަކަށް އިނީ ދަންނަ މީހެއްތޯއެވެ! ގިނަ ފަހަރަށް މިސުވާލުގެ ޖަވާބަކަށްވާނީ އާއެކޭއެވެ. އަޅުގަނޑާއި ތިޔަ ބޭފުޅުންނަށްވެސް ފާހަގަވާހެން ޓެކްސީ ޑްރައިވަރުންގެ ތެރޭގައި ކުރީގެ ވަޒީރުންނާއި ކުރީގެ މަޖްލިސް މެމްބަރުންނާއި ޑޮކްޓަރުންނާއި ޕީއެޗްޑީ ހޯލްޑަރުންނާއި ގާޒީންނާއި ވަކީލުންނާއި ފުލުހުންނާއި ސިފައިން ގިނަ އަދަދަކަށް ހަރަކާތްތެރިވެއެވެ. ހަމައެހެންމެ، އަމިއްލަ ވިޔަފާރިކުރާ މީހުންނާއި ސަރުކާރުގެ ވަޒީފާއާއި ކުންފުނިތަކުގައި ވަޒީފާ އަދާކުރާމީހުންވެސް ބައިވަރެވެ. ޓެކްސީ ނިޒާމު ގަޑުބަޑުވާ ސަބަބަކީ މިއީއެވެ.
ޓެކްސީ ނިޒާމު ގަޑުބަޑުވަނީ މުނިފޫހިފިލުވުމަށް ޓެކްސީ ކުރާ މީހުންގެ ސަބަބުންނެވެ. ދިރިއުޅުމުގެ ހުރިހާ ހަރަދުތަކެއް ހަމަޖެހިފައި ހުރެމެ، އިތުރު ފައިސާކޮޅެއް ހޯދުމަށް ޓެކްސީ ކުރާ މީހުން ސިސްޓަމްގައި ގިނަވުމުންނެވެ. ސަރުކާރުން އާންމުކުރާ އުސޫލަކުން ނުވަތަ ހަދާ ގަވާއިދަކުން ސިސްޓަމަށް އަންނަ ލޮޅުމުގައި އެފަދަ ޑްރައިވަރުންގެ "ރިއެކްޝަން" އަކީ ޓެކްސީ ދަތުރުތައް ހުއްޓާލުމެވެ. އެގޮތަށް ދަތުރުކުރުން ހުއްޓާލިޔަސް އެ ޑްރައިވަރާއި ޑްރައިވަރުގެ އާއިލާގެ އެންމެން ތިބެނީ ކައިގެންނެވެ. ހުއްޓެނީ ގައުމެވެ. ހުއްޓުމަކަށް އަންނަނީ ޓެކްސީގެ ހިދުމަތް ބޭނުންވާ އާންމު ރައްޔިތުން ދަތުރުކުރަން އޮންނަ ހަމައެކަނި ވަސީލަތެވެ.
މި ފަދަ ޑްރައިވަރުން ޓެކްސީގެ ނިޒާމު ގަޑުބަޑުކުރަމުން ގޮސް މަސްހުނިގަނޑުގައި ހުނި ގިނަވާކަން އާންމުންނަށް ފާހަގަވެ އެކަމުގެ ޝަކުވާ "އިންތިހާއަށް" ކުރުމުން ސަރުކާރުން އާއްމު ކޮށްލަނީ ގަވާއިދެކެވެ. ބަދަލުކޮށްލަނީ ކޮންމެވެސް އުސޫލެކެވެ. މައްސަލައިގެ އަސްލު ހައްލަކަށް މަސައްކަތެއް ނުކުރެވެއެވެ. ޓެކްސީ ޚިދްމަތް ރެގިއުލޭޓުކުރުމަށްޓަކައި ދޮރުފަތުގައި "ޓެކްސީ" ސްޓިކާއެއް ތަތްކޮށްލަން އެންގުން ފިޔަވާ ކުރެވުނު ކަމަކީ ކޮބައިތޯއެވެ؟
ޓެކްސީ ނިޒާމު ގަޑުބަޑުކުރުމުގެ ތެރެއިން މިހާރު އެއާރޕޯރޓަށް ދިމާވެފައިވާ މައްސަލައަށް ބަލާލަމާތޯއެވެ! ޓެކްސީ ކިޔުއެއް އޮވެއެވެ. އެހެންނަމަވެސް އެކިޔުގައި ޖެހިފައި އޮންނަ ކާރުތަކަށް އެރުމުގެ ފުރުސަތު ކިޔުގައި ތިބޭ މީހުންނަށް ލިބޭ ތަރުތީބު އެނގޭ ހުރީ ކާކުހެއްޔެވެ؟ ކިޔުގެ ކުރީގައި ހުއްޓަސް ދިވެހި ކުލައިގެ އިންސާނަކަށް އެއިން ޓެކްސީއަކަށް އެރުމުގެ ނަސީބެއް ނުލިބޭނެއެވެ. ދޮން ފަރަންޖީއެއް ކިތަންމެ ފަހަތުގައި ހުއްޓަސް ގޮވާ ގެނެސް ޓެކްސީއަށް އަރުވައިގެން ދަތުރު ފަށާނެއެވެ.
ދަތުރު ފެށުމާއެކު ދެން ކުރިޔަށްދަނީ ފައިސާ ފޭރުމެވެ. ސޯޝަލް މީޑިއާއިންނާއި އެކި ދިމަދިމާލުން ލިބޭ މައުލޫމާތަށް ބުރަވާއިރު، އެފަދަ މީހެއްގެ އަތުން 20 ޑޮލަރާއި 50 ޑޮލަރާ ދެމެދުގެ އަގެއް ގަދަކަމުން ނަގައެވެ. އަރުވާ ލަގެޖަށް ވަކިން ޗާޖުކުރެއެވެ. އެއަރޕޯރޓް ޓެކްސީ ކިޔުގައި މިގޮތަށް 4 ވަރަކަށް ދަތުރަށްވުރެ ގިނައިން އެއްވެސް ޑްރައިވަރަކު ނުކުރާކަމަށްވެސް ތުންތުންމަތިން ވާހަކަދެކެވެއެވެ.
އމިނޫހަށް މައުލޫމާތު ހިއްސާކުރި ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅޭ މީހަކު ކިޔައިދިންގޮތުގައި، އެއަރޕޯރޓުން ހުޅުމާލެއަށް ކުރި ދަތުރުގައި އެމީހުންގެ އަތުން 180 ރުފިޔާ ނެގިއެވެ. އެ ކާރުގެ ޑިކީ ވަރަށް ބޮޑުވާނެ ކަމަށާއި، ލަގެޖް މާގިނައިން ހުރުމުން ވޭނެއްގައި ދިޔުމަށްވުރެ ހަރަދުކުޑަވާނެކަމަށް ބުނެފައެވެ.
އެއަރޕޯރޓުގެ ޓެކްސީ ނިޒާމު ގަޑުބަޑު ކޮށްލުމުން އާންމުންގެ ކަންބޮޑުވުންތައް އެކި ދިމަދިމާއަށް ފޮނުވާލާ، ޝުއޫރުތައް ބަންޑުންކޮށްލުމުން ސަރުކާރުން ފިޔަވަޅެއް އަޅައިފިއެވެ. އޭގެ ޒާތުގައި އެއީ ރަނގަޅު ފިޔަވަޅެކެވެ. ކިޔުގައި ޖެހޭ ތަރުތީބުން ދަތުރު ނަގަން މަޖުބޫރުކުރުވީއެވެ. އެކަމަކު، މުނިފޫހިފިލުވުމަށް ޓެކްސީ ކުރާ ބަޔަކަށް އެ ފިޔަވަޅުން މަޖުބޫރުކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އެ ޑްރައިވަރުންގެ މި ފަހަރުގެވެސް "ރިއެކްޝަން" އަކީ ޓެކްސީ ދަތުރުތައް ހުއްޓާލުމެވެ. ދަތުރުކުރުން ހުއްޓާލިޔަސް އެ ޑްރައިވަރާއި ޑްރައިވަރުގެ އާއިލާގެ އެންމެން ތިބެނީ ކައިގެންކަމަށްވާތީއެވެ. ހުއްޓުމަކަށް އައީ އަނެއްކާވެސް ގައުމެވެ. މިހާރު އެއަރޕޯރޓުން ޓެކްސީއެއް ލިބޭނީ ބޮޑުވެގެންވާ ނަސީބުވެރިއަކަށެވެ.
މިގޮތަށް ސަރުކާރުން ފިޔަވަޅު އަޅާ ކޮންމެ ފަހަރަކު ގަޑުބަޑުވެފައިވާ ޓެކްސީ ނިޒާމުގެ މައްޗަށް ސަރުކާރުގެ ކޮންޓްރޯލް ނޯންނަ ވާހަކަ އެންމެންވެސް ދައްކައެވެ. އެއްވެސް މީހަކު "ނުދައްކާ ވާހަކަ" އަކީ އެ ކޮންޓްރޯލް ނޯންނަނީ ޓެކްސީގެ އަދަދު ކަނޑައަޅާފައި އެޓެކްސީތައް ދުއްވަން މުނިފޫހިފިލުވުމަށް ޓެކްސީ ކުރާ ޑްރައިވަރުން ތިބޭތީކަމެވެ.
ޓެކްސީގެ ނިޒާމަށް ހައްލު ބޭނުންވެއެވެ. އެއް ހައްލަކީ ޓެކްސީ ނެގުމަށް ޚާއްސަ އެޕްލިކޭޝަނެއް ބޭނުންކުުރުމެވެ. އަދި ޓެކްސީތަކުން އެޕްލިކޭޝަން ބޭނުންކުރާ މިންވަރާއި، ކޮންމެ ޓެކްސީއެއް 24 ގަޑިއިރުގެ ތެރޭގައި ދަތުރުކުރުމުގައި ހޭދަކުރާ ވަގުތު ބެލޭނެ ނިޒާމެއް ގާއިމުކުރުމެވެ. ވަކި މިންވަރަކަށް ދަތުރުނުކުރާ ޓެކްސީތަކުގެ ހުއްދަ ބާތިލުކުުރުމާއި އެފަދަ ޑްރައިވަރުންގެ ބަދަލުގައި އާ ޑްރައިވަރުންނަށް ފުރުސަތު ދިނުމެވެ.
އޮންނަންވީ ސަރުކާރަށްވެސް އެކްސެސްވެވޭ، ކަންކަން ރެގިއުލޭޓް ކުރުމުގެ ބާރު އޮންނަ ޓެކްސީ ނިޒާމެކެވެ. ހިދުމަތުގައި އުޅޭ ޓެކްސީތަކުގެ އަދަދު މިނިސްޓްރީއަށް އަދާހަމަކޮށް ކޮންމެ ވަގުތަކުވެސް ބަލާލެވެން ޖެހޭނެއެވެ. ގާއިމުކުރެވޭ ނިޒާމުގެ ތެރެއިން ޑްރައިވަރުންނާއި ދަތުރުވެރިން ގުޅުވާލެވި ދަތުރުގެ ރިއަލް ޓައިމް ޑާޓާ ޓްރާންސްޕޯރޓް މިނިސްޓްރީއަށް ލިބެންވާނެއެވެ.
މިދެންނެވި އެޕްލިކޭޝަންގެ ތެރެއިން ގިނައިން ފައިސާ ނަގާ ހާލަތްތަކުގައި ފަސޭހައިން ރިޕޯޓް ކުރެވޭނޭގޮތެއްް އޮންނަންވާނެއެވެ. އަދި އެ ރިޕޯރޓް ވަގުތުން ފުލުހުންނަށްވެސް ލިބެންވާނެއެވެ. އަދި އެ މައްސަލައެއް ވަގުތުން ބަލަންވާނެއެވެ. ޓެކްސީ އޮތް ހިސާބުވެސް އެނގެން އޮންނާނެތާއެވެ. މިއީ ވަރަށް ހަރުކަށި ހައްލެކޭ ބަޔަކު ބުނެފާނެއެވެ. އެކަމަކު ހައްދު ފަހަނައަޅާފައިވާ ނިޒާމެއް ހައްލުކުރެވޭނީ ހަރުކަށި ހައްލަކުންނެވެ.
ދަންނަވަންތޯއެވެ! މުނިފޫހިފިލުވުމަށް ޓެކްސީކުރާ މީހުންވެސް މި ނިޒާމުގެ ތެރެއަށް ވެއްދުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އެފަދަ ޑްރައިވަރުން ހިމަނައިގެން ޓެކްސީގެ އަދަދު ލިމިޓް ނުކުރަންވީއެވެ.