އިންޑިއާގެ އެއާޕޯޓެއް

އިންޑިއާއަށް ދާ ދިވެހިން އެއްވެސް ސަބަބަކާ ނުލައި އެތެރެވިޔަ ނުދީ ފޮނުވާލާ މައްސަލަތައް ގިނަ ވެއްޖެ

އަވަށްޓެރި އިންޑިއާއަށް އެކި ކަންކަމުގައި ދަތުރުކުރާ ދިވެހިން އެއްވެސް ސަބަބަކާ ނުލައި އެތެރެވިޔަ ނުދީ ފޮނުވާލާ މައްސަލަތައް ގިނަވެ އެކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަން ފަށައިފިއެވެ.

ދާދި ފަހުން އިންޑިއާ އަށް ބޭހަކަށް ދިޔަ ދިވެއްސަކު "ރިވާޔާ ނިއުސް" އަށް ބުނީ އޭނާ އިންޑިއާ އަށް ކުރި ފުރަތަމަ ދަތުރުގައި އެ ގައުމުގެ އެއާޕޯޓުގެ ސެކިޔުރިޓީން އިން އައިސް އޭނާ ގާތުގައި މަޑުކޮށްލަން ބުނި ކަމަށެވެ.

ކީއްވެގެންތޯ ސުވާލުކުރުމުން ކުށްވެރިންނާ މެދު އަމަލުކުރާ އުސޫލުން ގިނަ އިރުތަކެއް ވަންދެން ވަކިން ބެހެއްޓުމަށްފަހު އޭނާއަށް އަންގާފައިވަނީ އޭނާގެ ޕާސްޕޯޓް މައުލޫމާތު އެމީހުންގެ ސިސްޓަމުން ނުފެންނަ ކަމަށެވެ.

ރާއްޖޭގެ އިމިގްރޭޝަނަށް ގުޅައިގެން އެކަން ބެލި އިރު އެއްވެސް މައްސަލައެއް ޕާސްޕޯޓުގައި ހުރިކަމަށް ނުދައްކާ ކަމަށް ރާއްޖޭގެ އިމިގްރޭޝަނުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެހެން ބުނުމުން ވެސް އެކަމާ އެއްވެސް ވަރަކަށް އަޅާނުލައި އޭނާ އަށް އެންގީ ޓިކެޓް ނަގައިގެން އަނބުރާ ރާއްޖެ ދިޔުމަށެވެ. އެހެންވެ، އެއާޕޯޓުގައި މަޑުކުރުމަށްފަހު، އަނެއް ދުވަހު އަނބުރާ މާލެ އައިސްފައިވާ ކަމަށް އޭނާ ބުންޏެވެ. އިންޑިއާ އެއާޕޯޓުގައި ހިފަހައްޓާފައި ހުރި ވަގުތުގައި ކާން ވެސް ދީފައި ނުވާ ކަމަށް އޭނާ ކިޔައި ދިނެވެ.

މިކަމަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ހިނގާ ކަމެއް ކަމަށް ރާއްޖޭގެ އިމިގްރޭޝަނުގެ އިސް އޮފިޝަލަކު ނަން ހާމަ ނުކުރުމަށް އެދި މި ނޫހަށް ވަނީ ވިދާޅުވެފައެވެ.

އެގޮތަށް ގިނަ މީހުން ފޮނޮވާލާއިރު، މި ކޮޅުގެ އިމިގްރޭޝަނުން އެމީހާގެ މައުލޫމާތު ބަލާއިރު އެއްވެސް މައްސަލަ އެއް ކުރިމަތި ނުވާކަން ވެސް އޮފިޝަލް ވަނީ ފާހަގަ ކުރައްވައިފައެވެ.

އެހެންކަމުން މިއީ އިންޑިއާ ސަރުކާރުން ގަސްތުގައި ރާއްޖޭގެ ރައްޔިތުންނަށް އުނދަގޫ ކުރުމުގެ ނިޔަތުގައި ކުރަމުން އަންނަ ކަމެއް ކަމަށް ބެލެވެއެވެ.

އިންޑިއާ ގިނަ ރައްޔިތުންތަކެއް އާމްދަނީ ހޯދުމަށްޓަކައި ރާއްޖޭގައި މަސައްކަތް ކުރާއިރު، އެމީހުންނަށް ރާއްޖޭގެ އިމިގްރޭޝަނުން މިފަދަ ދަތިތަކެއް ކުރިމަތި ނުކުރެއެވެ.

ނަމަވެސް މި މައްސަލައިގައި ދިވެހި ސަރުކާރުން ކަންބޮޑުވެގެން އުޅޭތަނެއް ނުފެނެއެވެ. ހުރިހާ ދައްޗެއް ތަހައްމަލު ކުރަމުންދަނީ ދިވެހި ރައްޔިތުންނެވެ.

ބެލެވޭ ގޮތުގައި އިންޑިއާއިން މިގޮތަށް އަމަލުކުރަމުން މިދަނީ އިންޑިއާ އަކީ އިދިކޮޅު އެމްޑީޕީގެ ވެރިކަން ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް އަޑިއަޑިން ކުރި ގައުމަކަށް ވީތީއެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނޮވާލަން މިހާރުގެ ސަރުކާރުގެ ނިންމުމާމެދު ހިތް ހަމަ ނުޖެހިގެން ކުރާ ޖެއްސުންތަކެއް ކަމަށް ވެސް ބެލެވެއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ފޮރިންމިނިސްޓްރީއަށް ގުޅަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

advertisement

1 Comment

  1. އިންޑިއާއަށް ބޭސްފަރުވާއަށްދިއުން ހުއްޓާލަންވީ،އަދިއިންޑިއާގެ އާއްމުރައިއްޔަތުންނަށް ދުއްތުރާވެސް ކުރަންވީ، އެހެންނާފަހެ ކޮންފަދަދުއްޕާނެއް މިކުރަނީ، މިވަރުންވެސް ސަރުކާރުހަމަ ލައްބަކިއާލަކިއާލަ މިއޮންނަނީ ކޮންފަދަ ދަށުދަރަޖައަކަށްވެއްޓިގެންބާ.!

ހިޔާލު ދެއްވާ!