ބަނޑޭރިކޮށީގައި ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

ބަނޑޭރިކޮށީގެ އެޕާޓުމެންޓެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ގޮތް ނޭނގޭ މަރުތަކުގައި އެ މީހަކު މަރުވި ސަބަބު ދެނެގަތުމަށް ނުވަތަ ޝައްކު އުފެދޭ މަރުތަކުގައިވެސް މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓު މޯޓަމް ހަދައެވެ.

ފުލުހުން ވިދާޅުވީ އެމީހާގެ ހަށިގަނޑު ފެނިފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަނޑޭރިކޮށީގެ އެޕާޓްމެންޓެއް ބަލައި ފާސްކުރުމުން ކަމަށެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަދި އޭނާ ފެނުނު އެޕާޓްމެންޓަކީ އެއްވެސް ބަޔަކު ދިރިނޫޅޭ، ހުސްކޮށްފައިވާ އެޕާޓްމެންޓެއް ކަން ޔަގީން ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ކުނިވެފައެވެ. އަދި އޭނާ ނިޔާވެފައި އޮންނަތާ ދެ ދުވަހަށްވުރެ ގިނަވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށް މައުލޫމާތު ލިބެއެވެ.

ނިޔާވި މީހާގެ ހަށިގަނޑު މިހާރު އޮތީ ފުލުހުންގެ ތަހުގީގު ނިމެންދެން ގަލޮޅު މޯޗަރީގައި ބާއްވާފައެވެ.

advertisement
ހިޔާލު ދެއްވާ!