މަސައްކަތުގެ މާހައުލުގައި މަސައްކަތް އަވަހަށް އަދި ފުރިހަމައަށް ނިންމާ މީހާގެ މަސައްކަތުގެ އަގު ވަޒަންކުރެއެވެ. އެއީ ވަރަށް ރަނގަޅު މުވައްޒަފެއްކަމަށް ފާހަގަވެގެން ދެއެވެ. އެހެން ނަމަވެސް، ފެނިގެންދަނީ އަވަހަށް މަސައްކަތް ނިންމާ މުވައްޒަފަށް އިތުރު ބުރައެއް ލިބިގެން ދާތަނެވެ.
އެއީ މަސައްކަތް ނުނިންމާ މުވައްޒަފުންގެ މަސައްކަތްތަކެވެ. މެނޭޖަރުވެސް ބޭނުންވަނީ ސުންގަޑިއަށް މަސައްކަތް ނިންމުމެވެ. އެކަން ވަނީ ރަނގަޅަށް މަސައްކަތް ކުރާ މީހާ އަށް މަސައްކަތް ހަވާލުކޮށްގެނެވެ. މިއީ މެނޭޖަރަށް އެންމެ ލޮޖިކަލް ގޮތްކަމަށް ހީވިޔަސް މީގެ ސަބަބުން ޓީމްތެރޭގައި އޮންނަ ގުޅުން ހީނަރުވެގެން ދެއެވެ.
މަސައްކަތުގެ ފެންވަރުދަށް މުވައްޒަފުންނަށް، އެމީހުންގެ ޓީމްގެ އެހެން މެންބަރުންގެ ނުނިމޭ މަސައްކަތް ކުރަންޖެހޭނެކަން އެނގުމުން އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރުމާއި މަސައްކަތަށް ދޭންޖެހޭ އަހައްމިއްޔަތު ކުދަވެގެންދެއެވެ. މިކަމުގެ ސަބަބުން ދެމެއްހެއްޓެނިވި ގޮތެއްގައި ރަނގަޅަށް މަސައްކަތްކުރާ މީހުންގެ ބޮލުގައި އެބުރަ އިންތިހާއަށް އުފުލިގެންދެއެވެ. އަދި ޕާފޯމް ނުކުރާ މީހުން މަސައްކަތުގެ ވަގުތުގައި ދިގު ބްރޭކް ނެގުމާއި، މަސައްކަތުގަޑީގައި ގިނަވަގުތު ބޭކާރު ކުރުމާއި، "މަސައްކަތަށް ކެރަވަޅު" ޖެއްސުން އާދަވެގެންދަނީ މި މުވައްޒަފުންނަށް އެއްވެސް ފިޔަވަޅެއް ނޭޅޭތީއެވެ.
މެނޭޖަރުން މަސައްކަތްކުރާނީ ނަތީޖާ ނެރުމަށެވެ. ނަތީޖާނެރުމަށް ކުރާ މަސައްކަތުގައި "ހަނާ ވަނީ" ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފެވެ. ބަދަލުގައި އިތުރު ގަޑީގެ ފައިސާ ލިބުނަސް، މި މުވައްޒަފުންނަށް ލިބޭ ސްޓްރެސް އާއި، ބަރންއައުޓް ވުމާއި މި ފައިސާއާއި ނުބައްދަލެވެ.
ނަމަވެސް މި މުޒައްފުންގެ އަގުވަޒަންކުރެވޭލެއް ކުޑައެވެ. މަސައްކަތް ފާހަގަކޮށް ދޭ ސެޓްފިކެޓަކުން، ތެންކިޔޫ ބުނެލާ އީ-މެއިލަކުން ނުވަތަ އޮފީހުގައި ބާއްވާ ކެމުކަމުން އަސްލު މައްސަލައަކަށް ހައްލެއް ނުލިބެއެވެ. މާލީ ބަދަލު ލިބޭއިރު، މައްސަލައިގެ އަސްލަކީ މަސައްކަތުގެ ޒިންމާތައް ބެހުމުގައި މި އޮންނަ ހަމަހަމަ ކަން ނެތުމެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި މެނޭޖަރުން ސްޓްރެޓީޖިކްކޮށް ވިސްނަންޖެހެއެވެ. އެގޮތުން ޓީމުން މަސައްކަތްކުރާ ގޮތް އަމަލީގޮތުން ބަލާ މޮނިޓަރކުރަންވާނެއެވެ. އަދި މަސައްކަތް ނުކުރާ މީހާ އަށް ފިޔަވަޅު އެޅުމާއި މަސައްކަތް ކުރަން ނޭނގޭނަމަ އެކަށީގެންވާ ތަމްރީންތައް ދިނުމާއި، އުފެއްދުންތެރިކަން އިތުރުކުރާނެ ވަސީލަތްތައް ފޯރުކޮށްދީގެން މަސައްކަތު ފެންވަރު ރަނގަޅުކުރަންވާނެއެވެ. އަދި މަސައްކަތު ފެންވަރު ބަލާފޯމުންނާއި، އޮފީހުގައިދޭ އެންމެ ރަނގަޅު މުވައްޒަފު ހޮވުމުގައިވެސް އެމީހާގެ މަސައްކަތުގެ އަޚްލާގަށާއި މަސައްކަތް ކުރާ މިންވަރާއި ފެންވަރުބެލެންވާނެއެވެ. އަދި މަސައްކަތް މިނެކިރުމުގައި އިންސާފާއި ހަމަހަމަ ކަމަށް އިސްކަންދީގެން ނޫނީ މަސައްކަތު މާހައުލު އުފާވެރިނުވާނެއެވެ.
2 Comments
ވަރަށް ރަގަޅު ލިޔުމެއްކަން ފާހަގަކޮށްލަން
ކިޔާލަން ވަރަށް ރީތި. މެނޭޖަރެއްގެ ހައިސިއްޔަތުން ވިސްނަންޖެހޭ ވަރަށް ބައިވަރު ކަންކަން އެބަހުރި