އައިޖީއެމްއެޗް ކައިރީގައި ވެހިކަލްތަކެއް ޕާކުކޮށްފައި.. ފޮޓޯ: ރިވާޔާ ނިއުސް

ކިރިޔާ ލުޔެއް ދިނަސް މި ނަގަނީ އޭގެ ނާޖާއިޒު ފައިދާ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕެއިންގައި ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުން ޕާކިން ސްޓިކާ ޖެހި ގޮތަށް، މާލޭގައި ޕާކުކުރާނެ ތަންތަން ގާއިމުކޮށްނުދީ މި ސަރުކާރުން ޕާކިން ސްޓިކާ ނުޖަހާނެ ވާހަކައެވެ.

ރައީސްގެ އެ ވަޢުދުފުޅާއެކު މާލެއަށް ދިމާވެފައިވާ ޕާކުކުރުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށްޓަކައި ޕާކު ކުރާނެ ޖާގަ މި ސަރުކާރުން ހޯއްދަވައިދެއްވާނެއެވެ. އެކަމަށް ވަގުތުވެސް ބޭނުންވާނެއެވެ. ހަމައެހެންމެ، ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުއްޓަސް ސްޓިކާ ނުޖަހާނެކަމަށް ރައީސް ވިދާޅުވުމަކީ އަޅުގަނޑުމެންގެ ހިތަށް އެރި ކޮންމެ ތަނެއްގައި ޕާކުކުރަން ލިބޭ ހުއްދައެއްކަމަށް ދެކުމަކީވެސް ގޯހެކެވެ.

އެހެންނަމަވެސް މިހާރަކަށް އައިސް އެ ވަޢުދުފުޅުގެ ނާޖާއިޒު ފައިދާ ބައެއް ފަރާތްތަކުން ދަނީ ނަގަމުންނެވެ. ޕާކުކުރާނެ ޖާގަ ހުރިނަމަވެސް، ތިމާ ވަންނަން ބޭނުންވާ ފިހާރައިގެ ދޮރުމަތީގައި ނޫނީ ޕާކު ނުކުރެވެނީއެވެ. ހޮސްޕިޓަލްތަކާއި ޔުނިވަރސިޓީަކާއި ބޮޑެތި ފިހާރަތަކާއި ސަރުކާރުގެ އޮފީސްތަކުގެ ކައިރީގައިވެސް ޕާކުކުރުމުގައި ހަމައެއް ލަމައެއް މިހާރު ނެތެވެ. ބައެއް މީހުން ވެހިކަލްތައް ޕާކުކުރާ ގޮތުން މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް އެކަން މިހާރު މިވަނީ ބޮޑު ތަކުލީފަކަށް ވެފައެވެ.

މިސާލަކަށް ހޮސްޕިޓަލް ފަދަ މުހިންމު ތަންތަނުގެ ކައިރީ ޕާކުކުރަން ޚާއްސަ ތަންތަން ހުރިނަމަވެސް ހޮސްޕިޓަލުގެ ކުރިމަތީގައި އުޅަނދު ޕާކުކޮށްފައި އެބަހުރެއެވެ. އަދި މާލޭގެ އެންމެ ބާރު ބޮޑު ދެ މަގުކަމަށްވާ އަމީނީމަގާއި މަޖީދީމަގަކީ ޕާކު ކުރުން މަނާ ދެމަގު ކަމަށް ވީނަމަވެސް އެ މަގުތަކުގައި ވެސް ދެ ފުރޮޅުލީ އުޅަނދާއި ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކޮށްފައި ހުންނަކަން "ރިވާޔާ ނިއުސް" އަށް ވަނީ ފާހަގަ ކުރެވިފައެވެ.

މާލޭގެ އެންމެ މުހިންމު މި ދެންނެވި މަގުތަކަކީ ބަސް ދުއްވާ ރޫޓުތަކެވެ. ބައެއް ފަހަރު އެގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ސަބަބުން ބަސްދަތުރުތަކަށް ވެސް ހުރަސް އެބަ އެޅެއެވެ. އަދި މަގު ބުލޮކުވެ އެކަމުގެ ދަތި، އިމަރޖެންސީގައި ބަލިމީހުން އުފުލުމަށް ބޭނުންކުރާ އެންބިއުލާންސަށް ވެސް އެބަކުރެއެވެ. އޭގެ ސަބަބުން ބަލި މީހުންނަށް ދޭންވާ އަވަސް ފަރުވާ ނުލިބި ލަސްވަނީއެވެ. ބަހުގައި އޮފީހަށްދާ މުވައްޒަފު ގަޑިޖެހެނީއެވެ.

މާލެއަކީ ވެހިކަލްތައް ގިނަ ވެރި ރަށެކެވެ. އެހެންނަމަވެސް، ވެހިކަލް ދުއްވާ މީހުންގެ އަދަބު އަޚްލާގު ރަނގަޅުކޮށްލައިފިނަމަ ޕާކުކުރާނެ ޖާގަ ނުލިބޭ ހާލަތްތަކުގައިވެސް އެކަމުގެ އުނދަގޫ މުޅި މުޖުތަމައަށް ނުފޯރާނޭހެން އަމަލުކުރެވިދާނެއެވެ. ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅު ތަންފީޒުކުރެވެންދެންވެސް މާލެއަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއްގެ ގޮތުގައި ބޭއްވޭނީ އެންމެންގެ އެކަތިގަނޑަކަށްވެގެންނެވެ. ނޫނީ ރައީސްގެ އެ ވައުދުފުޅު އެގޮތަށް އޮތަސް، އާންމު އުނދަގުލަކަށްވާގޮތަށް ޕާކު ކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހާނޭ އުޞޫލުތަކެއް އެކަށައަޅަންވީއެވެ.

advertisement
ހިޔާލު ދެއްވާ!