ހއ. ދިއްދޫއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެރަށުގެ ހަތަރު ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ހއ. ދިއްދޫ ކައުންސިލުން ބުނީ ރޭ ގާތްގަނޑަކަށް 3:30 އާއި 4:00 އާއި ދެމެދު އައި ކޮޅިގަނޑެއްގައި ދިއްދޫގެ ބައެއް ފްލެޓްތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އަދި ޖުމްލަ ހަތް ފްލެޓަކަށް ގެއްލުން ވެފައިވާ ކަމަށާއި ހަތަރު ގެއެއްގެ ފުރާޅު އެއްކޮށް އެއްލާލާފައިވާ ކަމަށްވެސް އެ ރަށު ކައުންސިލުން ބުނެ އެވެ.
ރަށު ކައުންސިލުން ބުނީ ބައެއް ގެ ތަކުގައި ހިފާގެންގުޅޭ ހުރިހައި ސާމާނެއް ހަލާކުވެފައިވާ ކަމަށާއި މީހުންނަށް ނޫޅެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ތިން ފްލެޓްގެ ފުރާޅަށްވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށް ދިއްދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ.
އެ ކައުންސިލުން ބުނީ ގެއްލުން ލިބުނު ގެ ތަކުގައި ދިރިއުޅޭ މީހުން އެހެން ގެ ތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ގެއްލުން ލިބުނު ގެ ތަކުގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ރަށު ކައުންސިލާއި ފުލުހުންނާއި އަދި އާންމު ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ދުވަސްވަރެކެވެ.