ހުޅުމާލެ ފޭސް 2 ގައި އެންމެ ގިނަ ރައްޔިތުން ދިރިއުޅޭ ސަރަހައްދުކަމަށްވާ ހިޔާ ސަރަހައްދު ތަރައްޤީކޮށް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމެޖުހުން ގެނެސްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ރާވަމުންދާކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފިއެވެ.
ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަފުޅުދައްކަވަމުން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ އެސިސްޓެންޓް މެނޭޖަރ މުހައްމަދު ސިރާޖް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތްތައް އެޅުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އާއިއެކު މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ.
އަދި ކުޑަކުދިން ކުޅޭނެ ސަރަހައްދުތަކާއި ތަފާތު ކުޅިވަރުތައް ކުޅެވޭނެ ބިންތައް އެ ސަރަހައްދުގައި ޤާއިމްކުރުމުގެ ކަންކަން މިހާރު ރާއްވަމުންދާކަމަށްވެސް ސިރާޖް ވިދާޅުވި އެވެ.
މީގެ އިތުރުން ސިރާޖް ވިދާޅުވީ ހިޔާ ސަރަހައްދުގައި މަސް މާރުކޭޓެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ހަމައެހެންމެ އެޗްޑީސީގެ ޖެނެރަލް މެނޭޖަރ އިސްމާޢިލް އަދްލީ ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ވެމްކޯގެ ފްރަންޓް އޮފީހެއް ހިޔާ ސަރަހައްދުގައި ޤާއިމްކޮށްފައިވާކަމަށެވެ. އަދި މީގެ ސަބަބުން ކުނި ނެގުމުގައި ދިމާވާ ލަސްތައް އަވަސްވެ، ފައިސާ ދައްކަން ރައްޔިތުންނަށް ލުއި ފަސޭހަގޮތެއް މެދުވެރިވެގެންދާނެ ކަމަށެވެ.
ހުޅުމާލެ ފޭސް 2 އަކީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާ ސަރަހައްދެކެވެ.