ފުޓްސެލް ޤައުމީ ޓީމަށް މުސާރަ ނުދެވެނީ ވަކި ކްރައިޓީރިއާތަކަކަށް "ފިޓް" ނުވާތީ: މިނިސްޓަރު

ފުޓްސެލް ޤައުމީ ޓީމަށް މުސާރަ ނުދެނީ ވަކި ކްރައިޓީރިއާތަކަކަށް "ފިޓް" ނުވާތީ ކަމަށް ކުޅިވަރާއި ހަށިހޮކަމާބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

މިއަދު ސްޕޯޓްސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްވަނީ ފުޓްސެލް ޤައުމީ ޓީމަށް މުސާރަ ނުލިބޭ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް އެކަމާ މެދު ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ނޭޝަނަލް ޓީމްސްތަކަށް މުސާރަދޭ ވަކި އުސޫލެއް އޮންނަ ކަމަށެވެ. އަދި ސްޕޯޓްސް ކައުންސިލްއިން އެކުލަވާލައިފައިވާ މި އުސޫލުގެ މައްޗަށް ޢަމަލު ކުރަންޖެހޭ ކަމަށާއި މުސާރަ ދޭން ބަލާއިރުގައި ވަކި ކްރައިޓީރިއާތަކަކަށް ފިޓް ވާން ޖެހޭ ކަމަށެވެ.

"ވަކި ކްރައިޓީރިއާ ތަކެއް ހުރޭ މުސާރަ ދޭން ބަލާއިރުގަ. އެ ކްރައިޓީރިއާތަކަށް ފިޓްވީމަ މުސާރަ ދެވޭނީ. ސުވާލަކީ ކްރައިޓީރިއާ ބަދަލު ކުރާނީތޯ.." މިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ރާފިއު ވިދާޅުވިއެވެ.

މީގެ އިތުރުން ސްޕޯޓްސް ޑިޕާޓްމަންޓްއިން ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒު ފާހަގަ ކުރައްވަނީ މި މައްސަލަ އަކީ އެބޭފުޅުންވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި ޕޮލިސީ ލެވެލްގައިވެސް މިކަމާ ބެހޭގޮތުން ވާހަކަ ދެކެވެމުން ދާކަމަށެވެ. އެބޭފުޅާ ވިދާޅުވީ ފުޓްސެލް އޮންނާނީ އިންޓަނޭޝަނަލް ފްރޭމްވޯރކް އެއްގެ ތެރެއިން ކަމަށެވެ.

"މިވަގުތު މީތި ގަވާރން ކުރުމުގަ މިނިސްޓްރީގެ ބޭރުންވެސް ގަވަރނިންގް ބޮޑީއެއްގެ ގޮތުގައި ފުޓްސަލް އޮންނާނީ. އިންޓަނޭޝަނަލް ފްރޭމްވޯކް އެއްގެ ތެރެއިން. އެފްއޭއެމް އިން. އެހެންވީމަ ރެގިއުލޭޓް ކުރެވިގެން އަންނަން ޖެހޭނީ އެފްއޭއެމްގެ ތެރެއިން." ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒް ފާހަގަ ކުރައްވާ ގޮތުގައި އެފްއޭއެމް އިން ރެޖިސްޓްރޭޝަންއާ ހިސާބަށް ނާނަންނަނީސް ފުޓްސެލް ކޮންސިޑަރ ކުރެވޭކަށް ނެތެވެ. ނަމަވެސް އެކަމަށް މަޑުނުކޮށް މިނިސްޓްރީގެ ފަރާތުން ކުރެވެން އޮތީ ކޮންތައްތަކެއްކަން ބަލަމުން ދާކަމަށްވެސް ވިދާޅުވިއެވެ.

 

advertisement
ހިޔާލު ދެއްވާ!