ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިހާރު އަޒަރްބައިޖާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފަލަސްޠީނުގެ ސަގާފަތާ ބެހޭ ވަޒީރު ހިޒް އެކްސެލެންސީ ޢިމާދު ޢަބްދުﷲ ޙަމްދާން އާ ބައްދަލު ކުރައްވައިފިއެވެ.
އަޒަރްބައިޖާނުގެ ވެރިރަށް ބަކޫގައި އޮތް މި ބައްދަލު ކުރެއްވުމުގައި ފަލަސްޠީނުގެ ސަގާފަތާ ބެހޭ ވަޒީރު ވަނީ ދިވެހިރާއްޖޭގެ މަންދޫބަކާ ބައްދަލުވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއިން ފަލަސްޠީނާމެދު ބާއްވާ ރަޙްމަތްތެރިކަމާއި ގުޅުމަށްޓަކައި ވަޒީރު ޢިމާދު ޢަބްދުﷲ ޙަމްދާން ވަނީ ހުރިހާ ދިވެހީންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ފަލަސްޠީނަކީ އދގެ ދާއީމީ މެންބަރަކަށް ވުމަށް ޝަރުތު ހަމަވާ ގައުމެއް ކަމަށް ފާސްކުރުމާ ގުޅިގެން ދިވެހީންގެ ފަރާތުން ފަލަސްޠީނުގެ ސަގާފަތާ ބެހޭ ވަޒީރު ހިޒް އެކްސެލެންސީ ޢިމާދު ޢަބްދުﷲ ޙަމްދާން އަށާއި ފަލަސްޠީނުގެ ވަފުދަށް، އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ތަހްނިޔާ ރައްދުކުރައްވާފައެވެ.
އަދި ފަލަސްޠީނާމެދު ޒަމާނުއްސުރެ އޮތް ގާތް ކަމަކީ ހުރިހާ ދިވެހީން ވެސް ހިއްސާ ކުރާ ގާތް ކަމެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެއާއި ފަލަސްޠީނާ ދެމެދު އޮތް ގާތްކަމާއި ގުޅުމަށް ކުޑަވެސް ހީނަރުކަމެއް ނައިސް އިތުރަށް ހަރުދަނާވެގެން ދާނެ ކަމުގެ ޔަގީންކަން އެރުވިއެވެ.
އަދި ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވޭ ހުރިހާ މަސައްކަތަކަށް ދިވެހި ދައުލަތުން ފުރިހަމަ އިޖާބައާއި އެއްބާރުލުން ދެއްވާނެކަމާމެދު ޝައްކު ނުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
ފަލަސްޠީނަކީ އދގެ ދާއީމީ މެންބަރަކަށް ވުމަށް ޝަރުތު ހަމަވާ ގައުމެއް ކަމަށް ފާސްކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުވެސް ވަނީ އެކަމަކީ ފަލަސްޠީން ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ތާރީހީ ބޮޑު ކާމިޔާބީއެއް ކަމުގައި ވިދާޅުވެ އެކްސްގައި ޕޯސްޓް ކުރައްވާފައެވެ. އަދި ފަލަސްޠީން ރައްޔިތުން މިނިވަން އަމިއްލަ ދައުލަތެއްގެ ހައްގު ހޯދުމަށް މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެފައިވާކަމަށާއި އެ މަސައްކަތުގައި ފަލަސްޠީން ރައްޔިތުންގެ ފަރާތުން ފެނިގެންދާ ކެތްތެރިކަމާއި ހިތްވަރަކީ ދިވެހީން ނަމޫނާ އަކަށް ދެކޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
ވަޒީރުގެ މި ދަތުރުފުޅަކީ އިސްލާމިކް ވޯރލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. އަޒަރްބައިޖާނުގެ ޝޫޝާ ސިޓީގައި އޮތް "ޝޫޝާ – ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024″ ގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމްއެވެ.