ތަހުގީގު ކުރަމުންދާ މައްސަލައެއްގައި މީހަކު ހާޒިރު ވުމަށް އަންގައި އިއުލާން ކޮށްފި

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި 34 އަހަރުގެ ދިވެހި ފިރެހެނަކު ހާޒިރު ވުމަށް އަންގައި ވަނަވަރު އާންމުކޮށްފިއެވެ.

މި މައްސަލައިގައި ހާޒިރު ވުމަށް އަންގާފައިވަނީ ސ. ހިތަދޫ، ސޯމާ، 34 އަހަރުގެ ޝަފީޤު އިބްރާހީމެވެ.

ޝަފީގު ފުލުހަށް ހާޒިރުވުމަށް އަންގައިފައިވަނީ މީހަކަށް ވަޅިން ބިރުދައްކައި، އިންޒާރުދީގެން އޭނާގެ އަންނައުނު ބާލުވައި ފައިސާ ފޭރުމުގެ މައްސަލައެއްގައެވެ. އަދި ހުއްދަނޫން ގޮތުގައި އެމީހާ ހިފައްހައްޓައި، މާރާމާރީ ހިންގައި އޭނާގެ އަންނައުނު ބޭލުވުމަށްފަހު ވީޑިއޯ ކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މީގެ އިތުރުން އޭނާގެ ބޭންކް އޮފް މޯލްޑިވްސް ކޭޝް ކާޑު އަތުލައި، ޕިންކޯޑު ހޯދުމަށްފަހު ކޭޝް ކާޑު ބޭނުން ކޮށްގެން ފައިސާ ފޭރިގަނެފައިވާ ކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.

ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގެ ތަހުގީގަށް ޝަފީޤު ހާޒިރުކުރުމަށް އޭނާ ދިރިއުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދު ކުރެވިފައެއް ނުވެއެވެ.

މިފަދަ ޖިނާއީ މައްސަލަތައް ތަހުގީގުކުރާ ގަވާއިދުގެ 27 ވަނަ މާއްދާއާ ހަވާލާދީ ދައުވާ ލިބޭ މީހާ ކޯޓަށް ހާޒިރުވުމަށް ފުލުހުން ވަނީ އެކަން އަންގައި އިއުލާން ކޮށްފައެވެ.

 

advertisement
ހިޔާލު ދެއްވާ!