ސިނަމާލެ ބްރިޖްމަތީގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މި އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ކުޑަކުއްޖަކާ ފިރެހެނަކަށްވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
އެ ކުއްޖާއާއި ފިރެހެންމީހާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ފަރުވާއަށްފަހު ދޫކޮށްލައިފައިވާކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވިއެވެ.
އެކްސިޑެންޓްގައި އަނިޔާވި ކުޑަކުއްޖާގެ އުމުރާއި އަނިޔާ އާއި ގުޅޭ އިތުރު ތަފްސީލް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ކަމާބެހޭ އިދާރާތަކުން ދަނީ މިފަދަ އެކްސިޑެންޓްތައް ހިނގިޔަ ނުދިނުމަށް މަގު ބޭނުން ކުރުމުގައި ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރަމުންނެވެ.
ނަމަވެސް މިހާތަނަށް ސިނަމާލެ ބްރިޖު މަތީގައި ވަރަށް ގިނަ އެކްސިޑެންޓްތައް ހިނގައި ބައެއް މީހުންގެ ފުރާނަވެސް ގެއްލިފައި އެބަހުއްޓެވެ.