ފޮޓޯ: .humanrights.gov.au

ޒަމާނާ އެއްވަރަށް ވިސްްނުން ތަރައްގީކުރާށެވެ!

އަހަރަކީ 2024 ވަނަ އަހަރެވެ. ތަރައްގީގެ އެންމެ އުސްމިންތަކުގެ ލާމަސީލު ނަމޫނާ ދައްކަމުންދާ ޒަމާނެކެވެ. އެހެންނަމަވެސް، މީހުންގެ ވިސްނުން އަދިވެސް ގައިދުވެފައިވަނީ އެއްވެސް މިނިވަންކަމެއް، އުފާވެރިކަމެއް އަދި އުއްމީދެއް ނެތް ޒަމާނުގައެވެ. ވަގުތު އޭގެ ހަލުވިމިނުގައި ފާއިތުވެގެންދާއިރު ހަމަހަމަކަމާއި އިންސާފުގެ މަގު އަދިވެސް ފެންނަނީ ބަނަކޮށެވެ. ނިޒާމީ އަދި ނަސްލީ ތަފާތުކުރުންތައް ނިގުޅައިގަތީ އެތައް މިލިއަން ބައެއްގެ ހުވަފެންތަކާއި އުންމީދުތަކެވެ.

މި ތަފާތުކުރުންތަކުގެ ތެރޭގައި ތާށިވެފައިވާ މީހުންނަށް މި މަސައްކަތަކީ ހަމައެކަނި މާޒީގެ ހިތި ހަނދާނެއްނޫނެވެ. އެއީ ކޮންމެ ދުވަހެއްގެވެސް ހަނގުރާމައެކެވެ. ކެތްތެރިކަމާއެކު އެކަންކަން ގަބޫލުކޮށްލައިގެން ދިރިއުޅެމުންދާ ހަނގުރާމައިގެ މައިދާނެކެވެ. މަސައްކަތުގެ މާހައުލުގައި އަމާޒުވާ ގޯނާތަކުން ފެށިގެން މަގުމަތީގައި ފާޅުކަންބޮޑު ގޮތެއްގައި ތަފާތުކުރުމުގެ އަމަލުތަކާއި ހަމައަށް މިވާހަކަ އަބަދުވެސް އިވެމުން ދެއެވެ. ތަފާތުވަނީ އަނިޔާ ލިބެމުންދާ ފަރާތްތަކެވެ. މި އަނިޔާތަކުން ލިބޭ ޒަހަމްތައް ދަނީ އެމީހުންގެ ނަފްސުގައި ލަކުނުތަކެއް ދޫކޮށްލަމުންނެވެ.

އަންހެނުން ނިގާބު އަޅައިގެން އުޅެން އިޚްތިޔާރު ކުރުމުން ނުހައްގުން ވަޒީފާ ގެއްލޭ ވާހަކަ އަޅުގަނޑުމެން އެހީމެވެ. ބުރުގާ އަޅައިގެން އުޅުމަކީ ބޮޑުކުށެއްކަމަށް ބުނާ ވާހަކަވެސް އަޅުގަނޑުމެން އެހީމެވެ. އެއްވެސް ކުށަކާ ނުލާ ފުލުހަކު މަގުމެދުގައި "ކަޅު" މީހަކު މަރާލި ވާހަކަވެސް އަޑުއެހީމެވެ. އެހެންނަމަވެސް، ދިގުދެމިގެންދާ ސުވާލަކީ މިފަދަ އަނިޔާވެރިކަމަށް ނިމުމެއް އައުމުގެ ކުރިން މި ހިތްދަތި ވާހަކަތަކުގެ ތެރެއިން އިތުރު ކިތައް ވާހަކަ އަޑުއަހަން ޖެހޭނެ ހެއްޔެވެ؟

އޭޝިއާގެ ނަސްލުގެ ފަރުދުންނަށް އުކާލާ ފުރައްސާރައިގެ ނަންތަކުން އެމީހުންނަށް ކުރާނެ އަސަރާމެދު ވިސްނާލީ ކިތައް މީހުންތޯއެވެ؟ ފިރިހެން ދަރިއަކު ލިބުމުން ފާޅުކުރާ އުފަލާ އެއްވަރަށް އަންހެން ދަރިއަކު ލިބުމުން ހިތާމަ ކުރަނީ ކިތައް މީހުން ހެއްޔެވެ؟ މިފަދަ އެތައް ސުވާލެކެވެ. އެތައް ހިތްދަތިކަމެކެވެ.

މި ހާލަތްތަކުގައި މާޔޫސްކަމުގެ ތެރެއަށް ގެބިގެންދާން ވަރަށް ފަސޭހަވާނެއެވެ. ހަމުގެ ކުލަ ނުވަތަ އަޑުގެ ލަފުޒުން ތިމާގެ "ޑިކްޓޭޓް" ކުރުމުގެ ބާރު ލިބިފައިވާކަމަށް ގަބޫލުކުރާ މީހުންގެ އަމާޒަކީވެސް އެއީއެވެ. އެހެންމީހުން ނިކަމެތި ކޮށްލުމެވެ. އަމިއްލަ ނަފްސަށްޓަކައި  އަދި އަމިއްލަ މިނިވަންކަމަށްޓަކައި އުފުލާ އަޑުގެ ބާރު ކަނޑުވާލުމެވެ.

އެހެންނަމަވެސް، އަނދިރިކަމުގެ ތެރޭގައި ކެތްތެރިކަމުގެ ވިދުވަރުތައް ދަނީ ފެންނަމުންނެވެ. އެއީ ގަދަކަމުން ނަމަވެސް އަމިއްލަ ނަފުސާއި އެހެންމީހުންނަށް އިންސާފާއި ހަމަހަމަކަން ހޯދުމަށް "ޑިމާންޑް ކުރާ" އަޑުތަކުންނެވެ.

އެކަމަކު މިނިވަންކަމުގެ މަގަކީ ހުރަސްތަކުން ފުރިފައިވާ މަގެކެވެ. އެކަން ސާބިތުކޮށްދެނީ އަޅުގަނޑުމެންގެ މުޖުތަމައުގައި ދެމިގެންގޮސްފައިވާ ތަފާތުކުރުންތަކުންނެވެ. ތައުލީމާއި، ސިއްހީ ޚިދުމަތާއި، ވަޒީފާގެ ދާއިރާގައި ތަފާތުކުރުންތައް އެކި މާނާގައި އެކި ސިފަސިފާގައި އެބައޮތެވެ.

އަޅުގަނޑުމެން އާ ޒަމާނެއްގެ ފަޅުތެރޭގައި ތިބިއިރު، ނިޒާމީ ނަސްލީ ތަފާތުކުރުމުގެ ވަސްވާހާއި ކުރިމަތިލުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާއެކެވެ. އަޅުގަނޑުމެންގެ ޖަމާއަތުގައި ކަނޑައެޅިފައިވާ އަނިޔާވެރިކަމުގެ އޮނިގަނޑުތައް ރޫޅާލަން ޖެހެއެވެ. ނަސްލާއި ޖިންސަށް ބެލުމެއްނެތި ކޮންމެ ފަރުދަކަށްވެސް ހައްގުތަކާއި ފުރުސަތުތައް ލިބިގެންދާ މުސްތަގުބަލަކަށް މަސައްކަތް ކުރަންޖެހެއެވެ.

ނޫންނަމަ އަނިޔާވެރިކަމާއި ނާއިންސާފަކީ މުޖުތަމައުން ވަކިކުރެވެން ނެތް ބޮޑު ނުރައްކަލެކެވެ.

advertisement
ހިޔާލު ދެއްވާ!