ކޮމިޝަނާ އޮފްސް ސްޕޯޓްސް މުހައްމަދު ޠަލާލު

ކުޅިވަރު އެސޯސިއޭޝަންތައް އަހަރަކު އެއްފަހަރު އޮޑިޓު ކުރޭތޯ ބަލާނަން: ޠަލާލު

ކޮންމެ އަހަރަކު އެއްފަހަރު ކުޅިވަރު އެސޯސިއޭޝަންތައް ޤަވާއިދުން އޮޑިޓުކުރުން ލާޒިމުކޮށް، އެސޯސިއޭޝަންތައް އޮޑިޓުކުރާކަން ކަށަވަރުވާނެ ނިޒާމެއް އެކަށެއެޅުމަށައަޅައި އެކަން މޮނީޓަރ ކުރަމުން ގެންދަވާނެ ކަމަށް ކޮމިޝަނާ އޮފްސް ސްޕޯޓްސް މުހައްމަދު ޠަލާލު ވިދާޅުވެއްޖެއެވެ.

ސްޕޯޓްސް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޠަލާލު ވިދާޅުވެފައިވަނީ އެސޯސިއޭޝަންތަކުން ސްޕޯޓްސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔުންތައް ގިނަ އެސޯސިއޭޝަންތަކުން ހުށަހަޅަމުންދާ ކަމަށެވެ. އެހެންނަމަވެސް ޤާނޫނުން ލާޒިމުކުރާ ގޮތަށް ގިނަ އެސޯސިއޭޝަންތައް އޮޑިޓުނުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޠަލާލު ފާހަގަކުރެއްވި ގޮތުގައި އެސޯސިއޭޝަންތައް އޮޑިޓުކުރާކަން ނުވަތަ ނުކުރާކަން ފާއިތުވި އަހަރުތަކުގައި އޮތީ ކަށަވަރުނުކުރެވިއެވެ. އެގޮތުން އޮޑިޓުނުކުރާ އެސޯސިއޭޝަންތަކާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު، އޮޑިޓުނުކޮށް އޮތްކަން އެ އެސޯސިއޭޝަންތަކަށް އަންގާފައިވެސް ނެތްކަމުގައި އޭނާ ވިދާޅުވިއެވެ.

"އޮޑިޓް ނުކޮށްގެން އެއަށް އަޅަންޖެހޭ ފިޔަވަޅެއް ނޫނީ އެކަން ނުކުރާ ވާހަކަ ވެސް އެސޯސިއޭޝަންތަކުގައި ބުނެފައި ނުވާކަން ފާހަގަކުރެވޭ،" ޠަލާލް ވިދާޅުވިއެވެ.

ކޮމިޝަނާ ވިދާޅުވީ އޮޑިޓުކުރުމަކީ އޭގެ ޒާތުގައި އެކަމަށް ޚަރަދުތަކެއް ހިނގާނެކަމެއް ކަމުގައިވާތީ، އޮޑިޓުކުރުމުގެ މަސައްކަތް ދެ މޮޑެލްއެއްގައި ކުރިއަށްގެންދިއުމުގެ ވިސްނުން ގެންގުޅެމުންދާކަމެއް ކަމަށެވެ.

"އެއް ގޮތަކީ އަޅުގަނޑުމެން އޮޑިޓް ފާމެއް ހަޔާކޮށްފަ އެސޯސިއޭޝަން އޮޑިޓްކުރަން ދިނުން. ދެން ދެވަނަ ގޮތަކީ އަޅުގަނޑުމެން އޮލިމްޕިކް ކޮމިޓީއާ ވާހަކަ ދައްކާފަ އޮންނާނެ އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް އޮޑިޓް ފާމެއް އެސޯސިއޭޝަންތައް އޮޑިޓް ކުރުމުގައި ގެންގުޅުން،" ޠަލާލް ވިދާޅުވިއެވެ.

އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކޮމިޝަނާ ވިދާޅުވީ މި އަހަރު އެ ދެ މޮޑެލްގެ ތެރެއިން އެއް މޮޑެލް އިޚުތިޔާރުކޮށް އޮޑިޓުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!