މަގުމަތި-- ފޮޓޯ: ދިޔަރެސް

ޕާކިންގެ މައްސަލަ ހައްލުކުރުމަށް މާލޭގެ ހަތަރު ސަހަރާއަކުން ޕާކިން އޭރިއާ ހަދަނީ

މާލޭގައި ޕާކިންގެ މައްސަލަ ހައްލުކުރުމަށް މާލޭގެ ހަތަރު ސަހަރާއަކުން ޕާކިން އޭރިއާ ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރ މިފަދައިން ވިދާޅުވީ ރޭ ވީޓީވީގައި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މޭޔަރ ވިދާޅުވީ ޕާކިން މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރާއި ގުޅިގެން ކައުންސިލުން މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

ބައެއް ސަހަރާތަކުގެ ބައިތައް ޕާކިން އޭރިއާތަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށާއި މާލޭގެ ހަތަރު ސަހަރާއެއްގައި ޕާކިން އޭރިއާ ހެދުމަށްޓަކައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާ އެ ކައުންސިލުން މިހާރު ހޯދާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ ޕާކިން އޭރިއާއަށް ބަދަލުކުރުމަށް ނިންމާފައިވަނީ މައްޗަންގޮޅި ސަހަރާގެ ކަންމަތީން ބަޔަކާއި، ގަލޮޅު ސަހަރާ، މާފަންނު ސަހަރާ، އަދި ހެންވޭރު ސަހަރާގެ ބިންތަކެއް ކަމަށެވެ.

އެ މަސައްކަތަށް ވަރަށް ބޮޑު ބަޖެޓެއް ބޭނުންވާނެކަން ފާހަގަ ކުރައްވާ މޭޔަރ ވިދާޅުވީ އެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިއްޖެ ނަމަ މިހާރު ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ކޮންމެވެސްވަރެއްގެ ލުޔެއް ލިބޭނެ ކަމަށެވެ.

އަދި  ޕާކިން އޭރިއާތަކުގެ އިތުރަށް އެ ސަރަހައްދުތަކުގައި ޕާކުތަކެއް ވެސް ގާއިމުކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!