އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަށް ބުލީކުރި ނަމަވެސް އެއީ ބިނާކުރުވަނިވި ފާޑިޔުންތަކެއް ކަމުގައިވާނަމަ އެކަން ބަލައިގަންނާނެ ޓޫރިޒަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ސިޔާސީ މައިދާނުގައި "ރެލަވެންޓް" ނޫން މީހުން ރައީސް ޑރ. މުޢިއްޒާއި ސަރުކާރަށް ފާޑު ކިޔުމަކީ ކުރުން އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.
ފައިޞަލް ވިދާޅުވީ ބުލީ ކުރުމާއި ދެކޮޅު ކަމަށާއި ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެކަން ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އެކަންކަން ރަނގަޅު ކުރައްވާނެ ކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އެފަދަ ކަންކަން ކުރާ ފަރާތްތަކުންވެސް ރާއްޖޭގެ މިވަގުތު ސިޔާސީ މަސްރަހުގައި ކަންކަން ހުރިގޮތަށް އިހުތިރާމް ކުރަންޖެހޭ ކަމަށާއި ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަކީ ޑިމޮކްރެސީގައި އޮންނަ ގޮތް ކަމަށެވެ.
ހަމައެހެންމެ އެފަދަ ބޭފުޅުން ރާއްޖޭގެ ޑިމޮކްރެސީއަށް ކަމެއް ކޮށްދޭން ބޭނުންވާ ނަމަ އިދިކޮޅުގައި ތިބެގެން ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތްކޮށްދިނުމަށް އިލްތިމާސްކުރައްވާ ފައިޞަލް ވިދާޅުވީ އެއްވެސް މީހަކާ ޒާތީ ނުވާނެ ކަމަށެވެ.