ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު

ގައިންގަޔަށް ނާރާ ބަލިތަކާ ބެހޭގޮތުން ޑަބްލިއުއެޗްއޯގެ އެހީގައި ދިރާސާއެއް ހަދަނީ

ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އާދަޔާ ޚިލާފަށް އިތުރުވެފައިވާ ކަމަށް ސިއްހަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޚަލީލް ވިދާޅުވީ މި މައްސަލާގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށެވެ. އެގޮތުގެ މަތިން ދިރާސާ ހެދުމަށްޓަކައި ފައިސާ ހަމަޖެހުނުހާ އަވަހަކަށް އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ގައިންގަޔަށް ނާރާ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންގެ އަދަދު ރާއްޖޭގައި ކަންބޮޑުވާހާ ގިނައެވެ. އެގޮތުން ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތަ އަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންނެވެ. މީގެ ތެރެއިން 17 އިންސައްތަ އަކީ ކެންސަރު ބަލީގައި މަރުވާ މީހުންނެވެ.

ކެންސަރު ބައްޔަށް ފަރުވާ ކުރުމުގައި ހުރި ދަތި އުނދަގޫތައް ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ އާސަންދައިގެ ތެރެއިން އެ ބަލީގެ ފަރުވާ ރާއްޖޭން ބޭރުންވެސް ހަމަޖެހިގެން ދިއުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. ހަމައެއާއެކު އާސަންދައާއި އެންސްޕާގެ ތެރެއިން އެކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަޒީރުއ ވިދާޅުވިއެވެ.

ކެންސަރު ބަލީގެ ފަރުވާ ހޯދުމަށް ލުޔެއް ހޯދައިދިނުމަށްޓަކައި މިދިޔަ ސަރުކާރުން އެޅުމަށް ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާ ބެހޭގޮތުން ވާހަކަ ފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ދޮޅު މަހެއްހާ ތެރޭގައި އެ މަޝްރޫއގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށްފަހު، އެ ބަޖެޓަށް ފައިސާ ހަމަޖެއްސުމުގެ މަސައްކަތާ ހަމަޔަށް ދެވޭނެކަމަށެވެ.

ކެންސަރު ބަލި ފިޔަވާ ގައިން ގަޔަށް އަރާ އެހެން ބަލިތައްވެސް ރާއްޖޭގައި އާދަޔާ ޚިލާފަށް އިތުރެވެ. އެގޮތުން މިކަމަށް ދިރާސާއެއް ކުރުން ވެގެންދާނީ ސިއްހީ ދާއިރާގެ ކަންކަމާއި ޕޮލިސީ ކަނޑައެޅުމުގައި ވަރަށްވެސް މުހިއްމު އަދި ބޭނުންތެރި ކަމަކަށެވެ.

advertisement
ހިޔާލު ދެއްވާ!