ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދާ ޕެރިސް އޮލިމްޕިކްސް 2024ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ ފައިނަލް މެޗުގައި ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާ ބަލިކޮށް، ރާއްޖޭގެ ފާތިމަތު ދީމާ އަލީ އޮލިމްޕިކްސްއަށް ކޮލިފައިވެއްޖެއެވެ.
މިއަދު ކުޅުނު ފައިނަލުގައި ދީމާ، ބިމާންޑީ ބަލިކުރީ 4-1 ސެޓުންނެވެ. އެ ނަތީޖާއާއެކު ދީމާއަށް ވަނީ ޕެރިސް އޮލިމްޕިކްސްއިން ފުރުސަތު ލިބިފައެވެ.
މެޗުގެ ފުރަތަމަ ސެޓު ފަށައި، ލީޑުގައި ކުޅެމުން ގޮސް، ދީމާ ސެޓު ގެންދިޔައީ 11-8 އިންނެވެ. ނަމަވެސް، ދެވަނަ ސެޓު ލަންކާގެ ބިމާންޑީއާ ވަނީ 11-8 އިން ގެންގޮސްފައެވެ. ތިންވަނަ ސެޓު ފެނުނީ ވަރަށް ގާތްގާތުން ޕޮއިންޓްތައް ދިޔަތަނެވެ.
ތިންވަނަ ސެޓު ފޯރިގަދަކޮށް ހަމަހަމަ ކޮށް ދިޔަ އިރު، ދީމާ ފުރަތަމަ ކޮޅުގައި 4-2 އިން ލީޑުވެސް ނެގިއެވެ. އޭގެ ފަހުން ބިމާންޑީއާއި ދީމާވެސް ދިޔައީ އެއްވަރުވަމުންނެވެ. 7-7. 8-8 އަދި 9-9 އިންވެސް ދެވަނަ ސެޓު އެއްވަރު ވަމުން ގޮސްފައިވާ އިރު، ސެޓު ވަނީ 10-10 އިންވެސް އެއްވަރު ވެފައެވެ. ތިންވަނަ ސެޓު ދީމާ ގެންދިޔައީ 11-13 އިންނެވެ.
ހަތަރުވަނަ ސެޓު ދީމާ ރަނގަޅަށް ފަށައިގެން ތިން ޕޮއިންޓްގެ ލީޑެއް ނެގިއެވެ. ހަތަރުވަނަ ސެޓުގައި ބިމާންޑީއާ ކުޅުން ރަނގަޅު ކުރި ނަމަވެސް، ދީމާ ދިޔައީ ސެޓު ނިމެންދެންވެސް ލީޑު ހިފަހައްޓަމުންނެވެ. އެ ސެޓު ރަނގަޅު ފޯމެއްގައި ދީމާ ވަނީ 11-7 އިން ކާމިޔާބު ކޮށްފައެވެ.
ފަސްވަނަ ސެޓުވެސް ދީމާ ރަނގަޅަށް ލީޑުކުރަމުން ގޮސް، ދީމާ ވަނީ ފަހު ސެޓު، 11-5 އިން ކާމިޔާބު ކޮށްފައެވެ. އެ މެޗުން މޮޅުވެ، އޮލިމްޕިކްސް 2024 އިން ދީމާ ވަނީ ޕެރިސް އޮލިމްޕިކްސްއިން ފުރުސަތު ހޯދާފައެވެ.
މިއީ ރާއްޖޭގެ ކުޅިވަރު ތާރީހުގައިވެސް ކޮލިފިކޭޝަނަކުން ނަތީޖާ ނެރެ، ކޮލިފިކޭޝަނެއް ކާމިޔާބުކޮށްގެން އެތުލީޓަކު އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއަދަކީ ކުޅިވަރު ތާރީހުގައިވެސް ރަން އަކުރުން ލިޔެވިގެން ދިޔަ ދުވަހެކެވެ.