ފޮޓޯ: scholastic.com

ނިޢުމާ މިސް މި ބުނެދެނީ ދަރިން އުނގެނުމަށް ލޯބިޖެއްސުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ބައެއް ކަންތައްތައް

ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމަކީ ހަމަ ކޮންމެ މަންމައަކާއި ބައްޕައެއްގެވެސް ވަރަށްބޮޑު އުންމީދެކެވެ. ނިއުމާ މިސްއަކީ ދަރިވަރުންގެ ކިޔެވުމުގެ އެކި ކަންކަމުގައި ކަންތައްތައް ކުރަންވީ ރަނގަޅުގޮތް ބެލެނިވެރިންނަށް އަދި މައިންބަފައިންނަށް ފަސޭހައިން ފަހުމުވާނެހެން ފޭސްބުކްގައި ހިއްސާކުރާ ފަރާތެކެވެ.  މިފަހަރު ނިއުމާ މިސް ކިޔައިދިނީ ދަރިން އުނގެނުމަށް ލޯބި ޖެއްސުމުގެ ގޮތުން ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތަކެވެ.

އުނގެނުމުގެ މައިގަނޑު ބޭނުން އެކުދިންނަށް އޮޅުން ފިލުވައިދިނުން!

އެގޮތުން ކިޔަވަނީ ވަކި މަގްސަދެއް ހާސިލްކުރުމަށްކަމާއި، ކިޔަވައިގެން އޭގެ ނަތީޖާ ނިކުންނަން ތިމާ ބޭނުންވާ ގޮތެއް އޮންނަންވާނެކަން ބުނެދެވިދާނެއެވެ. އޭގެތެރެއިން ކިޔެވުމުގައި އަމާޒެއް ކަނޑައެޅިދާނެކަމާއި، ބޮޑުވެގެން ތިމާ ވާނީ ބޭނުންވަނީ ޑޮކްޓަރަކަށްތޯ؟، ޓީޗަރަކަށްތޯ؟، ޕައިލެޓަކަށްތޯ؟، އިންޖިނޭރަކަށްތޯ؟، ނުވަތަ އާރކިޓެކްޓަކަށްތޯ ނުވަތަ ކުރަން ބޭނުންވަނީ ކޮން މަސައްކަތެއްތޯ ކަނޑައެޅިދާނެއެވެ.

ކިޔަވަން އިށީނދެ އިންނާނެ ހާއްސަތަނެއް ކަނޑައެޅުން! އަދި ކިޔަވަން އިށީނުމުގެ ކުރިން ބަނޑުހައިވެފަ ހުރިނަމަ ކާންދިނުން!

މިކަމުގައި ބެލެނިވެރިޔާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ކުއްޖާއަށް ކަށަވަރުކޮށްދިނުމާއި، އެގޮތަށް ކަނޑައަޅާ ތަނުގައި ބައެއް ފަހަރު ބެލެނިވެރިޔާ މަޑުކޮށްލުން މުހިއްމުކަންވެސް ނިއުމާ މިސް ފާހަގަކުރައްވައެވެ.

ކޮންމެ ދުވަހަކުވެސް އެދަސްކުރި ފިލާވަޅެއް ނުވަތަ ފިލާވަޅުތައް ބެލެނިވެރިޔާއަށް ކިޔައިދިނުމާއި، ޓީޗަރަކު އެ މައުލޫމާތު ދަރިވަރުންނަށް ކިޔައިދޭގޮތަށް މަންމަ ނުވަތަ ބައްޕައަށް އެފިލާވަޅުތައް ކިޔަވައިދިނުމަކީ ކުރެވިދާނެކަމެއްކަމަށް ބުނެދިނުން.

މީގެ ތެރެއިން ދަރިފުޅު ލައްވާ މުދައްރިސެއްގެ ރޯލުކުޅުވުމާއި، ޕަވަރަ ޕޮއިންޓް ޕްރެޒެންޓޭޝަން ހުށަހަޅައިދިނުންފަދަ ކަންކަން ކުރެވިދާނެއެވެ.

ދަސްކުރާ ފިލާވަޅުތައް އެކުދިން ދަސްކޮށްފިކަމަށް ބެލެނިވެރިޔާ ކަނޑައަޅާނީ އެ އުނގެނުނު ކަމުގެ ހެކިތައް ބެލެނިވެރިޔާއަށް ފެންނަން ހުރުމުންކަން ބުނެދިނުން.

މިސާލަކަށް ދަސްކުރި ބައިތައް ޑައިރީއެއްގައި ނުވަތަ ނޯޓް ފޮތުގައި އަތުލިޔުމުން ނޯޓްކުރަމުންގެންދިޔުމާއި އޭ3 ކަރުދާހުގައި ޕޯސްޓަރެއް ހެދުންފަދަ ކަންކަން ކުރުވިދާނެއެވެ. މިގޮތަށް ޕޯސްޓަރ ހަދާއިރު ކޮންސެޕްޓް މެޕާއި މައިންޑް މެޕްވެސް ތައްޔާރުކޮށް ހުށަހަޅަން ބުނެވިދާނެއެވެ. މި ގޮތަށް ނޯޓުކުރާއިރު ސުރުޚީގެ ނަމާއި އެ ފިލާވަޅު މުތާލިޔާކުރި ތާރީހު ލިޔުމަކީ ވަރަށް މުހިއްމުކަމެވެ.

ކުދިން ކުރަމުންދާ މަސައްކަތްތަކާއި، ދަސްވަމުންދާ ފިލާވަޅުތަކުގެ ބައިތައް ފާހަގަކޮށް އުފާފާޅުކޮށް ތައުރީފުގެ ބަސްތައްބުނެ ކުދިންނަށް ހިތްވަރުދިނުން.

ބެލެނިވެރިންގެ ފަރާތުން ލިބޭ މިފަދަ ހިތްވަރުގެ ބަސްތަކުން ކުދިންގެ އުނގެނުމަށް ހީވެސް ނުކުރާފަދަ ކުރިއެރުންތައް އަންނާނެއެވެ.

ރަގަޅު ނޫން ކަންކަން ކުރެވުނަސް ކުދިންނަށް ރުޅި މޫނު ދެއްކުމާއި، ކުދިންނާއި ދިމާލަށް ހަޅޭލެވުން ފަދަ ކަންކަމުން އެއްކިބާވުން.

ޚާއްޞަކޮށް އިމްތިހާނުތަކަށް ތައްޔާރުވަމުންދާ ކުދިންނަށް މިފަދަ ކަންތައްތައް މަންމައާއި ބައްޕަގެ ފަރާތުން ނުދެއްކުން ހިމެނެއެވެ. އޭގެ ބަދަލުގައި ކެތްތެރިކަން އިސްކޮށް ރިވެތި ބަސްމަގު ގެންގުޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ކުދިން ދެރަވާ ޒާތުގެ އެއްވެސް ކަމެއް ނުކުރުން.

އެގޮތުން، މިފަދަ ކަންކަމަށް އާއިލާގެ އެހެން މެމްބަަރުންނަށްވެސް ނަސޭހަތްތެރިވުމާއި އާއިލާގެ ތެރޭގައިވެސް އެއް ކުއްޖަކު އަނެއް ކުއްޖަކާއި އަޅާނުކިޔުން ހިމެނެއެވެ.

މި ކަންކަމަކީ ކިޔެވުމުގެ އިތުރުން ދަރިން ދިރިއުޅުމަށް ތައްޔާރުކުރުމަށްވެސް ސަމާލުކަންދިނުން މުހިންމު ކަންތައްތަކެކެވެ.

advertisement
ހިޔާލު ދެއްވާ!