ގައިންގަޔަށް ނާރާ ބަލިތަކުން ދިފާއުވެ ތިބުމަށާއި ދުޅަހެޔޮ ބަރުދަނެއްގައި ތިބުމަށް ކެއުންބުއިމަށް ހެޔޮބަދަލުތަކެއް ގެންނަންޖެހެއެވެ. އަދި ގައިންގަޔަށް ނާރާ ބައްޔެއް ޖެހުނުނަމަވެސް އެބަލީގެ އަސަރު ބޮޑުވިޔަނުދިނުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ހެޔޮބަދަލުތަކެއް ގެންނަންޖެހެއެވެ. އެގޮތުން އެންމެ ރަނގަޅު އެއް ބަދަލަކީ ރޭގަނޑުގެ ނިދި އަވަސްކުރުމެވެ.
ރޭގަނޑުގެ ނިންޖަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި ތަފާތު ސިއްހީ އުނދަގޫތަކުން ސަލާމަތްވެ ހުރުމަށްޓަކައި ވަރަށް މުހިއްމު ކަމަކަށްވާއިރު، ޒަމާނީ ތަރައްގީއާއެކު އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް މިވަނީ ރޭގަނޑުގެ ނިދި ނިދުން ބޮޑު ބުރަޔަކަށްވެފައެވެ.
ނިދާ ގަޑި ލަސްވުމާއި ނުނިދާ ގިނައިރު ތިބުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ހޯރމޯންތަކުގެ މިންގަނޑަށް ބަދަލު އައިސް އެކަމުގެ އުނދަގޫތައް ތަހައްމަލްކުރަން ޖެހުމާއި، ބަރުދަނުގެ މައްސަލަތައްވެސް ދިމާވާކަމަށް ޑައެޓީޝަން އާސިޔާ އަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކޮލެސްޓްރޯލް މައްޗަށް ދިއުމާއި ފުރަމޭގައި ސަރުބީހިފުން ފަދަ ތަފާތު ބަލިތަކަށް މީހާ ހުށަހެޅިގެންދާކަމަށްވެސް އާސިޔާ ވިދާޅުވިއެވެ.
ރޭގަނޑުގެ ނިދި ނިދަން އުނދަގޫވާކަމަށްވާނަމަ ކެއުމުގެ ޒަރީއާއިން އެކަން ރަނގަޅު ކުރުމަށް ކުރެވިދާނެ އެއްކަމަކީ ރޭގަނޑު ނިދާ ގަޑިއާއި ކައިރިކޮށްފައި ކިރުތައްޓެއް ބޯލުންކަމަށް ޑައެޓީޝަން އާސިޔާ ލަފާދެއްވައެވެ.
އެއީ ކިރުގައި ހިމެނޭ "ޓްރިޕްޓޮފެން" ކިޔާ މާއްދާއަކީ ނިދި އަވަސްކުރުވައިދޭ އެމިނޯ އެސިޑެއްކަމަށްވާތީއެވެ. އަދި ކިރުގައި ހިމެނޭ "މެލަޓޮނިން" އަކީވެސް ނިދި އަވަސްކުރުވައިދޭ މާއްދާއެކެވެ.