މޫސުން ގޯސް ދުވަހެއް-- ފޮޓޯ: ދިޔަރެސް

މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް އުދަ އަރާފާނެ: މެޓް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދަވެ އުދައަރާފާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން ބުނީ ވިއްސާރައިގެ ސަބަބުން ވައިގަދަވެ އުދައަރާފާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވެ ރައްކާތެރިވުމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައި ގަދަވެ ގުގުރުން އެކަށީގެންވާ ކަމަށާއި ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މޫސުމާބެހޭ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.

އަދި އެ އިދާރާއިން ބުނީ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށެވެ. ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

އަދި ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދު ކަމަށްވެސް އެއިދާރާއިން ބުނެއެވެ.

މީގެ ކުރިން އެއިދާރާއިން ބުނެފައިވަނީ 2024 ވަނަ އަހަރުގެ ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެންބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެކަމަށް ނިމުތު ކުރެވޭ ކަމަށެވެ.

އަދި ރާއްޖޭގެ ދެކުނަށް މިދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުން ކަމަށާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މިދުވަސްވަރު ފިނިހޫނުމިން އެންމެ މައްޗަށްދާނެ މިންވަރާއި އެންމެ ދަށަށްދާނެ މިންވަރުވެސް އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!