މުސްލިމުންގެ ހަޔާތަކީ ހީވާގި މުރާލި ހަޔާތެކެވެ. މުސްލިމު އަޅާއަކީ ހީވާގި މުރާލި އަޅެކެވެ. އޭނާ ކުރަންޖެހޭ އަޅުކަންތަކުގައިވެސް އަދި މުއާމަލާތުގައިވެސް އެފަދަ މީހާ ވާންވާނީ ފަރުވާތެރި މުރާލި މީހަކަށެވެ. އިސްލާމްދީނަކީ ކަންނެތްކަމުން ދުރުވުމަށް ގޮވާލާ މުރާލިވުމަށް އަމުރުކުރާ ދީނެކެވެ.
މުސްލިމުން ގަބޫލުކުރާ ގޮތުގައި މުސްލިމުންގެ ހަޔާތަކީ ވަރަށް އަގުހުރި ވަގުތުތަކެއްގެ މައްޗަށް ބިނާވެފައިވާ ހަޔާތެކެވެ. އެހެނީ މީހާގެ އުމުރަކީވެސް އެއަށް އަޖަލެއް ކަނޑައެޅިފައިވާ އެއްޗެކެވެ. އެހެންކަމުން ކަންނެތްކަމުގައި މީހާގެ އަގުހުރި ވަގުތުތައް ނަގާލުމަކީ ބޮޑުވެގެންވާ އިސްރާފެކެވެ.
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. " اغْتَنِمْ خَمْسًا قبلَ خَمْسٍ: شبابَكَ قبلَ هَرَمِكَ، وصِحَّتَكَ قبلَ سَقَمِكَ، وغِناءكَ قبلَ فَقْرِكَ، وفَراغَكَ قبلَ شُغلِكَ، وحياتَكَ قبلَ موتِكَ"
މާނައީ: "ފަސްކަމެއްގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ފަގީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި އަވަދިނެތިވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި މަރުވުމުގެ ކުރިން ހަޔާތުގެފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ." (ރިވާކުރެއްވީ އިބްނު އަބިއް ދުންޔާ އަދި އަލްހާކިމް / އަލްބާނީ ރަޙިމަހުއް ﷲ ޞައްޙަ ކުރައްވާފައިވޭ)
މިހަދީޘަށް އަމަލުކުރުމަށްޓަކައި މުސްލިމުއަޅާ އޭނާގެ ކިބައިން ކަންނެތްކަން ފިލުވާލަން ޖެހެއެވެ. ޒުވާން އުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފާ އަޅުކަންތައް ފުރިހަމައަށް އަދާ ކުރެވޭނީ މުރާލިވެވިގެންނެވެ. ދުޅަހެޔޮކަމުގައި ހުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަންވެސް އަޅާއަށް ކުރެވޭނީ ކަންނެތްކަން އެއްފަރާތް ކުރެވިގެންނެވެ. ހަމައެހެންމެ މުއްސަނދިކަމުގެ ފައިދާ ހެޔޮގޮތުގައި ހިފާ އެމުދަލުން ހޭދަކުރުމާއި އެމުދާ އިތުރުކުރުމަށް އަދި އެއިން ދައްކަންޖެހޭ ޒަކާތް ދެއްކުމަށްވެސް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް އަޅާ ހީވާގިވެ މުރާލިވާންޖެހެއެވެ. މިނޫނަސް ހުސްވަގުތުގައި ކަމެއްނެތި ކަންނެތްކަމާއި، ފައިދާއެއް ނެތް ބޭކާރު ކަންކަމުގައި ވަގުތުތައް ނަގާލުމުގެ ބަދަލުގައި މުރާލިވެ ބޭނުންތެރި ކަންކަމުގައި މުސްލިމު އަޅާ އޭނާގެ ވަގުތުތަކާއި ހަޔާތް ހޭދަކުރަންޖެހެއެވެ.
ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި ދިރުއުޅުނު މުނާފިގުންގެ އެންމެ ފާޅުކަން ބޮޑު އެއްސިފައަކީވެސް ކަންނެތްކަމުގެ ސިފައެވެ. ޖިހާދުކޮށް ހަނގުރާމަ ކުރަންޖެހޭ ވަގުތުތަކުގައިވެސް މިބައިމީހުންގެ ކިބައިން މިސިފަ ފާޅުވެއެވެ.
ﷲ تعالى ގުރުއާނުގައި ވަހީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا مَا لَكُمْ إِذَا قِيلَ لَكُمُ انفِرُوا فِي سَبِيلِ اللَّهِ اثَّاقَلْتُمْ إِلَى الْأَرْضِ ۚ﴾ (ތައުބާ 37) މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه ގެ މަގުގައި ހަނގުރާމަ ކުރުމަށް ނުކުންނާށޭ ތިޔަބައިމީހުންނަށް އެންގެވިހިނދު، ތިޔަބައިމީހުން ބިމަށް ބަރުހެލިވެގަތީ ކީއްވެގެންހެއްޔެވެ؟
މިނޫނަސް ނަމާދުވެސް މިބައިމީހުން ކުރަނީ ކަންނެތްކަމާއިއެކުގައެވެ. އެކަމަށް އިޝާރާތްކުރައްވާ ﷲ تعالى ވަހީކުރައްވާފައިވެއެވެ. ﴿إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا﴾ (ނިސާ 142)
މާނައީ: ހަމަކަށަވަރުން، މުނާފިގުން، اللَّه އަށް އޮޅުވައިލަތެވެ. (އެބަހީ: އޮޅުވައިލުމަށްކުރާ ކަހަލަ އަމަލުތައް ކުރެތެވެ.) އެކަލާނގެ އެބައިމީހުންގެ މައްޗަށް އެ އޮޅުވައިލުން ރައްދުކުރައްވާ ހުށްޓެވެ. އަދި، އެބައިމީހުން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ، އެބައިމީހުން اللَّه ހަނދުމައެއް ނުކުރެތެވެ.
މުސްލިމެއްގެ ހަޔާތުގައި ކުރަންޖެހޭ ގިނަކަންކަން ނުކުރެވި މީހާއަށް އުނދަގޫތައް ތަހައްމަލު ކުރަންޖެހޭ އެއް ސަބަބަކީވެސް ކަންނެތްކަމެވެ. އެކަމެއް ކުރަން އޮންނަ ވަގުތުގައި އެކަމެއް ނުކުރެވުމުމެވެ.
މިހެންވެ މިއުއްމަތުގެ ރަސޫލާ މިސިފައިން ރައްކާތެރިވުމަށް މިއުއްމަތަށް މިނުބައި ސިފައިން ދުރުވުމަށް ދުއާ އުނގަންނައިދީފައިވެއެވެ. ((اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ، وَالْكَسَلِ، وَالْجُبْنِ، وَالْهَرَمِ، والْبُخْلِ، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ)) މާނައީ: "އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ނުކުޅެދުންތެރިކަމާއި ކަންނެތްކަމުން އަދި ފިނޑިކަމުންނާއި މުސްކުޅިކަމުންނާއި ބަޚީލުކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ اللهގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ކައްވަޅުގެ ޢަޒާބުންނާއި ދިރިހުރުމާއި މަރުވުމުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ." (ރިވާކުރެއްވީ އިމާމް ބުޚާރީ އަދި މުސްލިމް)
އަދިވެސް ނަބަވީ ސުންނަތުގައި އައިސްފައިވެއެވެ. ((اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ، وَالْكَسَلِ، وَالْجُبْنِ، وَالْبُخْلِ، وَالْهَرَمِ، وَعَذَابِ الْقَبْرِ، اللَّهُمَّ آتِ نَفْسِي تَقْوَاهَا، وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا، أَنْتَ وَلِيُّهَا وَمَوْلَاهَا، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ، وَمِنْ قَلْبٍ لَا يَخْشَعُ، وَمِنْ نَفْسٍ لَا تَشْبَعُ، وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا)) މާނައީ: "އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ނުކުޅެދުންތެރިކަމާއި ކަންނެތްކަމުން އަދި ފިނޑިކަމުންނާއި ބަޚީލުކަމުން އަދި ކައްވަޅުގެ އަޒާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ اللهގެ ހަޟްރަތުން ދަންނަވަމެވެ. އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ނަފްސަށް އެނަފްސުގެ ތަގުވާވެރިކަން (ބިރުވެތިކަން) ދެއްވަވާ އަދި އެނަފްސު ތޯހިރު ކުރައްވާންދޭވެ! ހަމަކަށަވަރުން އިބަ اللهއީ އެންމެމޮޅަށް އެނަފްސު ތޯހިރުކުރައްވާ ރަސްކަލާނގެއެވެ. އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަދި ފައިދާއެއް ނެތް އިލްމަކުންނާއި ބިރުވެތިނުވާ ހިތްތަކުންނާއި ބަނޑުނުފުރޭ ނަފްސުތަކުން އަދި އިޖާބަ ނުކުރެވޭ ދުއާއަކުން މިއަޅާ ރައްކާތެރިކޮށް ދެއްވާނދޭވެ." (ރިވާކުރެއްވީ އިމާމް މުސްލިމް)
މާތް ﷲ އަހަރުމެންނީ ކަންނެތްކަމުން ދުރުވެގެންވާ، އަދި އެންމެހާ އަޅުކަމާއި މުއާމަލާތުގައި އަދި ދުނިޔަވީ ހެޔޮ އެންމެހާ ކަންކަމުގައި މުރާލި ހީވާގި ބަޔަކުކަމުގައި ލައްވާނދޭވެ!