އޭސީސީގެ މެމްބަރުން ނޫސް ކޮންފަރެންސެއްގައި.. ފޮޓޯ: ޕީއެސްއެމް

50 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެންގިން: އޭސީސީ

ދައުލަތަށް ލިބެންޖެހޭ 50,370,512.75ރ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގެ މަސްއޫލިއްޔަތު އޮންނަނީ އެ ކޮމިޝަނުގައި ނޫންކަމަށްވިޔަސް، 2023 ވަނަ އަހަރު އެ ކޮމިޝަނުން ތަޙުޤީޤުކޮށް ނިންމާފައިވާ މައްސަލަތަކުގައި ދައުލަތަށް ލިބެންޖެހޭ 50,370,512.75ރ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށެވެ.

ބަޔާނުގައިވާގޮތުން ވޭތުވެދިޔަ އަހަރު ކޮމިޝަނުން ތަހުޤީޤުކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 10 މައްސަލައެއްގައި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވެއެވެ. އޭގެތެރެއިން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަށް އަންގާފައިވަނީ އެމް.އެމް.ޕީ.އާރު.ސީ އާއި އެމް.ޓީ.ސީއާއި ފެނަކައަށެވެ.

އޭސީސީގެ ބަޔާނުގައިވާ ގޮތުން، 50 މިލިއަނެއްހާ ރުފިޔާ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވީނަމަވެސް އެފައިސާއެއް އެއްވެސް މިންވަރަށް ދައުލަތަށް ލިބިފައިނުވެއެވެ.

ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ، އަނބުރާ ހޯދުމަށްޓަކައި އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރު ބަލައި މޮނިޓަރކުރުމަށް 2022 ވަނަ އަހަރު އެކަމަށް ޚާއްޞަ ނިޒާމެއް ކޮމިޝަނުގައި ވަނީ ޤާއިމްކޮށްފައިކަމަށާއި މި ނިޒާމުގެ ތެރެއިން އިދާރާތަކުން އަމަލުކޮށްފައިވާ މިންވަރު ބެލިބެލުމުގައި، ދައުލަތުގެ އިދާރާތަކުން މިކަމުގައި އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާތީ، ގާނޫނީގޮތުން މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

advertisement
ހިޔާލު ދެއްވާ!