ފޮޓޯ: މިނިސްޓްރީ

ޕޯޗުގީޒުގައި އަރުޝީފުކުރެވިފައިވާ ދިވެހި ތާރީޚާއި ތަރިކައާ ބެހޭ މައުލޫމާތު ހޯދުމަށް މަޝްވަރާ ކުރައްވައިފި

ޕޯޗުގީޒުގައި އަރުޝީފުކުރެވިފައިވާ ދިވެހި ތާރީޚާއި ތަރިކައާ ބެހޭ މައުލޫމާތު ހޯދުމަށް އެގައުމުގެ ތާރީޚާއި ސަގާފަތް ދިރާސާކުރުމުގެ ތަޖުރިބާކާރެއް ކަމުގައިވާ ރޮބަރޓް ޑީ ޖިއާކޯމޯ އާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި, ޕޯޗުގީޒުގައި ހުރި ދިވެހީންގެ ތާރީޚާއި ދިވެހީންގެ ދިރިއުޅުމާ ގުޅިފައި ހުރި ތަރިކަތަކުގެ މައުލޫމާތު ހޯދުން ހިމެނެއެވެ. މިގޮތުން, ދިވެހީންނާއި ޕޯޗުގީޒުންނާ ދެމެދު ހިނގާފައިވާ މުއާމަލާތްތަކާއި, ޕޯޗުގީޒުން ލިޔެފައިވާ ދިވެހީންނާ ބެހޭ ލިޔެކިޔުންތަކުގެ މައުލޫމާތު ހޯދުންވެސް ހިމެނެއެވެ.

މިބައްދަލުކުރެއްވުމުގައި ރޮބަރޓް ވަނީ އޭނާގެ ފަހުގެ ގިނަ މަސައްކަތްތައް ޚާއްސަވެފައިވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތާރީޚާއި ސަގާފަތާއި ތަރިކަތައް ދިރާސާކޮށް, އެ ޤައުމުތަކުގެ ތާރީޚީ ސަގާފަތަށް ގާނޫނީގޮތުން ރައްކާތެރިކަން ހޯދައިދިނުމުގެ ދާއިރާއިންކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެ ފަދަ ދުވަސްވީ ވަޒަންވެރިކަމަކާއި ސަގާފަތެއް އޮތް ގައުމެއްގެ ތަރިކަ މުއްސަނދިކުރުމަށް އޭނާގެ ޝައުގު ވަރަށްބޮޑުކަން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެޤައުމުގެ މީހުންނާއި ދިވެހިންނާ ގުޅުން ހުރި ޙާދިސާތައް ހިމެނޭ ފޮތްތައް ޕޯޗުގީޒް އަރުޝީފުތަކުގައި ހުރި ކަމަށާއި, ދިވެހިން ބޭނުންކޮށް އުޅުނު ގަހަނާ އެޤައުމުގެ ދާރުލްއާސާރުގައި މިހާރުވެސް ފެންނަން އެބަހުރިކަމަށެވެ.

މި ބައްދަލުކުރެއްވުމަށް ފަހު ވަޒީރު އާދަމް ނަސީރު އަރިހުގައި ރޮބާރޓް ވަނީ ކަޅުއޮށްފުންމިގެ ނަކަލުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް ވަޑައިގެން އެ އޮޑި ބައްލަވާލައްވާފައެވެ.

މީލާދީން 1558 އިން 1573 އަށް ދިވެހިރާއްޖެ އޮތީ ޕޯޗުގީޒުންގެ އަޅުވެތިކަމުގައެވެ. މި އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނާއި (ބޮޑުތަކުރުފާނު), އެރަދުންގެ އަޚުންނާއި ބައެއް އެކުވެރީން އިސްވެއެވެ. ކޮންމެ ހިޖްރީ އަހަރެއްގެ ރަބީޢުލް އައްވަލް މަހުގެ 01 ވަނަ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން މިރާއްޖެ ސަލާމަތްކޮށްދެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާން އާ ކުރުމަށެވެ.

advertisement
ހިޔާލު ދެއްވާ!