ރާއްޖޭގެ ހުރިހާ ސްކޫލުތައް ތަމްސީލުވާނެހެން އުފައްދާފައިވާ މާލޭގެ 40 ވަނަ ސްކައުޓް ގްރޫޕުގެ ދަރިވަރުންނަށް އެމްއެންޑީއެފުން "ސްޓޭންޑަޑް ފަސްޓް އެއިޑް އެންޑް ސީޕީއާރު އޭއީޑީ" ކޯސް ހިންގައިފިއެވެ.
ފޭސްބުކް ޕޯސްޓެއްގައި މިކަން ހިއްސާކުރަމުން އެމްއެންޑީއެފް އިން ހާމަކުރައްވި ގޮތުގައި މި ކޯހަކީ މާލޭގެ 40 ވަނަ ސްކައުޓް ގުރޫޕުގެ ދަރިވަރުން، ފަސްޓްއެއިޑް އަދި އެމްބިއުލާންސް ބެޖު ހާސިލުކުރުމުގެ ގޮތުން ހިންގި ކޯހެކެވެ.
މި ކޯހުގައި މާލޭގެ ހަތަރު ސުކޫލަކުން ބައިވެރިވެފައިވެއެވެ. އަދި ކޯސް ފުރިހަމަ ކޮށްފައިވާ ދަރިވަރުންނަށް ސެޓްފިކެޓާއި ސީޕީއާރު ކާޑު ހަވާލު ކުރެއްވީ މޭޖަރ ޑރ. މުޙައްމަދު ފާލިޙް ޢަލީއެވެ.
މޭ މަހުގެ 5 އިން 11 އަށް ހަ ދުވަހުގެ މުއްދަތަށް ހިންގި މި ކޯހަކީ ކުއްލި ޙާލަތްތަކުގައި ފައިދާހުރި ގޮތެއްގައި ހަރަކާތްތެރިވުމަށް ތައްޔާރުވުމުގެ އިތުރުން ރައްކާތެރިކަމާއި، ޒިންމާދާރުކަމާއި، އޯގާތެރިކަމުގެ ސަޤާފަތެއް އާލާކުރުމުގެ މަގްސަދު ހިމެނޭހެން ފަރުމާކުރެވިފައިވާ ކޯހެކެވެ.