ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއުކުރާތާ 3 މަސް ދުވަހުގެ ތެރޭގައި، ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރުން ލާޒިމުކޮށް ބިމާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގުކުރަން ފޮނުވުމުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވަވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ ރައީސް މުޢިއްޒު ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް 9 ވަނަ އިސްލާހު ގެނައުމުގެ ބިލާ މެދު އަލުން ވިސްނާވަޑައިގަތުމަށް، ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަޖިލީހުގައި އެދިވަޑައިގެން، އެ ބިލު ތަސްދީގު ނުކުރައްވައި، އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވަވާފައިވާ ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމު ހުށަހެޅުއްވި އެ ބިލު މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ދިރިއުޅުމަށް ދޫކުރާ ގޯތި ލިބުނު މީހުންގެ ލިސްޓު ނެރޭތާ 6 މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރުން ލާޒިމު ކުރުމަށް ބިމާ ބެހޭ ގާނޫނުގައި ހިމަނަން މި ބިލުގައި މަޖިލީހަށް ހުށަހެޅި ނަމަވެސް ބިލް ދިރާސާ ކުރި ކޮމިޓީން އެ މުއްދަތު 3 މަސް ދުވަހަށް ކުޑަ ކުރިއެވެ. ކޮމިޓީން ބޭނުންވިގޮތަށް މަޖްލީހުން ފާސްކޮށް އެ ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގައެވެ.
މީކާއީލް ވިދާޅުވީ ގާނޫނަށް މި އިސްލާހު ގެނައުމުގެ މައިގަނޑު ސަބަބަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގި “ބިންވެރިޔާ ސްކީމް” ގެ ދަށުން އެތައް އަހަރު ތަކަކަށްފަހު މާލެ ސަރަހައްދުން ދޫކުރަން ނިންމި ބަންޑާރަ ގޯތިތައް، އެ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓްގައި އާންމު ކުރުމަށްފަހު އެތައް ދުވަހެއް ފާއިތުވެފައި ވީނަމަވެސް، އެ ގޯތިތައް ޙަވާލު ކޮށްފައިނުވާތީ، އެ ފަރާތްތަކުން ފާޅު ކުރަމުންދާ ކަންބޮޑުވުންތަކަށް ގާނޫނީ ގޮތުން ހައްލެއް ހޯދައިދިނުމެވެ.
އަދި މިފަދަ މައްސަލަތައް ތަކުރާރުވެގެން ނުދާނޭކަން ކަށަވަރު ކުރުމާއި ބަންޑާރަ ގޯތި ދޫކުރާ އިދާރާތަކުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްފަހު، އެ ފަރާތްތަކަށް އަވަސް މުއްދަތެއްގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ޖެހޭގޮތް ހެދުމެވެ.