ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗްގައި ހަދާފައިވާ ހަޓްތައް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އަންގައިފި

ހުޅުމާލޭގެ ދެވަނަ ވަނަ ފިޔަވަހީގެ ރުއްގަނޑު ތިނެއްގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި އެތަނުން ނަގައި ހުސް ސަރަހައްދަކަށް ބަދަލުކުރުމަށް ހައުސިން ޑޮވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެގޮތުން މަހުގެ 31 ވަނަ ދުވަހުގެ ގެ ނިޔަލަށް، އެ ކޯޕަރޭޝަންގެ އިރުޝާދުގެ ދަށުން، ބިމުގެ އިމުގެ ތެރެއިން ހުސްކޮށް އޮތް ސަރަހައްދަށް ބަދަލުވުމަަށް ވަނީ އަންގާފައެވެ.

އެޗްޑީސީން ބުނާގޮތުގައި އަމިއްލަ ފަރާތްތަކުން އެކި ބޭނުންތަކަށް ހަޓްތައް ހަދާފައިވާ އެ ސަރަހައްދަކީ ތަރައްގީގެ މަރުހަލާގައި އޮތް ސަރަހައްދެކެވެ. އަދި މިހަޓްތަކުގެ ސަބަބުން މަސައްކަތަށް ވަރަށް ގިނަ ދަތިތަކެއްދަނީ ކުރިމަތިވަމުންނެވެ.

އަދި އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން އެ ސަރަހައްދު ތަރައްގީކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނާގޮތުގައި އެފަރާތުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިދުމަތްތައް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށެވެ.

advertisement
ހިޔާލު ދެއްވާ!