އައިޖީއެމްއެޗުގެ ޑައިޓީޝަނެއް ބަލިމީހެއް ބެލުމުން މަނާވެގެންފި

އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ ޑައިޓިޝަނެއް ކަމަށްވާ އާސިޔާ ޢަބްދުއްރަޙީމް ބަލިމީހެއްގެ ބޭސްސިޓީގައި ދެން އެބަލީމީހާއަށް އައިޖީއެމްއެޗުން އާސިޔާއަށް ދެއްކުމަށް އެޕޮއިންޓްމެންޓް ނުދިނުމަށް ލިޔުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ބޭސްސިޓީގައިވާ ގޮތުން އާސިޔާ މިގޮތަށް ލިޔެފައިވަނީ އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކި ހަކުރުބައްޔަށް ބޭސްކުރާ 62 އަހަރުގެ މީހެއްގެ ބޭސް ސިޓީގައެވެ.

މި ވާހަކަ ފޭސްބުކް ގައި ހިއްސާ ކުރިމީހަކު ވަނީ ޑޮކްޓަރެއްކަމުގައި ވިޔަސް ވަކި މީހަކަށް ވަކި ގޮތެއް ނުހެދޭނެ ކަމަށާއި ބަލިމީހާ ނުބަލާނެކަމަށް ބުނާ ހިސާބުން މިކަން ނުނިމޭނެކަމަށް ބުނެފައެވެ.

މި ޕޯސްޓާއެކު ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ އާސިޔާއަށް އަމާޒުވެފައެވެ. އެހެންނަމަވެސް ބައެއް މީހުން ދަނީ ޑޮކްޓަރުގެ ދިފާއުގައިވެސް ވާހަކަ ދައްކަމުންނެވެ.

ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕޯސްޓުގައިވާގޮތުން ބަލިމީހާގެ ބޭސް ސިޓީގައި މިގޮތަށް ލިޔެފައިވަނީ ބަލިމީހާ 3 ޖޫސްތަށި ބުއިމުގެ ސަބަބުންނެވެ. އެހެންނަމަވެސް، ބޭސް ސިޓީގައި އާސިޔާ ލިޔެފައިވަނީ ހަކުރުބައްޔަށް ބޭސްކުރާ މި ބަލިމީހާ އާސިޔާގެ އިރުޝާދަށް ތަބާނުވާ ކަމަށާއި ދަންގަޑީގައި ކެއުމުގެ އިތުރުން ދުވާލަކު 3 ތަށްޓަށްވުރެ ގިނައިން ޖޫސް ބޭނުންކުރާ ކަމަށެވެ.

މިކަމާ ގުޅިގެން ގިނަ މީހުންގެ ވާހަކަތައް ހުރީ އާސިޔާއާއި ދެކޮޅަށެވެ. އެއީ ޑޮކްޓަރެއް ކަމުގައިވާނަމަ ބަލިމީހުންނަށް އޯގާތެރި ވާންޖެހޭނެ ކަމަށާއި މި މައްސަލަ ހެލްތް މިނިސްޓްރީއަށް ހުށައަޅަން ޖެހޭ ކަމަށްވެސް ބައެއް މީހުން ބުނެއެވެ.

އެހެންމީހުންގެ ރައުޔުގައި ޑައިޓިޝަނެއްގެ އިރުޝާދުތަކަށް "ފޮލޯ" ނުކުރާނަމަ ޑައިޓިޝަނަކަށް ދެއްކުމުގެ ބޭނުމެއްނެތެވެ. އަދި ވަގުތުބޭކާރުކުރުމަށް އެފަދަ ބަލިމީހެއް ބެލުމުގެ ބޭނުމެއްނެތެވެ.

ކޮންމެއަކަސް މިކަމުގައި އާންމުންގެ ޚިޔާލު ވަނީ ތަފާތުވެފައެވެ.

މިމައްސަލާގައި އައިޖީއެމްއެޗުންވެސް އަދި އާސިޔާވެސް އެއްވެސް އެއްޗެއް އަދި ނުބުނެއެވެ.

advertisement
ހިޔާލު ދެއްވާ!