ބުރިޖު މަތިން ހެލްމެޓް ނާޅާ ދުއްވި ދެމީހަކު ޖޫރިމަނާ ކޮށްފި

ސިނަމާލެ ބުރިޖު މަތިން ސައިކަލެއްގައި ހެލްމެޓް ނާޅާ ދިޔަ ދެމީހުން ޖޫރިމަނާ ކޮށްފިއެވެ.

ބުރިޖު މަތިން ހެލްމެޓް ނާޅާ ސައިކަލު ދުއްވަން އިނީ ފިރިހެނެކެވެ. އަދި އޭނާގެ ފަހަތުގައިން އަންހެން މީހާ ވެސް އިނީ ހެލްމެޓެއް ނާޅައެވެ. މި ދެމީހުން ސައިކަލުގައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެއާއެކު ގިނަ ބައެއްގެ ފާޑު ކިޔުންތައްވެސް ވަނީ މިދެމީހުންނަށް އަމާޒުވެފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ދެމީހުންނާއި ދެމެދުގައިވެސް ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅު އަޅާފައެވެ. ދެމީހުން ޖޫރިމަނާ ކުރުމުގެ އިތުރުން ދެމީހުންނަށް މިކަހަލަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ގާނޫނާއި ގަވާއިދުތައް ހަދާފައިވަނީ އެންމެންގެވެސް ރައްކާތެރިކަމަށްޓަކައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސިނަމާލެ ބުރިޖަކީ ވަކިން ޚާއްސަ ގޮތެއްގައި އެކްސިޑެންޓްގެ އަދަދު ގިނަ ތަނެކެވެ. އެހެންކަމުން އަމިއްލަ މީހާއާއު އެހެންމީހުންގެ ރައްކާތެރިކަމަށްޓަކައި މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާށެވެ.

advertisement
ހިޔާލު ދެއްވާ!