ބަހުސުގެ ހަގީގީ މަގުސަދަކީ ފިކުރީ އުދަރެސް ތަނަވަސްކުރުންކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 11 ވަނަ ބަހުސް މުބާރާތް ފެށުމަށް މިއަދު ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވިގޮތުގައި ކޮންމެ ބަހުސަކީ ވެސް އެހިނދަކަށް އޮތް މުހިންމު މައްސަލައެއްގެ މައްޗަށް ކުރެވޭ ބަހުސަކަށް ހެދުން މުހިންމުކަމަށާއި ބަހުސުގެ ސަބަބުން އާ ވިސްނުންތަކާއި އާ އީޖާދުތަކާއި އުފެއްދުންތެރިކަން އުފަންވާ ކަމުގައެވެ.
މިގޮތުން, ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައި ކުރެވޭ ބަހުސުތަކުގެ ހަގީގީ މަގުސަދަކީ އެކިބާވަތުގެ ޢިލްމުތަކުގެ ދާއިރާއިންނާއި ދުނިޔެއާއި ޤައުމާއި އެކި ސަރަހައްދުތަކާ ގުޅިފައިވާ މައްސަލަތަކާ ބެހޭ ދާއިރާތަކުން ދަރިވަރުންގެ ފިކުރީ އުދަރެސް ތަނަވަސްކުރުން ކަމަށާއި އޭގެ ބޭނުމަކީ މާދަމާއަށް އެންމެ ހެޔޮ ގޮތް ހޯދުން ކަމަށާއި ހުރިހާ މާނައެއްގައި ސަލާމަތާއި ރައްކާތެރިކަމަށް ދަރިވަރުންގެ ލޯހުޅުވުން ކަމުގައެވެ.
"ރާއްޖޭގައި މިހާރު ބަހުސުކުރެވޭ ގޮތް އިތުރަށް ތަރައްޤީ ކުރެވިދާނެ. އޭރުން ބުނާ ވާހަކައިގެ އަޑު ބާރުވުމަށްވުރެ ބުނާ ވާހަކައިގެ އާރު މާ ގަދަވާނެ. ބުނުންތައް ހުންނާނީ ބުއްދީގެ ގިއުގަނޑަކަށް އެކަށައަޅާލެވިފައި. އަޑު އަހާލަން ފަސޭހަވާނެ. އޮއްޓަރު ހެޔޮވާނެ." ވަޒީރު ވިދާޅުވިއެވެ.
މިރަސްމިއްޔާތަށް ފަހު ވަޒީރު ވަނީ މުބާރާތުގެ ފުރަތަމަ ބަހުސް ބައްލަވާލައްވާފައެވެ. މި ބަހުސްގެ ވާދަވެރިންނަކީ 2021 ވަނަ އަހަރުގެ ޗެމްޕިއަން ޓީމް ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއާއި 2022 ވަނަ އަހަރުގެ ޗެމްޕިއަން ޓީމް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއެވެ.
މި މުބާރާތަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެހެނިހެން ކޮލެޖް ޔުނިވަރސިޓީތަކަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މުބާރާތެއްކަމުގައި އެޔޫނިއަނުން މައުލޫމާތު ދެއެވެ. އެގޮތުން މިއަދުން ފެށިގެން މިމަހުގެ 25 އަށް ކުރިއަށް ދާ މި މުބާރާތުގައި 9 ޓީމަކުން ވާދަކުރެއެވެ.