ޖޯން ކުއިންސީ އެޑަމްސް (ކަނާތްފަރާތުގައި) އާއި އެންޑްރޫ ޖެކްސަން

ބައިޑެނާއި ޓްރަމްޕްގެ ވާދަވެރިކަން: 1824ގެ ސީނާރިއޯއަށް އެމެރިކާ ގެންގޮސްފާނެބާ!

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ބާކީ އޮތީ ހައެއްކަ މަސްދުވަހެވެ. މި އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ލަފާކުރެވޭ މިހާރުގެ ރައީސް ބައިޑެނާއި ކުރީގެ ރައީސް ޓްރަމްޕްގެ ކޯޅުންތަކާއި މައްލަވަކުރެއްވުންތައް ދުވަހެއްދުވަހަކަށް ދަނީ އިތުރުވަމުން ސިޔާސީ  މަސްރަޙުގެ ދިލަ ގަދަކުރަމުންނެވެ.

އެމެރިކާގެ މިއަދުގެ ޙާލަތަށް ބަލާއިރު 1824 ގައި އެމެރިކާ ދެކެފައިވާ ސިޔާސީ ގަނޑުބަޑުކަމާ މިއަދުގެ ޙާލަތު ވައްތަރުކަމަށް ސިޔާސީ މުޙައްލިލުން ވިދާޅުވެއެވެ. މިއަދު ރައީސް ބައިޑެނާއި ރައީސް ޓްރަމްޕާ ދެމެދުގައި ހިނގަމުންދާ އަރާރުންތަކާއި ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން  އެމެރިކާގެ ސިޔާސީ މަސްރަޙަށް އަސާސީ ބަދަލުތަކެއް އަތުވެދާނެއެވެ. އެއީ ދުއި ސައްތަ އަހަރުކުރިން އެމެރިކާގެ ސިޔާސީ މަސްރަޙު ދެކެފައިވާ ބަދަލުތަކާ އެއްފަދަ ބަދަލުތަކެކެވެ.

1824ގެ އިންތިޚާބުގައި ހިނގައިފައިވަނީ ކޮން ކަމެއް؟

އެމެރިކާގައި 1824 ގައި ބޭއްވުނު ރިޔާސީ އިންތީޚާބުގައި 4 ބޭފުޅަކު ވާދަކުރައްވައިފައި ވެއެވެ. އެއީ ޖޯން އެޑަމްޒް އާއި ޚާރިޖީވަޒީރު އެންޑްރޫ ޖެކްސަން އާއި  ޓެނަސީ ސްޓޭޓްގެ ކުރީގެ ސެނެޓަރ އަދި ޚަޒާނާއާބެހޭ ވަޒީރު ވިލިއަމް ކްރޮފޯރޑްއާއި ކެންޓަކީ ސްޓޭޓްގެ މެންބަރު އަދި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ހެންރީ ކްލޭ އެވެ.

މި ހަތަރު ބޭފުޅުންނަށް ސްޓޭޓްތަކުން ލިބިވަޑައިގެންނެވި ވަރުގަދަ ތާއީދުގެ ސަބަބުން  އެއްވެސް ބޭފުޅަކަށް އިންތިޚާބީ އެކުވެނިން (އިލެކްޓޯރަލް ކޮލެޖުން) އަޣުލަބިއްޔަތެއް ލިބިވަޑައެއް ނުގެންނެވިއެވެ. އެހެންކަމުން އެމެރިކާގެ ދުސްތޫރުގެ 12 ވަނަ އިޞްލާޙާ އެއްގޮތްވާގޮތުގެ މަތިން އެމެރިކާގެ 6ވަނަ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރުމުގެ މަސްއަލަ ދިޔައީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އަށެވެ. މި ކަމަށް ޓަކައި ހައުސްގެ މެންބަރުން އާދަޔާޚިލާފު ޖަލްސާއެއް ބޭއްވެވިއެވެ. ހެންރީ ކްލޭ،  ޖޯން އެޑަމްސްއަށް    ތާއީދުކުރެއްވުމުގެ ސަބަބުން އެޑަމްސް ރައީސަކަށް އިންތިޚާބު ކުރެވުނެވެ. އަދި ހެންރީ ކްލޭ ، ޖޯން އެޑަމްސްއަށް ތާއީދު ކުރެއްވުމުގެ ސަބަބުން އޭނާއަށް ޚާރިޖީ ވަޒީރުކަން ލިބިވަޑައިގަތެވެ. މިކަމާ ވިދިގެން އެންޑްރޫ ޖެކްސަންއާއި އޭނާގެ ވާގިވެރިން އެއީ އަނަފާއެއް ކަމަށް ތުހުމަތުކުރެއްވިއެވެ. ސިޔާސީ ފާސިދު ޢަމަލެއްކަމަށް ތުހްމަތު ކުރެއްވިއެވެ. މިކަމާ ވިދިގެން އެންޑްރޫ ޖެކްސަން ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓިކް ޕާޓީ އުފެއްދެވިއެވެ. އެޑަމްސްއާއި އޭނާއަށް  ތާއީދު ކުރި މީހުން ޖުމްހޫރީ ޕާޓީ އުފެއްދެވިއެވެ. އެމެރިކާގައި ދެ ޕާޓީގެ ސިޔާސީ ނިޒާމު ޤާއިމުވީ  އެ ހިސާބުންނެވެ. މިއީ އެމެރިކާގެ ސިޔާސި މަސްރަޙަށް އައި ވަރަށް ބޮޑު އިންޤިލާބެކެވެ.

މި ސިޔާސީ އިންޤިލާބާ ވިދިގެން އެންޑްރޫ ޖެކްސަނަށް 1828 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުނެވެ. އެހިސާބުން ޖެކްސޯނީ ދީމުޤްރާޠީ ޢަޞްރު އެމެރިކާގައި ފެށުނެވެ. އެހިސާބުން ރައްޔިތުންގެ ވަރުގަދަ ތާއީދާއި ތަންފީޒީ ވަރުގަދަ ބާރެއް އުފެދިގެން ދިޔައެވެ.

ޓްރަމްޕް ބައިޑެންގެ ސިޔާސީ އަރާރުން

ސިޔާސީ މުޙައްލިލުން ވިދާޅުވާ ގޮތުގައި މިއަދު އެމެރިކާ ދެކެމުން މި ދަނީ  1824އާ އެއްފަދަ ސިޔާސީ ކޯޅުންތަކެކެވެ. އެމެރިކާގައި 2020ގައި ބޭއްވުނު އިންތިޚާބުގައި ވޯޓާ ކުޅެފައިވާ ކަމަށް ދަނީ ތުހުމަތުކުރަމުންނެވެ. ޓްރަމްޕާއި އޭނާއަށް ތާއީދުކުރާ މީހުން ތުހުމަތުކުރާ ގޮތުގައި 2020 ގެ ރިޔާސީ އިންތިޚާބުގައި ވަނީ ވަރަށް ބޮޑަށް މަކަރާއި ޙީލަތް ހަދައި އޮޅުވައިލައިފައެވެ. ބައިޑެނާއި އޭނާގެ ވާގިވެރިން މިކަމާ ދެކޮޅުހަދައެވެ. އެމީހުން ބުނާގޮތުގައި އިންތިޚާބު ބޭއްވިފައިވަނީ ނަޒާހަތްތެރިކަމާއެކުގައެވެ.

މިކަމާ ވިދިގެން އެމެރިކާގެ ސިޔާސީ މަސްރަޙު ވަނީ ވަރަށް ބޮޑަށް ދެ ތަނޑިވެފައެވެ. ޑިމޮކްރެޓުންގެ ތަނޑިއަކަށާއި ޖުމްހޫރީންގެ ތަނޑިއަކަށެވެ.  ޞިއްޙަތާއި  އިޤްތިޞާދާއި  ޚާރިޖީ ސިޔާސަތުފަދަ މުހިއްމު ނާރެސްތަކުގައި އެމެރިކާ ވަނީ ބައިބައިވެފައެވެ. މީގެއިތުރަށް ކޮރޯނާ ޢާލަމީ ވަބާގެ ސަބަބުންނާއި ޔުކްރޭން ހަނގުރާމައިގެ ސަބަބުންނާއި ޗައިނާ އިޤްތިޞާދީ މައިދާނުގައި އެމެރިކާއާ ވާދަވެރި ގޮތަކަށް  ކުރިއަރަމުން އަންނައައުމުގެ ސަބަބުން ސިޔާސީ މަސްރަޙު ވަނީ އިތުރަށް ބައިބައިއިވެ އަރާރުން ބޮޑުވެފައެވެ.

ސިޔާސީ ތަނޑިތަކަށް އެމެރިކާގެ ސިޔާސީ މަސްރަޙު ބައިބައިވުމުގެ ސަބަބުން ސިޔާސީ އައު ޕާޓީތަކެއް އުފެދިދާނެކަމުގެ ބިރު ވަނީ އިތުރުވެފައެވެ. ޖުމްހޫރީ ޕާޓީގެ އެތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން އެ ޕާޓީ ބައިބައިވެގެން ހިގައިދާނެކަމުގެ ބިރުވަނީ ބޮޑުވެފައެވެ. ރައީސް ޓްރަމްޕަށް ބަލާއިރު އޭނާއަކީ  އެންޑްރޫ ޖެކްސަންފަދަ ސިޔާސަތެއްގެ ވެރި ބޭފުޅެކެވެ. ޢާންމު ރައްޔިތުންގެ ގާތުގައި ޓްރަމްޕްގެ މަޤްބޫލުކަން ވަރަށް ބޮޑެވެ.  ޓްރަމްޕްގެ ސިޔާސަތު ބިނާކުރައްވައިފަނީ އާންމު ސުދެމިންގެ ފުޅައު ތަރަހައެއްގެ މަތީގައެވެ.  ޓްރަމްޕް މަސައްކަތް ކުރައްވަނީ އެމެރިކާގެ ޢާންމު ޢުރުފަށް ގޮންޖަހާފަދަގޮތަކަށް އޭނާގެ ތާއީދު ބޮޑުކޮށް އެމެރިކާގެ ސިޔާސަތަށް އިންޤިލާބީ ބަދަލުތަކެއް ގެނެސް "އެންމެ ފުރަތަމަ އެމެރިކާ" ގެ ޝިޢާރު އިސްކުރެއްވުމަށެވެ.

ޕޮލިޓިކޯ  ދުވަހުނޫސް ބުނާގޮތުގައި ވޭތުވެދިޔަ 25 އަހަރަށް ބަލާއިރު ޖުމްހޫރީންނަށް ޢާންމު ރައްޔިތުންގެ ތާއީދު ވަނީ ގެއްލިފައެވެ. އެ ޕާޓީން އިންތިޚާބުތައް ކާމިޔާބުކޮށްފައިވަނީ އިންތިޚާބީ އެކުވެނީގެ ތެރެއިންނެވެ. ވޭތުވެދިޔަ 32 އަހަރަށް ބަލާއިރު ޖުމްހޫރީން ރައްޔިތުންގެ އާންމު ވޯޓުން އިންތިޚާބުވެފައި ވަނީ ހަމަ އެންމެ ފަހަރަކުއެވެ. އެހެންކަމުން ދާރިސުން ވިދާޅުވާ ގޮތުގައި ޓްރަމްޕް މަސައްކަތް ކުރައްވާނީ ހައުސްގެ ތެރެއިން ރިޔާސި އިންތިޚާބު ކާމިޔާބު ކުރެއްވޭތޯއެވެ. ހައުސްއާ ހަމައަށް މަސްއަލަ ހިނގައްޖެނަމަ ޖުމްހޫރީންނަށް އިންތިޚާބު ކާމިޔާބުވާނެ ކަމަށް ނިމުތު ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!