ފޮޓޯ: ކިޔުންތެރިއެއް

ކަނޑޫދޫގައި ފާރު ދަށުވެ ސީރިޔަސް އަނިޔާތަކެއްވި ކުއްޖާ އިތުރު ފަރުވާނުލިބި ރަށު ސިއްހީ މަރުކަޒުގައި

ތ.ކަނޑޫދޫގައި އުމުރުން 10 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ ގައިމައްޗަށް ފާރެއް ވެއްޓި އެ ކުއްޖާއަށް ސީރިޔަސް އަނިޔާތަކެއް ލިބިއްޖެއެވެ.

އެރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މިއަދު އިރުއޮއްސެން އުޅެނިކޮށް ހިނގި މި ހާދިސާގައި އެކުއްޖާއަށް ވަނީ ސީރިއަށް އަނިޔާތަކެއް ލިބިފައެވެ. އެ މީހާ ބުނިގޮތުގައި އެ ފާރަކީ ގިނަ ދުވަސްވުމުގެ ސަބަބުން ވަރަށްބޮޑަށް ހަލާކުވެ މަގުމައްޗަށް އަރިއަޅާލާފައި ހުރި ފާރެކެވެ.

ރަށުގެ ޑޮކްޓަރާ ހަވާލާދީ ކަނޑޫދޫން މައުލޫމާތު ލިބޭގޮތުގައި އެ ކުއްޖާގެ އެތެރެހައްޓަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ބެލެވެއެވެ. އެހެންނަމަވެސް، ރަށުގައި އެކްސްރޭގެ ޚިދްމަތް ލިބެން ނެތުމުންނާއި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރެއް ނެތުމުން ލިބިފައިވާ އަނިޔާތައް ދެނެގަނެވޭނެގޮތެއް ނެތެވެ.

އަދި ކަނޑު ގަދަވެ ސީ އެންބިއުލާންސަށް ދަތުރުނުކުރެވޭތީ އިތުރު ފަރުވާއަށް އެ ކުއްޖާ ރަށުން ފުރުވާލެވޭގޮތް ވަނީ ނުވެފައެވެ.

ސީ އެމްބިއުލާންސަށް ދަތުރުނުކުރެވުނު ނަމަވެސް، ރާއްޖޭގެ 2 ސަރަހައްދެއްގައި އިންޑިޔާއިން ހަދިޔާކޮށްފައިވާ 2 ހެލިކޮޕްޓަރު އޮވެއެވެ. އެހެންނަމަވެސް އެ ކުއްޖާ އިތުރު ފަރުވާއަށް އަތޮޅު ހޮސްޕިޓަލަށް ނުވަތަ މާލެއަށް ގެނައުމުގައި ސަރުކާރުން ރާވަމުންދާ ގޮތް އަދި ހާމަކޮށްފައިނުވެއެވެ.

advertisement
ހިޔާލު ދެއްވާ!