ފޮޓޯ: SbytovaMN/Thinkstock

ބަރުދަން އިތުރުވުން ސްކްރީނާ ގުޅިފައި... އެއީ ކީއްވެ؟

ކާންދޭ ގަޑީގައި ސްމާރޓްފޯން ބޭނުންކުރާ ކުދިންގެ ބަރުދަން އިތުރުވުމުގެ ފުރުސަތު ވަރަށްބޮޑުކަމަށް ދާދިފަހުން ކުރި ދިރާސާއެއްގައި ބުނެފިއެވެ.

މި ދިރާސާ ކޮށްފައިވަނީ ޕޯޗުގީޒުގެ މިންހޯ ޔުނިވަރސިޓީގެ ޓީމަކުންނެވެ. އެޓީމުން ބުނީ ކާންދޭ ގަޑީގައި ނުވަތަ ކާންތިބޭއިރު ސްކްރީން ބޭނުންކުރުމުން ބަނޑުފުރޭކަން އިހުސާސްނުވާ ކަމަށާއި އެކަމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ކެއުމަށް މަގުފަހިވުމަކީ ބަރުދަން އިތުރުވުމަށް މެދުވެރިވާ ސަބަބުކަމުގައެވެ.

އުމުރުން 6 އަހަރާއި 10 އަހަރާ ދެމެދުގެ 735 ކުދިން ބޭނުންކޮށްގެން ކޮށްފައިވާ މި ދިރާސާގެ ބައިވެރިންވަނީ މި 735 ކުދިންގެ ކެއުމުގެ އާދަތަކާއި ކާގަޑީގައި ސްކްރީން ބޭނުންކުރުމުގެ ހުއްދަ އޮތްނެތް މިންވަރު ބަލާފައެވެ.

ދިރާސާގެ ނަތީޖާގައި ބުނާގޮތުން ސްކްރީން ބޭނުންކުރުމުގެ ހުއްދަ ނުވަތަ ކާން ތިބެ ޓީވީ ބެލުމުގެ ހުއްދަ ދީފައިވާ ކުދިންގެ ބަރުދަން އިތުރުވުމުގެ ފުރުސަތު ސްކްރީން ބޭނުންނުކުރާ ކުދިންނާ އަޅާބަލާއިރު 15 ޕަސެންޓް އިތުރެވެ. ޓީމުން އިތުރަށް ހާމަކުރިގޮތުގައި ކާގަޑީގައި ސްކްރީން ބޭނުންކުރުމުގެ ހުއްދަދީފައި އޮންނަކަމަށް ބައެއް ބެލެނިވެރިން އިޢްތިރާފުވާން ބޭނުންނުވާކަން ފާހަގަވެފައިވާތީ މި ނިޞްބަތް ހުންނާނީ މިއަށްވުރެވެސް މަތީގައިކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މި ދިރާސާގެ ހޯދުންތައް ހުށަހަޅާފައިވަނީ އިޓަލީގެ ވެނިސްގައި ބޭއްވި ޔޫރަޕިއަން އޮބެސިޓީ ކޮންގްރެސްގައެވެ. ޓީމުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ލީޑް ރިސާޗަރ ޑރ. އަނާ ޑުއާޓޭ ވިދާޅުވީ ކާގަޑީގައި ކުޑަކުދިން ޓީވީ ނުވަތަ މޯބައިލް ފޯނުން އެއްޗެއް ބަލާއިރު، ސްކްރީނަށް ދެވޭ ސަމާލުކަމުގެ ސަބަބުން ކެއުން ހުއްޓާލަން ނޭނގި ކުރިޔަށްދެވޭ ކަމަށެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ފައުންޑޭޝަންގެ ކޯ ފައުންޑަރ ޓޭމް ފްރައިވެސް ވަނީ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ ބަރުދަން އިތުރު ކުދިންނަށް ހަކުރުބަލި ފަދަ ބަލިތައް ޖެހޭކަންވެސް ފާހަގަވާކަމަށާއި، މިއީ ކުރިން ބޮޑެތި މީހުންނަށް އެކަނި ޖެހޭ ބަލިތައްކަމަށެވެ.

ކާގަޑީގައި ނޫނަސް ސްކްރީނަށް ކުދިން ދެވިހިފާފައިވުމަކީ މިހާރު ކުރިމަތިވެފައިވާ އާލަމީ ވަބާއެކެވެ. އެހެންކަމުން، ރައްކާތެރިގޮތުގައި ސްކްރީން ބޭނުންކުރުމަށް އުޞޫލުތަކެއް އެކަށައަޅައިގެން އެކަންކަން ތަރުތީބުކޮށް ބެލެހެއްޓުމަކީ ބެލެނިވެރިންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ.

advertisement
ހިޔާލު ދެއްވާ!