5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ދިރާސާތަކެއް ކުރުމަށް ޗައިނާއިން ޓީމެއް ރާއްޖެ އަންނާނެ: ސަފީރު ވަންގ ލިޒިން

ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމު ކުރިއަށްގެން ދިއުމުގެ ކުރިން ރާއްޖޭގެ ވެލިގަނޑުގެ ދިރާސާއެއް ކުރުމަށް ޗައިނާއިން ޓެކްނިކަލް ޓީމެއް ރާއްޖެ އަންނާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވިދާޅުވެއްޖެ އެވެ.

ވަންގ މިފަދައިން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.

ވަންގ ލިޒިން ވިދާޅުވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހިންގާ ގަސް އިންދުމުގެ ޕްރޮގުރާމާ ގުޅޭގޮތުން ޗައިނާގެ ފުޖިއަން ފޮރެސްޓަރީ އެޑްމިނިސްޓްރޭޝަނުން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމު ކުރިއަށް ގެންދިއުމުގެ ކުރިން ފުޖިއަން ފޮރެސްޓަރީ އެޑްމިނިސްޓްރޭޝަންގެ ޓެކްނިކަލް ޓީމެއް ރާއްޖެ އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވަންގ ވިދާޅުވީ އެޓީމުން އައިސް ރާއްޖޭގައި ދިރާސާތަކެއް ކުރާނެކަމަށާއި ދިރާސާތަކުގައި ރާއްޖޭގެ ވެލިގަނޑު ދިރާސާކޮށް ރާއްޖޭގައި ފަސޭހައިން ހެއްދޭނީ ކޮންކަހަލަ ގަހެއްތޯ ބަލާ ވުޒާރާއަށް ލަފާ އަރުވާނެކަމަށެވެ.

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އަންނަ މަހުގެ 5 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހު ފެށުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

އަދި މި ޕްރޮގްރާމް މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކުގައިވެސް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

advertisement
ހިޔާލު ދެއްވާ!