ޙަމާސްގެ ލީޑަރ ހަނިއްޔާ. ފޮޓޯ: އޭއެފްޕީ

ހަނގުރާމައަށް ފަހު އަންނަ ދުވަހުގެ ކުރިމަގު ކަނޑައަޅާނީ ޙަމާސާއި ފަލަސްޠީނުގެ މުޖާހިދުން - ހަނިއްޔާ

ޣައްޒާގެ ދެކުނުގެ ސަހަރެއްކަމުގައިވާ ރަފަޙަށް އެރުން ކުރިއަށް ގެންދިޔުމަށް އިސްރާއީލުން ގެންގުޅޭ ޢުދްވާނީ ވިސްނުމުގެ ސަބަބުން އަސީރުން ބަދަލުކުރުމާ ބެހޭގޮތުން ޤަޠަރާއި މިޞްރު މެދުވެރިވެގެން ބޭއްވެމުންދާ ވާހަކަދެއްކުންތަކުގެ ނިމުން ނޭނގޭ މަގެއްމަތީގައި ކަނޑުމަތިއަޅައިފައިވާ ކަމަށް ޙަމާސްގެ ސިޔާސީ ޒަޢީމު އިސްމާޢީލު ހަނިއްޔާ ވިދާޅުވެއްޖެއެވެ.

އޭނާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ  76ވަނަ " ނަކްބާދުވަސް" ގެ މުނާސަބަތުގައެވެ. އޭނާ ބާރުލައްވައި ވިދާޅުވިގޮތުގައި ޣައްޒާ ހަނގުރާމައަށް ފަހު އަންނަ ދުވަހުގެ ކުރިމަގު ކަނޑައަޅާނީ ޙަމާސް ޖަމާޢަތުންނާއި ފަލަސްޠީނުގެ ޖިހާދީ ޖަމާޢަތްތަކުންނެވެ. ހަނިއްޔާ ވިދާޅުވިގޮތުގައި ޣައްޒާ ހަނގުރާމަ ހުއްޓުމާއި އަސީރުން ބަދަލުކުރުމާބެހޭ މޭޒުމައްޗަށް ހުށައެޅުނު އެންމެ ފަހު ހުށައެޅުންތަކަށް އިސްރާއީލުން ގެނައި ބަދަލުތަކުގެ ސަބަބުން އެ މަސައްކަތް މިހާރު ވަނީ ބެދިފައިވާ މަގެއްމައްޗަށް ނުކުމެ ކުރިއަށް ދެވޭނެ ގޮތެއް ނެތިފައެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި ޤަޠަރާއި މިޞްރުން ޣައްޒާ ހަނގުރާމަ ހުއްޓުވުމަށާއި އަސީރުން ބަދަލުކުރުމާ ބެހޭގޮތުން ކުރަމުންދިޔަ މަސައްކަތްތަކަށް ޙަމާސުން ވާނީ ވަރަށް ފައްސިކޮށް އިޖާބަދީފައެވެ. ހަނިއްޔާ ހާމަކުރެއްވި ގޮތުގައި އިސްރާއީލުން ޣައްޒާއަށް ޙަމަލާތައް ދެމުން ދަނީ އެ މީހުންގެ އަސީރުންނާމެދު ވިސްނައިނުލައެވެ.

ހަނިއްޔާ ހާމަކުރެއްވި ގޮތުގައި ޙަމާސުން  މަސައްކަތްކުރަމުންދަނީ ދާއިމީ ސިފައެއްގައި ހަނގުރާމަ ހުއްޓުވުމަށާއި އިސްރާއީލު ސިފައިން ޣައްޒާއިން ބޭލުމަށާއި ގެދޮރުދޫކޮށް ދާން މަޖްބޫރުކޮށްފައިވާ ރެފިޔުޖީންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމަށާއި ޣައްޒާ އަލުން ޢިމާރާތްކޮށް އާރާސްތުކުރުމަށާއި އަސީރުން ބަދަލުކުރުމާ ބެހޭ އެއްބަސްވުމަކާ ހަމައަށް ދިޔުމަށެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި އެމެރިކާގެ ސިޔާސަތަކީ އިސްރާއީލު ކޮޅަށްގޮސް ހުސްވެފައިވާ ސިޔާސަތެކެވެ. އިސްރާއީލަށް ބޭނުންވާ ސިޔާސީ އެހީއާއި ބާރު ތަނަވަސްކޮށްދިނުމާއެކު  ފަލަސްޠީނު ރައްޔިތުންގެ ނަސްލުހޭދުކުރުމަށް އިސްރާއީލުން ހިންގާ ޖަރީމާތަކުގައި މަތިޖަހައި ފޮރުވައިދިނުމެވެ. އޭނާ ވިދާޅުވިގޮތުގައި ޙަމަސާއި ފަލަސްޠީނުގެ ޖިހާދީ ޖަމާޢަތްތައް ގުޅިގެން ޣައްޒާ ހަނގުރާމަ ހުއްޓައިލަން އިސްރާއީލަށް މަޖްބޫރުކުރުވާނެއެވެ. އޭނާ ވަރަށް އިތުބާރާއެކު ވިދާޅުވިއެވެ."ކިތަންމެ ދިގުލައިގެން ދިޔަސް އަހުރެމެންގެ ބިމުން އެމީހުން ބަލިވެގެން ފައިބާނެއެވެ."

 

ތަފާތު މެސެޖުތަކެއް

ހަނިއްޔާ ވިދާޅުވި ގޮތުގައި "އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ އަސީރުން ﷲގެ އިރާދަފުޅުން ވަރަށް  އަވަހަށް މިނިވަންވެގެންދާނެއެވެ."

އޭނާ ވިދާޅުވިއެވެ. "ޙަމާސާއި ޙަމާސުގެ ޢަސްކަރީ ފިޔަ އަލްޤައްސާމު އުފަންވީ ދެމިއޮތުމަށެވެ. ހަނގުރާމައަށް ފަހު އަންނަ ދުވަހާއި ޣައްޒާގައި ވެރިކަންކުރާނެ ބާރަކީ ކޮން ބާރެއްކަން ނިންމާނީ ޙަމާސާއި ފަލަސްޠީނުގެ ޖިހާދީ ޖަމާޢަތްތަކުންނެވެ. ޣައްޒާގެ އަހްލުވެރިންގެ އެންމެ މަތީ މަޞްލަޙަތުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ."

އޭނާ ވިދާޅުވިގޮތުގައި އިސްރާއީލު ސިފައިން ރަފަޙު ހުރަސްމަގުން ވަގުތުން ފައިބަންޖެހޭނެކަމަށް މިޞްރުން ބުނާބުނުމަށް ޙަމާސުން ފުރިހަމައަށް ތާއީދުކުރެއެވެ. މި މަގު ހިންގައި ބެލެހެއްޓުމުގައި އިސްރާއީލަށް އެއްވެސް ޙައްޤެއް ނޯންނާނެއެވެ. "

އޭނާ ހާމަކުރެއްވި ގޮތުގައި އިސްރާއީލުން ދަނީ ޖަލުތަކުގައްޔާއި ސިއްރު ތަންތާނގައި ބަންދުކޮށްފައި ތިބި ފަލަސްޠީނު މީހުން މަރަމުންނެވެ.

 

ހަނގުރާމައިގެ މައިދާން

ހަނގުރާމައިގެ މައިދާނާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ހަނިއްޔާ ވިދާޅުވިއެވެ. "އަހުރެމެންގެ ބަޠަލުން ދަނީ ހަނގުރާމައިގެ މައިދާނުގައި އިސްރާއީލު ސިފައިންނަށް ވެލި ކާންދެމުންނެވެ." އޭނާ ވިދާޅުވިގޮތުގައި ކީރިތި ޤުރްއާނުގައި އައިސްފައިވާ ފަދައިން އަދި ތާރީޚީ ޙަޤީޤަތް ހާމަކޮށްފައިވާ ފަދައިން ފަލަސްޠީނުގެ ބިމުން އެ މީހުން ނެތިގެން ފިލައިގެންދާނެއެވެ. އޭނާ ވިދާޅުވިގޮތުގައި  ބާރުގެ ތިލަފަތުގެ ތަފާތުކަން ބޮޑުކަމާއެކުގައި ވެސް އިސްރާއީލު ސިފައިން ޣައްޒާ ހަނގުރާމައިގައި ދަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ވޭތުވެދިޔަ 76 އަހަރު ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ރާވަމުންދިޔަ ހުރިހާ މުއާމަރާތްތަކަކާއި ހަޑި ހުތުރު ރޭވުންތައް ވަނީ ނާކާމިޔާބުވެފައެވެ.

ހަނިއްޔާ އިޝާރާތްކުރެއްވި ގޮތުގައި "  ފަލަސްޠީނުގެ މަސްއަލަ އަހުރެމެންގެ ރައްޔިތުންނާއި އަހުރެމެންެ އުންމަތާއި ދުނިޔޭގެ މިނިވަނުންގެ ވިސްނުމުގައި ގަދައަށް ބިންވަޅުނެގިފައި އޮންނާނެއެވެ." އޭނާ އިތުރަށް ވިދާޅުވި ގޮތުގައި " ޣައްޒާ މިއަދު ވަނީ ދުނޔޭގެ ޒުވާނުންގެ އައިކަނަކަށް ވެފައެވެ. ޞިހްޔޫނިއްޔަތުގެ ފުލޯކު ވާހަތައް ދަނީ ވަޅުލެވެމުންނެވެ. ލޭ ބޯ އިސްރާއީލުގެ ޠަބީޢަތް ދަނީ ހާމަވެ ބޭޒާރުވަމުންނެވެ. ދުނިޔޭގެ ޔުނިވަރސިޓީތަކުގެ ދަރިވަރުން ފަލަސްޠީނުގެ މަސްއަލައަށް ތާއީދުކޮށް ތެދުވެ ކުރަމުންދާ  މުޒާހަރާތަކާއި އިޙްތިޖާޖުތަކަކީ މީގެ ކުރިން ތާރީޚު ދެކެފައިވާ ޙާދިސާތަކެއް ނޫނެވެ."

އޭނާ ވިދާޅުވިއެވެ." ރައްޔިތަކު ނޫޅޭ ބިމެއް، ބިމެއްނެތް ރައްޔިތަކަށް ދޭންޖެހޭކަމަށް ބުނެ ހެދި ބޮޑުދޮގު މިހާރު ވަނީ ދުނިޔެ ދޮގުކޮށްފައެވެ. ބޮޑެތި މީހުން މަރުވެދިޔުމުން ކުޑަކުދިން ހަނދާނެއް ނުހުންނާނެކަމަށް އިސްރާއީލުން އަރުވަމުންދިޔަ އަޑުތައް އަބަދުގެއަބަދަށް މިހާރު ވަނީ ނިމިފައެވެ."

ނަކްބާ ރަމްޒުކޮށްދެނީ 1948ގައި އިސްރާއީލު ވުޖޫދަށް ގެނެސް ފަލަސްޠީނު ރައްޔިތުންގެ 750 ހާސް މީހުން ގަދަކަމުން އެމީހުންގެ ގެދޮރުންނާއި ބިމުން ބޭލި ލާއިންސާނީ އަނިޔާވެރި ޢަމަލަށެވެ.

advertisement
ހިޔާލު ދެއްވާ!