ރާއްޖޭގެ އެންމެ ދެކުނަށް މޫސުން ވަރަށް ގޯސްވާނެކަމަށް ލަފާކޮށް އޮރެންޖު އިންޒާރު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ބުނީ ފުވައްމުލަކު ސިޓީއާ އައްޑޫސިޓީއަށް މިއަދު 3:00 ން ފެށިގެން މިރޭގެ 7:00 އާ ހަމައަށް، މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް އޮރެންޖު އިންޒާާރު ނެރެފައެވެ.
މެޓްއޮފީހުން ބުނީ އެ ސަރަޙައްދަށް ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
މީގެއިތުރުން މެޓްއޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށް ރީނދޫ އިންޒާރު ވެސް ނެރެފައެވެ. އެގޮތުން، މި ސަރަޙައްދަށް މިއަދުގެ މެންދުރުފަހު 1:30 ން ފެށިގެން ހަވީރު 5:30 އާ ހަމައަށް ބޯކޮށް ވާރޭވެހި ގަޑިއަކު 28 މޭލާ 35 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށާ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓްއޮފީހުން ވަނީ ބުނެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން، ކުރިއަށް އޮތް ތިން ދުވަހަށް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައިވާތީ، އަދި ޚާއްޞަކޮށް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ރޭ ވަނީ އިލްތިމާސް ކުރައްވާފައިކަން ފާހަގަ ކުރެވެއެވެ.
އަދި ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކުރައްވައިފައެވެ.
އަދި، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވާންދެކަށް ދަތުުރު ފަސްކޮށްލުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރައްވާފައިވެއެވެ.