ތ.ކަނޑޫދޫގައި ފާރެއް ވެއްޓި ސީރިޔަސް އަނިޔާތަކެއް ލިބުނު ކުއްޖާ ސީ ޕްލޭން އެއަރ އެމްބިއުލާންސްގައި މާލެ ގެެނެސްފިއެވެ.
ހެލްތު މިނިސްޓަރ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ހެނދުނު އެ ކުއްޖާ މާލެ ގެނެވިފައިވާ ކަމަށެވެ.
އިއްޔެ އިރުއޮއްސުނު ވަގުތު ކަނޑޫދޫގައި ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ 10 އަހަރުގެ ކުއްޖަކަށެވެ. އެރަށުން މައުލޫމާތުލިބޭ ގޮތުގައި އެ ކުއްޖާގެ ގައިމައްޗަށް ވެއްޓުނީ ދުވަސްވެ ވީރާނާވުމުގެ ސަބަބުން އަރިއަޅާލާފައިވާ ފާރެކެވެ.
އިއްޔެ ކަނޑޫދޫން މައުލޫމާތު ލިބުނުގޮތުގައި އެ ކުއްޖާގެ އެތެރެހައްޓަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ބެލެވެއެވެ. އެހެންނަމަވެސް، ރަށުގައި އެކްސްރޭގެ ޚިދްމަތް ލިބެން ނެތުމުންނާއި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރެއް ނެތުމުން ލިބިފައިވާ އަނިޔާތައް ދެނެގަނެވޭނެގޮތް ނުވުމުގެ ސަބަބުން އިތުރު ފަރުވާއަށް އެ ކުއްޖާ އެހެން ރަށަކަށް ގެންދަން ބޭނުންވިއެވެ.
އެހެންނަމަވެސް ކަނޑުގަދަވެ ސީ އެމްބިއުލާންސަށް ދަތުރުކުރެވޭވަރު ނުވާތީ، މިއަދު ހެނދުނާ ހަމައަށް އެ ކުއްޖާއަށް ފަރުވާދީފައިވަނީ ކަނޑޫދޫ ސިއްހީ މަރުކަޒުގައެވެ.
ޚަލީލުގެ ޕޯސްޓުގައިވަނީ ރައްޔިތަކަށް ދިމާވާ މިފަދަ ކޮންމެ ޙާދިސާއެއް މެދުނުކެނޑި ރައީސް މުޢިއްޒު ބައްލަވާކަމީ، ރައްޔިތުންނާ މެދު އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ލޯތްބާއި އިޙްސާންތެރިކަން ހާމާވާކަމެއްކަމަށެވެ.