ޔޫތު މިނިސްޓްރީން ކަރޯކޭ ޗެލެންޖެއް ބާއްވާތީ ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ
އަލީ ރަމީޒަކީ ދީނާ ޚިލާފު މިފަދަ ކަންކަމުގައި ކޮންމެ ވެރިކަމެއް އޮތަސް އަބަދުވެސް ބަސް ވިދާޅުވާ ބޭފުޅެއް ކަން ފާހަގަ ކުރެވެއެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އަލީ ރަމީޒް ވިދާޅުވީ " ޒުވާނުން ވިޔަސް އަދި އެނޫން ގިންތި އަކަށް ވިޔަސް، ﷲ ހަރާމްކުރެއްވި ކަމެއް ރާވައި އިންތިޒާމު ކުރުން ބަލައެއް ނުގަނެވޭނެ" ކަމަށެވެ.
މި މައްސަލައާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން، އައްޝައިޚް ޙަސަން ފައިޞަލް އެބޭފުޅާގެ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާސިޤު ފަންނާނުން ގެނެސްގެން ޢީދު ފާހަގަކުރަން ރާވާ މީހުން ބިރުވެތިވާންޖެހޭ ކަމަށެވެ.
އެ ޕޯސްޓެއްގައި ޝައިޚް ފައިޞަލް ވިދާޅުވީ ދިވެހިފަސްގަނޑުގައި މުޑުދާރު މަންޒަރުތައް އާންމުކޮށް، ހަޑިހުތުރު ބަސްމަގު ފަތުރާ، ފާސިޤު ފަންނާނުން ބޮޑުއަގު ދީފައި ގެނެސްގެން ޢީދު ފާހަގަކުރާނެ ޝަރުޢީ ހަމައެއް ނުފެންނަ ކަމަށެވެ.
ރާއްޖޭގައި ޢީދު ފާހަގަކުރުމަށް މިއުޒިކް ޝޯތައް ބޭއްވުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއްކަން ފާހަގަ ކުރެވެއެވެ. އަދި ވަކިން ޚާއްޞަކޮށް ބޮޑުޢީދު ނުވަތަ އަޟުޙާ ޢީދުގައި، ރާއްޖެއާ ރާއްޖެއިން ބޭރުން ފަންނާނުން ގެނެސްގެން މިއުޒިކް ޝޯތައް ބޭއްވުމަކީ ގިނަ ރަށްރަށުގައި ކުރަމުން އަންނަ ކަމެއްކަން ފާހަގަ ކުރެވެއެވެ.
ޝައިޚް މިފަދައިން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ޒުވާނުންނާ ބެހޭ ވުޒާރާއިން “ޒުވާނުންގެ ކަރޯކޭ ނައިޓް” އެއް ބާއްވަން ތައްޔާރުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
އެ ވުޒާރާއިން އިއްޔެ މީސްމީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ވަނީ އެ ޙަރަކާތަށް ޒުވާނުންނަށް ދަޢުވަތު އަރުވައިފައެވެ.
ޒުވާނުންނާބެހޭ ވުޒާރާއިން ބުނެފައިވަނީ ޒުވާނުންގެ ކަރޯކޭ ނައިޓް ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 24 ވާ ހުކުރުދުވަހުގެ ރޭ 8:30 ން މެންދަމު 12:00 އަށް ސޯޝަލް ސެންޓަރުގައި ކަމަށެވެ.
ޒުވާނުންގެ ކަރޯކޭ ނައިޓާއި ގުޅިގެން މީސްމީޑިއާގައި ގިނަބަޔަކު ނުރުހުން ފާޅުކުރަމުން އަންނަ މިދަނޑިވަޅުގައި ޝައިޚް ފައިޞަލް ކުރެއްވި އެހެން ޕޯސްޓެއްގައި ވިދާޅުވީ ޢީދެއް ނުވަތަ އެނޫން ދުވަހެއްގައިވެސް، މިހާރު ސްޓޭޖް މައްޗަށް އަންހެންވެރިން އަރުވައިގެން ހަޔާތްހުސްކޮށް ލަވަކިޔާ، ނަށުވާ، ހެދުމަކީ ދީނުގެ އިތުބާރުކުރެވޭ އެއްވެސް ޢިލްމުވެރިޔަކު ހުއްދަ ކުރައްވާ ކަމެއް ނޫން ކަމަށެވެ.
އަދި އެފަދަ ކަމަކަށް އެހީވުމާއި ބަލަން ދިޔުން ވެސް ހުއްދަ ނޫން ކަމަށް ޝައިޚް ފައިޞަލް ވަނީ ވިދާޅުވެފައެވެ.