ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށްފަހު، ރުޅި އައިސްގެން ކާރުން ދަތުރުވެރިންތަކެއް ބޭލި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވެއްޖެއެވެ.
އެ ކާރުން ދަތުރު ނެގި ފަސިންޖަރު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައިވަނީ، ހުޅުމާލޭގައި އޭނާގެ ދަރިފުޅުގެ ފެތުމުގެ މުބާރާތެއް ނިންމާފަ އަނބުރާ މާލެ އައުމަށް ޓެކްސީއެއް ނެގިކަމަށެވެ. އެމީހާ ބުނާ ގޮތުގައި ޓެކްސީ އަށް އެރުމުން އަޚުލާގީ މިންގަނޑަށް ނުފެތޭ ވާހަކަވެސް ޓެކްސީ ޑްރައިވަރު ދައްކަންފެށިއެވެ.
ޓެކްސީ ޑްރައިވަރު ރުޅި އަންނަން މެދުވެރިވީ ޓެކްސީއަށް އިތުރު މީހަކު އަރުވަން ހެޔޮތޯ އެހުމުން، ކުރީގައި އިން ފަސިންޖަރު އެމީހާ އަތުން ފައިސާ ނަގަންވާނީ އޭނާ ފައިބާ ހިސާބުން އެމީހާ އެކަނި ކުރާ ދަތުރަށް އެކަނި ކަމަށް ބުނުމުންނެވެ. ޓެކްސީ ޑްރައިވަރު ބުނާ ގޮތުން އެއީ ޑްރައިވަރާ ދެން ދަތުރު ނަގާ މީހާއާއި ދެމެދު އޮތް ކަމެކެވެ.
މި މުއާމަލާތަށްފަހު މުޅި ހުޅުމާލެ ވަށާ ބުރު ޖެހުމަށް ފަހު ދަތުރު ނަގާނެ އިތުރު ފަރާތެއް ނުވުމުން ހުޅުމާލެއިން އެމީހުން ޓެކްސީއަށް އެރިތަނަށް ބާލާފައި ދިޔައީ ކަމަށް ސޯޝަލް މީޑިއާގައި މިވާހަކަ ޙިއްސާ ކުރި ފަރާތުން ބުންޏެވެ.
މި ހާދިސާ އާއި ގުޅިގެން ފުލުހުން ވިދާޅުވަނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަމަލު ކުރަންޖެހޭ ގަވާއިދުތަކާ އެއްގޮތްވާ މަތިން އަޅަންވާ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މިކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން އެއީ ޓެކްސީ ޑްރައިވަރެއްގެ ފަރާތުން ފެނުނު ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ކޮންމެ މަސައްކަތެއް ކުރިނަމަވެސް އެކަމެއްގައި އިހުތިރާމާއި ގަދަރު ބެހެއްޓުމަކީ ނުހަނު މުހިއްމު ކަމެއްކަމުގައިވެސް މީހުން ފާހަގަކުރެއެވެ.