ސަރުކާރުގެ ފަރާތުން އަޟްޙާޢީދު ނުވަތަ ބޮޑުޢީދު ކުލަގަދަކޮށް ފާހަގަކުރަން 26 ރަށަކުން ހުށަހަޅައިފި ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިއަދު ބުނީ ބޮޑު ޢީދު ފާހަގަކުރަން ހުޅުވައިލި ފުރުސަތަށް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި އެ ހުށަހެޅުންތައް ބަލައި ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށްވެސް ތަރިކައާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން 25 އެޕްރީލްގައި ކުރި އިއުލާނާ އެއްގޮތަށް 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވެއެވެ.
26 ރަށުން ޝައުޤުވެރިކަން ފާޅުކުރި ނަމަވެސް މިއަހަރު އަޟްޙާ ޢީދު ފާހަގަ ކުރުމަށް ތިން ރަށެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ތަރިކައާބެހޭ ވުޒާރާއިން ބުނީ ރަށްތައް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި، ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކުރާނެ ޚަރަދުތަކާއި، އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެކަންތައްތައް ހިމެނޭ ކަމަށް އެ ވުޒާރާއިން މިކަމާއިގުޅިގެން ކުރި އިއުލާނުގައި ބުނެފައިވާނޭ ކަމަށެވެ. އަދި އިއުލާނާއެކު ޕްރޮފޯޒަލްގައި ހިމެނެން ބޭނުންވާ މައިގަނޑު ބައިތައް ހިމެނޭ ލިޔުމާއި އަޟްޙާ ޢީދު ފާހަގަކުރާ ރަށްރަށްކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ހިމެނޭ ލިޔުން އެއްކަރުދާސް ކޮށްފައިވާނޭ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ރަށްތަކަށް ބަލާއިރު، ރާއްޖޭގެ އުތުރުން 7 ރަށަކާއި، މެދުރާއްޖެތެރެއިން 10 ރަށަކާއި، ރާއްޖޭގެ ދެކުނުން 9 ރަށަކާއެކު ޖުމްލަ 26 ރަށަކުން ވަނީ ހުށަހެޅުންތައް ލިބިފައި ކަމަށާ އަދި ބައެއް ރަށްރަށުން އިއުލާނުގައިވާ ސުންގަޑީގެ ފަހުން ހުށަހެޅުންތައް ފޮނުވާފައިވީނަމަވެސް އެ ހުށަހެޅުންތައް ބަލައި ނުގަތުމަށް ނިންމާފައިވާ ކަމަށް ވެސް އެ އިދާރާއިން މިއަދު ވަނީ ބުނެފައެވެ.
1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމަށް އެ ވުޒާރާއިން ވަނީ ޚާއްޞަ ކޮމިޓީ އެއް އެކުލަވާލައިފައެވެ. އަދި ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ ވުޒާރާއިން މަސައްކަތް ކުރަމުން ދަނީ ޕްރޮޕޯޒަލްތައް ބެލުމާއި މާކްސް ދިނުމުގެ ކަންކަން ނިންމައި، ކަނޑައެޅޭ ރަށްތަކަށް ފެށޭ ހަފްތާގެ ތެރޭގައި އެކަން އެންގުމަށް ކަމަށްވެސް ތަރިކައާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.