ކުޑަކުޑަ ޖަނަވާރަކާމެދު އިހާނެތިކޮށް ހިތި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ގިނަ ބަޔަކު ގޮވާލައިފި

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ، ބުޅަލަކަށް އަނިޔާކުރާ ވީޑިއޯއަށް ގިނަބައެއްގެ ނުރުހުން އަމާޒުވެއްޖެއެވެ.

ވީޑިއޯއިން ފެންނަނީ އަމިއްލަ ނަފްސު ދިފާއު ނުކުރެވޭ ކުޑަކުޑަ ޖަނަވާރަކަށް އިންތިހާއަށް އަނިޔާކޮށްފައިވާ މަންޒަރެވެ. އަދި ހަލާކުވެފައި އޮތް ކުޑަ ފުޅިމަދުފޮށިގަނޑަކަށް ލުމަށްފަހު ކަނޑަށް ދޫކޮށްލާތަނެވެ. ވީޑިއޯގެ ބެކްގްރައުންޑްގައި ލަވައެއް ޖަހާލާފައި އޮޔާދާ ފުޅިމަދު ފޮށިގަނޑާ ދިމާލަށް "ޓާޓާ" ކިޔަމުން ދިޔައިރު ހީވީ ވަރަށް މޮޅު ކަމެއް ކުރެވިގެން އުޅޭހެންނެވެ.

މި ވީޑިއޯއާއި ގުޅިގެން ވަރަށް ގިނަ މީހުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް މި އަނިޔާވެރި އަމަލު ހިންގި މީހުންނަށް އަދަބު ދޭން ގޮވާލާފައެވެ.

މި އަމަލު ހިންގީ ކޮންބައެއް ކަމެއް ސާފުވާގޮތެއް އަދި ނުވެއެވެ. ވީޑިއޯ ސޯޝަލް މީޑިއާއަށް ލީ ފަރާތުން ބުނާ ގޮތުގައި އޭނާއަށްވެސް މި ވީޑިއޯ ލިބިފައި ވަނީ ރައްޓެއްސެއް މެދުވެރިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މިމައްސަލަ މިހާރުވަނީ ފުލުހަށް ހުށައަޅާފައެވެ.

ޖަނަވާރުންނާ ދޭތެރޭގައިވެސް އިހާނެތިކޮށް ކަންކަން ކުރުމަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ. އެގޮތުން، ބުޅަލަކާ ދޭތެރޭ މިހާ އިހާނެތިކޮށް ކަންކަން ކުރުމަކީ އަހަރެމެންގެ އިންސާނިއްޔަތުކަމާއި އޯގާތެރިކަން ވެއްޓިފައިވާ ވަޅުގަނޑުގެ ފުންކަން އަންގައިދޭ ކަމެކެވެ. ބުޅަލަކީވެސް އަހަރެމެން ފަދައިން ހުރުމަތްތެރި ކުރައްވަވައި މި ދުނިޔޭގައި މާތް ﷲ ލައްވަވާފައިވާ މަޚްލޫގެކެވެ.

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ވަނީ ބުޅަލަކަށް ކާން ނުދީ އެ ބުޅާ ބަނދެފައި ބޭއްވި އަންހެނަކު ނަރަކައިގެ ގަދަފަދަ އަޒާބަށް ހުށަހެޅުނުކަން އަޅުގަނޑުމެންނަށް އަންގަވާފައެވެ. މިނޫންވެސް އެތައް ހަދީސްތަކެއްގައި ބުޅާ ފަދަ އޭގެ މައްޗަށް އިންސާނުންނަށް ބާރު ފޯރުވޭނެ ފަދަ ޖަނަވާރުތަކަށް އަނިޔާކުރުން ވަނީ ނަހީ ކުރައްވާފައެވެ.

ސުވާލަކީ އަޅުގަނޑުމެންގެ މުޖުތަމައު މިހާ ދަށް ފެންވަރަކަށް ވެއްޓެން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ އަމިއްލަ ނަފްސު ދިފާއު ނުކުރެވޭ ކުޑަކުޑަ ޖަނަވާރަކަށް އަނިޔާ ކުރުމުން އެއިން ދައްކުވައިދެނީ އަމިއްލަ ބާރުގަދަކަން ހެއްެޔެވެ؟ ނޫނީ ޖަނަވާރުންނަށް ވީތީއާއި ދެރަވާކަމާއި އަނިޔާވާކަން ބުނަން ނޭނގޭތީ އެތަކެތީގެ އިޙްސާސްތަކަށް އަޅާނުލެވެނީ ހެއްޔެވެ؟

advertisement
ހިޔާލު ދެއްވާ!