ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދިޔަ "އޭއޭއޭ-37″ ނަމަކަށް މުދާ އުފުލާ ދޯނި އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ހަތަރު މީހުންނާ އެކު ދަތުރުކުރިއިރު އެ ދޯންޏަކީ އިއްޔެ ހެނދުނު ހައެއް ޖެހިއިރު ތިލަފުށިން ފުރި ދޯންޏެކެވެ. ދޯނީގެ ޚަބަރެއް ނުވެގެން އެކަމުގެ ރިޕޯޓު ކޮށްފައި ވަނީ އިއްޔެ ހަވީރު 17:15 ހާއިރެވެ.
އެމްއެންޑީއެފުން ބުނާ ގޮތުގައި މިހާތަނަށް އެ ދޯނި ހޯދުމަށް ކުރި މަސައްކަތުން ދޯނި ފެނިފައެއްނުވެއެވެ. އެފަރާތުން މައުލޫމާތުދޭ ގޮތުގައި ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިއަދު ކަނޑާއި ވައިގެމަގުން، މީމު އަތޮޅު ރަތްމަންދޫގެ އިރުމަތީ ބިތުން ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ.
އެގޮތުން ކަނޑާއި ވައިގެމަގުން 4519 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވެއެވެ. މި ދޯނިން ދަތުރުކުރީ ދިވެއްސަކާއި ބަނގްލަދޭޝް ތިން މީހުންނެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަނީ ކޯސްޓްގާޑް ޝިފް ޝަހީދު އަލީ އެވެ.
އެ ދޯންޏާ ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ، އެކަން އެމްއެންޑީއެފަށް އެންގުމަށް ވެސް ވަނީ އެދިފަ އެވެ.