"ޕޮއެޓްރީ ތެރަޕީ" ގެ ދިވެހި ނަމަކީ "ޅެންފަރުވާ" ކަމަށް ކަނޑައަޅައިފި

ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީން "ޕޮއެޓްރީ ތެރަޕީ" އަށް ދިވެހިބަހުން ކިޔާނެ ނަމެއް ކަނޑައަޅުއްވައި އެ ނަން ފާސްކުރައްވައިފިއެވެ. ބަސްކޮމިޓީން ނިންމާފައި ވަނީ "ޕޮއެޓްރީ ތެރަޕީ" ގެ ދިވެހި ނަމަކީ "ޅެންފަރުވާ" ކަމަށެވެ.

ބަސްފޮތުގެ އޮންލައިން އިސްދާރުގައިވާ ގޮތުން "ޅެންފަރުވާ" ގެ  މާނައަކީ ބަލިމީހާގެ އިހުސާސްތަކާއި އުދާސްތަކާ ގުޅޭ ޅެން ހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މައުލޫމާތުދެއްވާ ގޮތުގައި ޅެންފަރުވާގެ އިލްމީ ދިރާސާތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ތައްޔާރީތައް ވަރަށްބާރަށް ކުރިޔަށްދެއެވެ. އެގޮތުން ޅެންފަރުވާގެ ދިރާސާތައް ކުރުމަށް އެ ވުޒާރާއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ދެމެދު އެކުލަވާއިލެވިފައިވާ ފަހުމުނާމާގައި ސޮއި ކުރުން މި މަހުގެ 22 ވާ ބުދަ ދުވަހު އޮންނާނެއެވެ.

މި ފަހުމުނާމާގެ ދަށުން ޅެންފަރުވާއާ ބެހޭ އިލްމީ ދިރާސާތައް ކުރުމާއި ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫބުތަކުގެ މައްޗަށް ދިރާސާތައް ކުރެވިގެންދާނެއެވެ. މީގެ އިތުރަށް، ދިވެހިބަސް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ތަފާތު އެހެނިހެން ދިރާސާތައް ކުރުން ވެސް މި ފަހުމުނާމާގެ ދަށުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއެކު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ހާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރައްވާނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އިއުލާނު ކުރައްވާފައިވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ގދ.ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޅެންވެރިކަމާއި ބަހުގެ އެ ފަދަ ފަންނުތަކުން ދުނިޔޭގެ ކުރިއަރާފައިވާ މުޖުތަމައުތަކުގައި ހިފާ އިލްމީ ބޭނުންތައް ދިވެހިބަހުން ދިވެހީންގެ ތެރޭގައިވެސް އޮތުމަކީ ދިވެހީންގެ އަމިއްލަވަންތަކަމާއި ތަހުޒީބަށްޓަކައި މުހިންމުކަމެކެވެ.

ޅެންފަރުވާގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ދާއިރާގެ ފަންނީ ބޭފުޅުންނާ އު ވުޒާރާގެ ފަރާތުން ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ބައްދަލުވުންތަކުގެ ތެރޭގައި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އާއި މެންޓަލް ހެލްތް ސެންޓަރާއި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާއި ދަމަަނަވެއްޓާއެކު ބޭއްވެވި ފަންނީ ބައްދަލުވުންތައް ހިމެނެއެވެ.

advertisement
ހިޔާލު ދެއްވާ!