ޙައްޖުވެރިޔަކު ޢަރަފާތު ފަރުބަދަމަތީގައި ދުޢާކުރަނީ .. ފޮޓޯ: ރޮއިޓާރސް

ޙައްޖު ... ތާރީޚުގެ މޭސްތިރިޔާ (1)

އިސްލާމީ ޢިބާދާތުތަކުގެ ތެރޭގައި ހިމެނޭ އަޅުކަންތައް ގިންތިކުރައްވައި ދަރަޖަތަކަށް  ބެއްސެވުމުގައި  އަލްއިމާމު އަބޫ ޙަނީފާ ދެއަތަށް ކިރިވަޑައިގަންނަވަނިކޮށް އެކަލޭގެފާނަށް ޙައްޖަށް ވަޑައިގެންނެވުނެވެ. މި ޙައްޖު ދަތުރުފުޅަށްފަހު އެކަލޭގެފާނު ވިދާޅުވިއެވެ. "އެންމެ މާތް އަޅުކަމަކީ ޙައްޖުކަން މިހާރު ކަށަވަރުވެއްޖެއެވެ."

ޙައްޖުގެ  މާތްކަމަށް ބަލާއިރު އެއީ އިލާހީ މަތިވެރި މަޝްރޫޢަކާ ގުޅިފައިވާ އަޅުކަމެކެވެ. އެއީ ތާރީޚުގެ މޭސްތިރިޔާއެވެ. މި އަޅުކަން ހަނދާންކޮށްދެނީ އިބްރާހީމު عليه السلام ފަށްޓަވައި މުޙައްމަދު ﷺ ފުރިހަމަކުރެއްވި އިލާހީ ތައުޙީދީ ބިޔަ މަޝްރޫޢުގެ މަތިންނެވެ. ޙައްޖުގެ ތަފާތު މަނާސިކުތަކަކީ މި އިލާހީ މަޝްރޫޢުގެ ތަފާތު ފިޔަވަހިތަކެވެ. މިއަދު ޙައްޖުވެރިޔާ ޙައްޖު އަދާކުރާއިރު އެ އިޢާދަކޮށްދެނީ މި މަޝްރޫޢުގެ ރަމްޒީ ތަސްވީރުތަކެވެ.

ޙައްޖުވެރިޔާ އޭނާގެ ވަޠަނުން ފުރައިގެން ޙިޖާޒުކަރައަށް ދާދިޔުން ހަނދާނަށް ގެނެސްދެނީ އިބްރާހީމުގެފާނު ﷲގެ އަމުރުފުޅަށް މައްކާއަށް ކުރެއްވި ދަތުރުފުޅެވެ. ޙައްޖުވެރިޔާ އޭނާ އާދަކޮށް ލައިއުޅޭ ހެދުން ބާލައި ދެ ފޮށައިން އިޙްރާމު ބަންނަބަނުން ހަނދާންކޮށްދެނީ އިބްރާހީމުގެފާނާއި އެކަލޭގެފާނުންގެ ދޮށީ ދަރިކަލުން އިސްމާޢީލުގެފާނު ތުރުކުރައްވައިގެން އުޅުއްވި ސާދާ ހެދުންކޮޅުގެ މަތިންނެވެ. ޙައްޖުވެރިޔާ މައްކާއަށްގޮސް ގެފުޅުގެ ވަށައިގެން ކުރާ ޠަވާފު ހަނދާންކޮށްދެނީ ﷲ ތަޢާލާގެ އަމުރުފުޅަށް އެ ދެބަފައިކަލުން ގެފުޅު ބިނާކުރައްވާ އިލާހީ ޢަހްދަށް ކަށަވެތިވެވަޑައިގަތްވަޑައިގަތުމެވެ. ޙައްޖުވެރިޔާ ޞަފާއާއި މަރްވާއާ ދެމެދުގައި ކުރާ ސަޢުޔު ހަނދާނަށް ގެނެސްދެނީ ދަރިކަލުންނަށް ފެންފޮދުއަރުއްވާން ވެގެން ޞަޙަރާތެރޭގައި މައިކަމަނާ ހާޖަރު ކުރެއްވި މަސައްކަތްޕުޅެވެ. އެއީ މައިމީހާގެ ކުލުނާއި ލޯބި ތަޞައްވުރުކޮށްދޭ މަންޒަރެކެވެ.

ޙައްޖަކީ ތާރީޚުގެ މޭސްތިރިޔާއެވެ. ޙައްޖުވެރިޔާ މިނާއަށްގޮސް އޭނާގެ ޤުރްބާން (ހަދްޔު) ކަތިލާކަތިލުން ރަމްޒުކޮށްދެނީ މާތްﷲގެ އަމުރުފުޅަށް އެކަލޭގެފާނުންގެ ލޮބުވެތި ދަރިކަލުން އިސްމާޢީލުގެފާނު ޤުރްބާން ކުރައްވަން އުޅުއްވި މަންޒަރެވެ. އެކަލޭގެފާނުންގެ ނަދުރުފުޅު ފުއްދަވަން ވަޅި ނެންގެވިހިނދު މާތް ﷲ ޚާއްޞަ ޤުރްބާނީއެއް ފޮނުއްވައި އެ ދެބަފައިކަލުން މި އިމްތިޙާނުން ފާސްވެވަޑައިގެން ދަސްވެނިވެވަޑައިގަތް މަންޒަރެވެ.

ޙައްޖަކީ ތާރީޚުގެ މޭސްތިރިޔާއެވެ. ޙައްޖުވެރިން ޖަމްރާތައް ކައިރިއަށް ގޮސް ހިލަ އުކާ މަންޒަރުތައް ހަނދާނަށް ގެނެސްދެނީ އިބްރާހީމުގެފާނަށާއި އިސްމާޢީލުގެފާނަށާއި މައިކަމަނާ ހާޖަރުގެފާނަށް ވަސްވާސްދެވޭތޯ އިބްލީސްކުރި ނާކާމިޔާބު މަސައްކަތްތަކެވެ.

ޙައްޖަކީ ތާރީޚުގެ މޭސްތިރިޔާއެވެ. ޙައްޖުވެރިން ޙައްޖުމަހުގެ 9ވަނަ ދުވަހު ޢަރަފާތު ބިމަށްގޮސް  ތިބޭތިބުން ރަމްޒުކޮށްދެނީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމެވެ.  އެއީ  މާތް ﷲ މި ދީން ފުރިހަމަކޮށް ދެއްވި ދުވަހެވެ. މާތް ﷲ ޢަރަފާތު ދުވަހު ރަސޫލާ ޢަރަފާތުގައި ހުންނަވަނިކޮށް ބާވައިލެއްވި ބަސްފުޅުގައިވެއެވެ.

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا

المائدة : 3

މާނައީ މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިއުމަތުން، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.

ޙައްޖަކީ ތާރީޚުގެ މޭސްތިރިޔާއެވެ. ބުނެވޭގޮތުގައި އާދަމުގެފާނާއި ޙައްވާގެފާނު މި ބިމަށް ފޮނުއްވުމުން އެ ދެކަނބަލުން ފުރަތަމަ ފަހަރަށް އެއްބޭފުޅަކު އަނެއްބޭފުޅަކާ ބައްދަލުވެވަޑައިގެން ތަޢާރުފުވެ ވަޑައިގެންނެވީ ޢަރަފާތު  ބިމުގައެވެ. އެއީ މި ދުނިޔޭގައި އިންސާނީ ޙަޔާތުގެ ފެށުމެވެ. މި ދެކަނބަލުން އެއް ބޭފުޅަކު އަނެއް ބޭފުޅަކު ހޯއްދަވަން ކުރެއްވި ދިގު ދަތުރުފުޅު ނިމުނީ ޢަރަފާތަށެވެ. މި މުޤައްދަސް ބިމުގައި އާދަމުގެފާނާއި ޙައްވާގެފާނު ބައްދަލުވެ ވަޑައިގަތީ މައްކާ ކައިރީގައި އޮންނަ ތިރި ބިމެއްގައި ހުރި ކުޑަކުޑަ ފަރުބަދައެއް މަތީގައެވެ. މިހެންވެ  މި ފަރުބަދައަށް  "ޢަރަފަތު" އޭ ކިޔުނެވެ. މި ދެކަނބަލުންނަށް އެއްބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލުވެ ވަޑައިގެން ތަޢާރުފުވެ ވަޑައިގެންނެވީ އެތާނގައި ކަމަށްވާތީއެވެ.

ޙައްޖަކީ ތާރީޚުގެ މޭސްތިރިޔާއެވެ. އެއީ އުނގަންނާދިނުމުގެ ދަރެސްގާހެކެވެ. ﷲ ތަޢާލާގެ އަމުރުފުޅަށް ޖިބްރީލު عليه السلام، އިބްރާހީމު عليه السلام ގެ އަރިހަށް ވަޑައިގެން  ޙައްޖުގެ މަނާސިކުތައް ދަސްކޮށް ދެއްވުމަށްފަހު އިބްރާހީމުގެފާނަށް ޙައްޖުގެ ޝަޢީރާތައް މިހާރު އެނގިވަޑައިގަންނަވައިފިތޯ ދެންނެވުމުން ވިދާޅުވިއެވެ. "عَرَفْتُه އަޅުގަނޑަށް އެނގިއްޖެއެވެ."

މި ބިމަށް ޢަރަފާތޭ ކިޔުނީ އެތާނގައި ޙައްޖުވެރީން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރުފުވެގެން ދާތީއެވެ. މި މުޤައްދަސް ބިމަށް ޢަރަފާތޭ ކިޔުނީ ޙައްޖު މޫސުމުގައި ﷲ ތަޢާލާގެ ރަޙްމަތާއި ފުއްސެވުން ޙައްޖުވެރީންގެ މައްޗަށް ބާވައިލައްވާތީއެވެ. އެއީ "ސަމާވީ ހުވަނދެއް" ކަމުގައި ވާތީއެވެ. މިއީ ޢަރަފާތުގެ މާނަތަކުގެތެރޭގައި ހިމެނޭ މާނަތަކުން މާނައެކެވެ.

ޙައްޖުވެރިން މި މައިދާނަށް ޖަމާވެ އެބައިމީހުންގެ ވެރިރަސްކަލާނގެއަށް ހިފާ ޢަހްދު ކަށަވަރަކީ މި ޙައްޖުން އެބައިމީހުން ދަސްކުރި ފިލާވަޅުތަކާ އެއްގޮތަށް އެމީހުންގެ ޙަޔާތް ބައްޓަންކުރާނެކަމުގެ ޢަހްދެވެ. މި ބިމުގައި ތާރީޚު މޭސްތެރިކުރެއްވި ޠާހިރު ބޭބޭކަލުންގެ ޙަޔާތްޕުޅާ އެއްގޮތަށް އެމީހުންގެ ޙަޔާތް ވެސް ޠާހިރުކުރާނެކަމުގެ ވަޢުދެވެ.

ކީރިތި ޤުރްއާން ސިފަކުރާ ގޮތުގައި ޙައްޖުގެ މަނާސިކުތަކަކީ ޝަޢީރާތަކެކެވެ. ނުވަތަ ޢަލާމާތްތަކެކެވެ. އެއީ ޙާދިސާތަކެކެވެ. އެއީ ތާރީޚުތަކެކެކެވެ. އެއީ ﷲ ތަޢާލާގެ މަޝްރޫޢު ތަންފީޒު ކުރެއްވުމުގައި އިބްރާހީމު عليه السلام އާއި އެކަލޭގެފާނުންގެ ޢާއިލާއާ ކުރިމަތިލައްވަންޖެހިވަޑައިގެން ބޮޑެތި އިމްތިޙާނުތަކެއް ރަމްޒުކޮށްދޭ ޙާދިސާތަކެކެވެ. ޙައްޖުވެރިޔާ ރަމްޒީ ގޮތެއްގައި މި ޙާދިސާތަކާއެކު ހޭދަކުރި ވަގުތުތަކުގައި އޭނާ މާތް ﷲއަށް ވަޢުދު މި ވަނީ  މި ތާރީޚުގެ ބަޔަކަށް އޭނާވެސް ވާނެކަމުގެ ޢަހްދެވެ.

ޙައްޖުވެރިޔާ ޙައްޖުގެ ޝަޢީރާތައް އަދާކުރަމުންދާއިރު އޭނާގެ ވެރިރަސްކަލާނގެއަށް ޢަހްދު ވަނީ ޙައްޤަށް ވާޞިލުވުމަށްޓަކައި އޭނާގެ މުޅި ޙަޔާތް ވެސް ޤުރުބާންކޮށްލުމަށް އޭނާ ޖެހިލުން ނުވާނެކަމެވެ. ﷲގެ ރުއްސެވުން ހޯދުމަށް ޓަކައި އޭނާ އަރާމާއި  ރާޙަތާއި ފާގަތިކަމަށްވުރެ ސާދާކަމަށާއި ދޭސީކަމަށް އޭނާ އިސްކަންދޭނެކަމެވެ.

ﷲ ގެ ވަޖްހުފުޅަށް ޓަކައި އޭނާ ސަޢުޔު ކުރާނެއެވެ. މަސައްކަތްކުރާނެއެވެ. އެކަލާނގެ ދަރުބާރުގެ ވަށައިގެން ޠަވާފުކުރާނެއެވެ. ޝައިޠާނާގެ އާދަކާދަތަކަށް ހިލަ އުކާނެއެވެ. ﷲގެ ދީން އެނބުރެމުންދާ ވަށަލައާއެކު އޭނާވެސް އެނބުރެމުންދާނެއެވެ. މި ދީން އެދޭ ކޮންމެ ކަމަކަށް އޭނާ ބޮސްދީ (އިސްތިލާމު) ކުރާނެއެވެ. ﷲގެ ރުހިވޮޑިގަތުން ޙާޞިލްކުރުމަށްޓަކައި އޭނާގެ އަމިއްލަ "ދަރިފުޅު ޤުރްބާންކުރަން ޖެހުނަސް" އެ ކަން އޭނާ ކުރާނެއެވެ.

ޙައްޖަކީ ތާރީޚުގެ މޭސްތިރިޔާއެވެ. ﷲ سبحانه وتعالى ގެ އިލާހީ މަޝްރޫޢު ތަންފީޒު ކުރެއްވުމުގެ ބުރަ މަސައްކަތްޕުޅު އިބްރާހީމުގެފާނު ފެށްޓެވީ، މާތްﷲ ނަމްރޫދުގެ ކިބައިން އެކަލޭގެފާނު ސަލާމަތްކުރެއްވުމާ ވިދިގެން އޫރު ސަހަރު ދޫކުރެއްވި ހިސާބުންނެވެ. އެކަލޭގެފާނުންގެ ފަސް ހާސް އަހަރުކުރިން ދުނިޔެއަށް ވަނީ ޝިރްކު ފެތުރި އާންމުވެފައެވެ. ދުނިޔޭގެ މަޢީޝަތުގެ  އެއްވެސް ކަމެއް ޝިރްކުން ހުސްވެގެން ނުވެއެވެ. ޖީލަކަށްފަހު ޖީލަކަށް ޝިރްކުގެ ކުލަތައް ދިޔައީ ނަޤްލުވަމުން ވާރުތަވަމުންނެވެ. ނަތީޖާއަކަށް ވީ ޝިރްކުގެ  ޚިޔާލާތުތަކާއި ފިކްރާތުތައް މުޅި އިންސާނީ ނަސްލުގެ މައްޗަށް ގަދަވެގަތުމެވެ. އެ ޒަމާނުގައި އުފަންވާ ކޮންމެ ކުއްޖެއްގެ ވިސްނުމުގެ މައްޗަށް ވެރިވަމުން ގޮސްފައި ވަނީ މި ޝިރްކުގެ ޖަރާސީމުތަކެވެ.

ﷲ تعالىގެ އިލާހީ މި މަޝްރޫޢުގެ އަމާޒަކީ ޝިރްކުގެ ވެށީގެ އަސަރުތައް ފޯރާފައިނުވާ އިންސާނީ އައު ނަސްލެއް ތަރްބިޔަތުކުރުމެވެ. (ނުނިމޭ)

 

ލިޔުމުގައި ބޭނުންކޮށްފައިވާ ބައެއް ބަސްތަކުގެ މާނަ:

ކަށަވެތިވުން: ކަމެއް ކުރާނެކަމަށް ކަށަވަރުކަން ދިނުން ނުވަތަ ވައުދުވުން.

ވަށަލަ: ތަރިއެއްގެ ނުވަތަ ގުރަހައެއްގެ ވަށައިގެން ދައުރުކުރާ ފަލަކު ނުވަތަ ރާސްތާ.

މަޢީޝަތު: ދިރިއުޅުމުގެ ފާގަތިކަމާއި ދުޅަހެޔޮކަމާއި ތަނަވަސްކަމާއި ހިތްހަމަޖެހުން ފަދަ ހާލަތްތައް.

ފިކްރާތު: ފިކުރުތައް

advertisement
ހިޔާލު ދެއްވާ!