ޙައްޖުވެރިން ޢަރަފާތުގެ މައިދާނުގައި ... ފޮޓޯ: މުވާސަލާ.އޯރގް

ޙައްޖު ... ތާރީޚުގެ މޭސްތިރިޔާ (2)

ﷲ تعالىގެ އިލާހީ މި މަޝްރޫޢުގެ އަމާޒަކީ ޝިރްކުގެ ވެށީގެ އަސަރުތައް ފޯރާފައިނުވާ އިންސާނީ އައު ނަސްލެއް ތަރްބިޔަތުކުރުމެވެ. މި ކަމަށް އެންމެ މުނާސަބު ވެށްޓަކީ އިންސާނީ އާބާދީތަކާ ދުރުގައި މީހުން ރަށްވެހިވެފައިނުވާ ހިސާބެކެވެ. މިކަމަށްޓަކައި އިޚްތިޔާރު ކުރެވުނީ ޢަރަބިކަރައިގެ ހަނަފަސް ޞަޙަރާއެވެ. އެއީ އެ ދުވަސްވަރު މީހުން ދިރިއުޅުނު ބިންތަކާ ދުރުގައިވާ ތަނެކެވެ.

މި ހަނަފަސް ޞަހަރާވީ ސަރަޙައްދުގައި އައު ނަސްލެއް ބިނާކުރުމަށް ބޭނުންވާ ފުރަތަމަ އިންސާނާ ވާންޖެހޭނީ އެކަމަށް ތައްޔާރަށް ހުރި އެ ޙަޔާތުގައި ދިރިއުޅުމަށް ޓަކައި އޭނާގެ ޙަޔާތްވެސް ޤުރްބާންކުރަން ކެރޭ މީހަކަށެވެ. އިބްރާހީމުގެފާނަށް އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނު ޤުރްބާންކުރައްވާ ތަން ހުވަފެންފުޅުގައި ފެނިވަޑައިގަތީ މިހެންވެގެންނެވެ. މިއީ ﷲގެ މަޝްރޫޢު ތަންފީޒުކުރުމުގެ ޤާބިލުކަން އިބްރާހީމުގެފާނުގެ ކިބައިގައި ހުރިކަން ކަށަވަރުކޮށްދެއްވުމެވެ. އެކަލޭގެފާނުންގެ ތުއްޕުޅު ދަރިކަލުންނާއި އެ ދަރިކަލުންގެ މައިކަމަނާއާއެކު އެ ހަނަފަސް ޞަޙަރާއަށް  ވަޑައިގެން އެތާނގައި ދިރިއުޅުއްވަން ފަސްޖެހިވަޑައި ނުގަތުމެވެ. އެ ދުވަސްވަރަށް ބަލާއިރު ޙިޖާޒުކަރައިގައި ވަޒަންވެރިވުމަކީ މަރުގެ ވާދީއެއްގައި ބޯހިޔާވަހިކަން ހޯދުމާ އެއްފަދަ ކަމެކެވެ.

އެވޭލާ ޒަމާންތަކުގައި ޙިޖާޒު އޮތީ މީހުން ދިރިނޫޅޭ ފަޅުތަނެއްގެ ގޮތުގައެވެ. ފެނާއި ފެހިކަން ނެތް ހަނަފަސް ހިކި ޞަޙަރާއަކަށް ވާތީއެވެ. އެހެންކަމުން އެ ސަރަޙައްދު އޮތީ ޝިރްކުގެ ޙަޟާރަތާ ދުރުގައެވެ. ބަޔަކު ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތައް ނެތް ބިމަކަށްވާތީއެވެ. ﷲ އެއްކައުވަންތަކުރާ އައު ދަރިފަސްކޮޅަކަށް މި ބިން އަހްލުވެރިވެގެން ދިޔައީ މި ސަބަބުތަކާ ހެދިއެވެ. އިބްރާހީމުގެފާނު އެކަލޭގެފާނުގެ ދޮށީދަރިކަލުން އިސްމާޢީލުގެފާނު ޤުރްބާން ކުރެއްވުމަށް ވަޅި ނެންގެވުމަކީ މި މަޝްރޫއަށްޓަކައި ހުރިހާ ޤުރްބާނީއެއް ވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވިކަމުގެ އިޢުލާނެވެ.

އިންސާނުންގެ އައު ނަސްލެއް ﷲގެ މަޝްރޫޢަށްޓަކައި ތައްޔާރު ކުރެއްވުމުގެ މަޤްޞަދުގައި އިސްމާޢީލުގެފާނާއި އެކަލޭގެފާނުގެ މައިކަމަނާ ހާޖަރު ޙިޖާޒުގެ ހަނަފަސް މި ބިމުގައި ވަޒަންވެރިކުރެއްވީ މިހެންވެގެންނެވެ. މިހެންވެ އިބްރާހީމުގެފާނުންގެ ދުޢާފުޅަކީ

رَبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ

إبراهيم : 37

މާނައަކީ "އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދއެއްގައި، ޙުރްމަތްތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު ޤާއިމުކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް ރިޒުޤު ދެއްވާނދޭވެ! (އެއީ) އެއުރެން ޝުކުރުވެރި ވުމަށްޓަކައެވެ."

އިބްރާހީމުގެފާނު ﷲ تعالىއަށް ކުރެއްވި ދުޢާފުޅުތަކުގެ ތެރޭގައި އިސްމާޢީލުގެފާނުންގެ ނަސްލުން ރަސޫލުބޭކަލަކު ފޮނުއްވައިދެއްވުން ވެއެވެ. މި ދުޢާގެ  ނަތީޖާއަކީ ކައު ރަސޫލާ މުޙައްމަދު ނަބިއްޔާ އެންމެ ފަހު ރަސޫލާގެ ގޮތުގައި ޙިޖާޒުގެ ބިމުން އިސްމާޢިލުގެފާނުންގެ ދަރިފަސްކޮޅުން ފޮނުއްވުމެވެ. މި ދުޢާފުޅާ މި ދުޢާފުޅަށް އިޖާބަދެއްވުމާ ދެމެދުގައި 2500 އަހަރު ފާއިތުވެފައިވެއެވެ. މިފަދަ ބުރަ މަސައްކަތަކަށް ބޭނުންވާ އައު ނަސްލެއް އުފެދި ބޮޑުވުމަށް ބަލާއިރު މިއީ ދިގު މުއްދަތެއްނޫނެވެ. މި ނަސްލު ކައު ރަސޫލާއާއެކު މި ދީނަށްޓަކައި ޤުރްބާންވިއެވެ. ރަސޫލާގެ ރިސާލަތު ފުރިހަމަކޮށް ފެތުރުމުގައި މި ނަސްލު ބުރަ އުފުލިއެވެ.

މި މުހިއްމަތު އަދާކުރުމަށް މާތް ﷲ ތައްޔާރުކުރެއްވި ޖަމާޢަތަށް  "خير أمة  އެންމެ ހެޔޮ އުންމަތް" ގެ ނަން ދެއްވައިފައިވެއެވެ. މާތް  ﷲ ވަޙީކުރެއްވިއެވެ.

كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ

آل عمران : 110

މާނައަކީ "މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތްކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް އީމާންވަމުއެވެ." މިބައިމީހުންގެ ތެރެއިން ބަޔަކު ރަސޫލާއާ ޢަދާވަތްތެރިވެ ދުޝްމަންވިއެވެ. އެހެނަސް އެމީހުންނަށް ޙަޤީޤަތް އެނގި ވިސްނުނު ހިސާބުން އެމީހުން މި ރިސާލަތަށް ހުރިހާ ބާރަކާއެކު ތެދުވެ ނަޞްރު ދިނެވެ.

އިބްރާހީމުގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނު ޤުރްބާން ކުރައްވައި ބިނާކުރެއްވި އިންސާނީ ނަސްލަކީ މިއީ އެވެ. މި ނަސްލުގެ ތެރެއިން ހޮވައިނެގުނު އެންމެ ހެޔޮލަފާ މީހުން ﷲގެ އެއްކައުވަންތަކަން ފުރިހަމައަށް ޤަބޫލުކޮށް ޝިރްކުގެ ޢަޞްރު ނައްތަލައި ވަޅުލިއެވެ. މި  "خير أمة" ގެ ޤުރްބަނީތަކަކީ ލާމަސީލު ޤުރްބާނީ ތަކެކެވެ. މި ޤުރްބާނީތަކުގެ ހެޔޮ ކޯރުތަކުން ތައުޙީދުގެ ޢަޞްރު ދުނިޔެއަށް ފެތުރިގެން ދިޔައެވެ.

ޙައްޖަކީ މި ތާރީޚު އިޢާދަކޮށްދޭ ރަމްޒެވެ. ޙައްޖުގެ ޝަޢީރާތަކުގެ ތެރެއިން މުސްލިމުން އެމީހުންގެ ވެރިރަސްކަލާނގެއަށް ދެވަނަފަހަރަށް ޢަހްދުވަނީއެވެ. އިލާހީ މި މަޝްރޫއުގައި އެމީހުން ބައިވެރިވާކަމަށް ކަށަވެތިވަނީއެވެ. އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނުގެ ބިމަށް ޙައްޖުވެރިން ދަނީ  "لبيك اللهم لبيك" ގެ ޝިޢާރު އުފުލައިގެންނެވެ. ކަނޑައަޅުއްވައިފައިވާ މަދު ދުވަސްކޮޅެއް މަނާސިކުތަކުގައި ހޭދަކުރަމުން ޙައްޖާޖީން ކަށަވަރުކޮށްދެނީ އެ ތާރީޚު އިޢާދަކުރުމަށް އެމީހުން ތައްޔާރަށް ތިބިކަމެވެ.

އިބްރާހީމު عليه السلامގެ ޒަމާނުގައި އިންސާނާގެ ފިކްރާއި ވިސްނުމުގެ މައްޗަށް ވެރިވެފައިވަނީ ޝިރްކެވެ. މިއަދު ޢާލަމީ ފިކްރުގެ މައްޗަށް ވެރިވެގަންފައި ވަނީ އިލްޙާދެވެ. އިންސާނާ އެވޭލާ ޒަމާންތަކުގައި ވިސްނާއުޅުނީ ޝިރްކުގެ ފިކްރީ މީޔާރުތަކުންނެވެ. މިއަދު އިންސާނާ ވިސްނަނީ އިލްޙާދުގެ ފިކްރީ މީޔާރުތަކުންނެވެ. އެހެންކަމުން ޙައްޖާޖީންގެ އެންމެ ބޮޑު ވާޖިބަކަށް ހަދަން ޖެހޭނީ މި ފިކްރީ މީޔާރުތައް ތަޅައި ވަޅުލުމެވެ. އިސްލާމީ ދައުވަތު މިއަދު ހިނގަން ޖެހޭނީ ކައު ރަސޫލާ ގެނެސްދެއްވި ތަޢުޙީދީ މަގުގައެވެ. އޭގެ ނާރެސްތަކުގެ ވަށައިގެންނެވެ. ޙައްޖުގެ އެންމެ ބޮޑު ދަރެހަކަށް ވާންޖެހޭނީ މި ޒަމާނުގެ އިލްޙާދީ ފިކްރާ ދެކޮޅަށް ޤުރްބާންވާން ޖެހިފައިވާކަން ދަތުމެވެ. "الحج المبرور" އަކީ  ޙައްޖުގެ މުޤައްދަސް ބިމުން މި ޢަޒްމާއެކު އަމިއްލަ ރަށަށް އައުމެވެ. ޙަޤީޤަތަށް ބަލާއިރު ޙައްޖުވެރިޔާ ޙައްޖުގެ ޝަޢީރާތައް އަދާކޮށް ނިމުމުން އަދި ޙައްޖުގެ ޢަމަލުތަކެއް ނުނިމެއެވެ. ޙައްޖުން އެނބުރި ރަށަށް އައުމަކީ އެއަށްވުރެ މުހިއްމު ދަތުރެއްގެ ފެށުމެވެ.

ޙައްޖުން އެނބުރި ރަށަށް އައުމަކީ ޢަހްދުކަށަވަރުގެ މަޤާމުން ޢަމަލުގެ މަޤާމަށް އެނބުރި އައުމެވެ. ޙައްޖުގެ މަނާސިކުތައް ނިންމައިލުމުން އޭނާގެ މަސްއޫލިއްޔަތުތައް އަދި ނިމުނީއަކީއެއް ނޫނެވެ. އެހެނަސް މި މަސްއޫލިއްޔަތު އިތުރަށް ބުރަވީއެވެ.

ޙައްޖަކީ ތާރީޚުގެ މޭސްތިރިޔާއެވެ. ޙައްޖުވެރިޔާ ރަށަށް އެނބުރި އައުމަށްފަހު މަރާ ކުރިމަތިލާން ޖެހެންދެން ނުވަތަ ޙައްޖުގެ އަމާޒުފަތްގަނޑާ ހަމައަށް ވާޞިލުވެވެންދެން މި މަގުގައި ކެތްތެރިކަން މަތީ ދެމިހުންނަން ޖެހޭނެއެވެ. ރަމްޒީ ޤުރްބާން ޙަޤީޤީ ޤުރްބާނަކަށް ހަދައިގެން އިލްހާދު ނައްތައިލުމުގެ ޢަޒްމަށް ސަވާރުވެގެންނެވެ. (ނިމުނީ)

ޙައްޖު…. ތާރީޚުގެ މޭސްތިރިޔާ (1)

 

ލިޔުމުގައި ބޭނުންކޮށްފައިވާ ބައެއް ބަސްތަކުގެ މާނަ:

މީޔާރު: އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު.

އިލްހާދު: ކަލަކު ނުވާކަމަށް ޤަބޫލުކުރުން

ޝަޢީރާ: މާތް ﷲ އެކަލާނގެ އަޅުތަކުންގެ މައްޗަށް ކުރުމަށް އަމުރުކުރައްވާފައިވާ ކަންކަން

advertisement
ހިޔާލު ދެއްވާ!