ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒު

ދުނިޔެ މަތީގައި އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ ރާފިޔަތު ލަވަކިޔުން ހުއްޓާލާ ދުވަސް: އަލީ ރަމީޒް

ދުނިޔެ މަތީގައި އެންމެ ދެކެން ބޭނުންވާ ދުވަހަކީ އޭނާގެ ކޮއްކޮ ރާފިޔަތު ރަމީޒާ ލަވަކިޔުން ހުއްޓާލާ ދުވަސް ކަމަށް ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން މިމަހު ބޭއްވުމަށް ނިންމާފައިވާ ކަރޯކޭ ޗެލެންޖާއި ގުޅިގެން އޭނާގެ ސޯޝަލް މީޑިއާގައި އެކަމާމެދު ކަންބޮޑުވުން ފާޅުކުރުމުން އާންމުންގެ މީހަކު އެއަށް ކުރި ކޮމެންޓަކަށް ރައްދުދެއްވައި ކުރެއްވި ކޮމެންޓެއްގައެވެ.

އެމީހާ ބުނެފައިވަނީ "އަލީ ރަމީޒް ވެއްޖެއްނުން އެންމެ ފުރަތަމަ ރާފިޔަތު ރަމީޒާ ލަވަކިޔުން ހުއްޓުވަން. އޭނަ އަށް ނަސޭހަތް ދީބަލަ ފުރަތަމަ. އޭނަ ލަވަކިޔުން އޯކޭތަ؟" މިހެން އަނހާފައިވެއެވެ.

އެ ކޮމެންޓަށް ރައްދު ދެއްވައި އަލީ ރަމީޒް ވިދާޅުވެފައިވަނީ "ރާފިޔަތު ލަވަކިޔުން ހުއްޓާލުމަކީ މި ދުނިޔޭގައި އަޅުގަނޑު އެންމެ ދެކެން ބޭނުންވާ އެއް ދުވަސް. އަޅުގަނޑަށް އެދުވަސް ދައްކަވާށި. އާމީން" ކަމަށެވެ.

ޔޫތު މިނިސްޓްރީން ކަރޯކޭ ޗެލެންޖެއް ބާއްވާތީ އަލީ ރަމީޒު ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އަލީ ރަމީޒަކީ ދީނާ ޚިލާފު މިފަދަ ކަންކަމުގައި ކޮންމެ ވެރިކަމެއް އޮތަސް އަބަދުވެސް ބަސް ވިދާޅުވާ ބޭފުޅެއް ކަން ފާހަގަ ކުރެވެއެވެ.

“އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި އަލީ ރަމީޒް ވިދާޅުވީ ” ޒުވާނުން ވިޔަސް އަދި އެނޫން ގިންތި އަކަށް ވިޔަސް، ﷲ ހަރާމްކުރެއްވި  ކަމެއް ރާވައި އިންތިޒާމު ކުރުން ބަލައެއް ނުގަނެވޭނެ” ކަމަށެވެ.

މި މައްސަލައާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

advertisement
ހިޔާލު ދެއްވާ!