މިއަހަރުގެ ބައިނަލްއަގްވާމީ ދާރުލްއާސާރު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގައުމީ ދާރުލްއާސާރުން ހާއްސަ ދަރުހެއް ބާއްވައިފި އެވެ.
ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ މި އަހަރުގެ ބައިނަލްއަގްވާމީ ދާރުލްއާސާރު ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ "ތައުލީމާއި ދިރާސާއަށްޓަކައި ދާރުލްއާސާރު" ކަމަށެވެ.
އަދި އެ ޝިއާރުގެ މަގުސަދަކީ ދާރުލްއާސާރުތަކުގެ ތެރެއިން އިލްމު އުނގެނެވޭނެ ގޮތްތައް ހޯދުމާއި އެކަމަށް ހިތްވަރު ދިނުން ކަމަށްވެސް ވުޒާރާއިން ބުނެއެވެ.
ދަރުހުގެ މައުޟޫއަކީ "ޒަމާންތަކުގެ ތެރެއިން ގޮނޑި" އެވެ. މި ދަރުހަކީ ގައުމީ ދާރުލްއާސާރާއި އާކިޓެކްޓް އެސޯސިއޭޝަން މޯލްޑިވްސްއާއި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގާއި ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރުންނާއި، އޮޑިމޯ، އެޓޯލްސްކޭޕް އަދި ޑޮސައިން ގުޅިގެން އިންތިޒާމު ކޮށްގެން ކުރިއަށްގެންގޮސްފައިވާ ދަރުހެކެވެ.
ދަރުހުގައި ކުރީ ޒަމާނުގައި ބޭނުން ކުރި ގޮނޑިތަކުގެ ތާރީހާއި ވައްޓަފާޅިއަށް ވާހަކަ ދެއްކުމުގެ އިތުރުން އާކިޓެކްޗަރާއި ވަޑާމުގެ އުކުޅުތަކަށްވެސް ވަނީ ވާހަކަ ދައްކާފައެވެ.
އެ ދަރެެހުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ކުރެވޭ މަސައްކަތްތަކާއި ގެނެވޭ ބަދަލުތަކުގެ ނަތީޖާއަކަށް ވާނީ ތަރިކައަކީ ދިވެހީން އެއާއެކީ ދިރިއުޅޭ އެއްޗަކަށްވެ ދިވެހީންގެ ދިރިއުޅުމުގެ ބަޔަކަށް ތަރިކަ ވުން ކަމަށެވެ.