އަނބަކީ ގިނަ މީހުންނަށް ވަރަށް މީރު މޭވާއެކެވެ. ހުތް އަނބަކަސް ދޮން އަނބަކަސް ގިނަ މީހުން އަނބު ކައި އުޅެނީ އޭގައި އެކުލެވިފައިވާ ގުދުރަތީ މީރު ރަހަކައަކުންނެވެ. އަދި މިހާރު މާ ބޮޑަށް މަޝްހޫރުވެގެން މިއުޅޭ ތެޅި އަނބަކީވެސް އަނގައިގެ ކުޅުދިޔާކޮށްލުމުގެ ގާބިލުކަން ލިބިފައިވާ ކެއުމުގެ ބާވަތެކެވެ.
ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު ވިދާޅުވަނީ އަނބުގައި ޕޮޓޭސިއަމް ގިނައިން ހުރުމުގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ލޭ މައްޗަށް ދިއުން ފަދަ ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމަށެވެ.
އަދި ވިޓަމިން އީއާއި ސިލެނިއަމް އަނބުގައި ހުރުމަކީ ކެންސަރާއި ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމެއް ކަމަށްވެސް ޑރ. ޢަޒީޒު ވިދާޅުވެއެވެ.
މީގެ އިތުރުން އަނބު ކެއުމަކީ ރީތިކަން މަތީގައި ދެމި ހުރުމަށްވެސް ވަރަށް ބޮޑަށް އެހީތެރިވެދޭ މޭވާއެކެވެ. އަނބުގައި އެކުލެވޭ ވިޓަމިން ސީގެ ސަބަބުން ހަންގަނޑު އޮމާންކޮށްދީ ބިހި ނެގުމުން ދުރުކޮށްދެއެވެ.
އަނބުގައި 67 އިންސައްތަ ވިޓަމިން ސީ ހިމެނެ އެވެ. މީގެ އިތުރުން ވިޓަމިން ބީ6، ވިޓަމިން އޭ، ވިޓަމިން ކޭ، ވިޓަމިން އީ، ޕޮޓޭސިއަމް އަދި މެގްނީސިއަމްވެސް ހިމެނެ އެވެ.
އަނބުގައި ހިމެނޭ ދަގަނޑުގެ ބައިގެ ސަބަބުން މާބަނޑު އަންހެނުންނަށާއި މައްސަރުކަންތައް ޖެހިފައިވާ އަންހެނުންނަށް ވެސް ވަރަށް ގިނަ ފައިދާތަކެއް ލިބެއެވެ.
އަނބަކީ މުޅި ދުނިޔޭގައި ވެސް އެންމެ މަގުބޫލު އެއް މޭވާއެވެ.