ކޯޗެއް ނަގައިގެން ހަމަސްތެރޭ ވާހަކަދެއްކުން ރަނގަޅު ކުރައްވާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބުރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.
އެބޭފުޅާ އިނގިރޭސިބަހުން ވާހަކަ ދެއްކެވުމުން، އެކަމަށް އަންނަ ފާޑުކިޔުންތަކަށް ރައްދު ދެއްވާ، ރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައިޞަލް ވިދާޅުވީ، އެކަންކަން ރަނގަޅު ކުރައްވާނެ ކަމަށެވެ.
ވަޒީރު ފައިޞަލް ވިދާޅުވީ އެބޭފުޅާގެ ވާހަކަ ދެއްކުމުގެ ހުނަރު ރަނގަޅު ކުރެއްވުމަށްކޯޗެއްގެ އެހީގައި މަސައްކަތް ކުރައްވާނެ ކަމަށާ ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި އެކަން ރަނގަޅު ކުރައްވާނެ ކަމަށެވެ.
ފައިޞަލް ވިދާޅުވީ އެކަން ރަނގަޅު ކުރައްވަނީ އެބޭފުޅާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރު ކަމަށްވެފައި ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވާ ވަކި ފެންވަރެއް ހުންނަކަން އަމިއްލައަށް ގަބޫލު ކުރައްވާތީ ކަމަށެވެ.
"އަޅުގަނޑު އެ ޕްރެކްޓިސްކޮށް އެ ޓްރެއިނިންގތައް ހަދާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަމަސްތެރޭ މިކަން ރަނގަޅު ކުރާނަން." ފައިޞަލް ވިދާޅުވިއެވެ.
ވަޒީރު ފައިޞަލް މިފަދައިން މިވާހަކަ ދައްކަވާފައި މިވަނީ، ކުރީގެ ޔޫތު މިނިސްޓަރ މަލީޙް ޖަމާލް ފައިޞަލްއާ "ޒާތީވެ" މީސްމީޑިއާގައި ފާޑު ވިދާޅުވަމުން ގެންދަވާ ކަމަށް ބުނެ ނޫސްވެރިޔާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނަމަވެސް މަލީޙްއާމެދު އަދި ކުރީގެ ނައިބު ރައީސް ޖަމީލުއާމެދުގައިވެސް ޒާތީ ކަމެއް އެބޭފުޅާ ނުގެންގުޅުއްވާ ކަމަށް ފައިޞަލް ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީ ސަރުކާރުގެ ފަތުރުވެރިކަމާބެހޭ ވަޒީރު އިބުރާހީމް ފައިޞަލްއަކީ ވަރަށް ޒުވާން އުމުރުން ހަގު ބޭފުޅެއްކަން ފާހަގަކުރެވެއެވެ. އެބޭފުޅާގެ ވާހަކަދެއްކެވުމުގެ ފެންވަރާއިމެދު ސުވާލުއުފައްދާ ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ ދިވެއްސަކަށް އިނގިރޭސިބަހުން ފުރިހަމައަށް ވާހަކަ ދައްކަން ނޭނގުމަކީ މައްސަލައެއް ނޫން ނަމަވެސް، ފަތުރުވެރިކަމުގައިި ދުނިޔޭގެ އެއް ވަނަ މަންޒިލްގެ ގޮތުގައި ރާއްޖެ އޮތްއިރު، އެ ދާއިރާގެ ކަންތައް ބަލަހައްޓަން ހުންނެވި އެންމެ އިސް ވެރިޔާގެ 'ފެންވަރު ދަށްވުމަކީ' ކަންބޮޑުވުމެއް ކަމަށާ އެއީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.