ވިހައިގެން އުޅޭ މަންމައަކަށް ޒިޔާރަތްކުރާނަމަ ވިސްނާލަންޖެހޭ ބައެއްކަންތައްތައް

ވިހައިގެން ތިބޭ މީހުންނަށް ޒިޔާރަތް ކުރުމަކީ ރީތި އާދައެކެވެ. ނަމަވެސް ޒިޔާރަތް ކުރުމުގައި ވިސްނާނުލާ ކުރެވޭ ކަންތައްތަކުގެ ސަބަބުން މަންމައާއި ކުޑަ ދަރިފުޅާއި އާއިލާއަށް އެކަމުގެ އުނދަގޫ ކުރިމަތިވެދާނެއެވެ. އެހެންކަމުން ވިހައިގެން އުޅޭ މަންމައާއި ޢާއިލާގެ ޙާލަތަށް ވިސްނާލުމަކީ މުހިއްމުކަމެކެވެ. ޒިޔާރަތް މިކުރަނީ ނުލާހިކު ބުރައާއި ވޭން އުފުލާފައިވާ ފަރާތަކަށްކަން ވިސްނާ، އެފަރާތަށް އިތުރު އުނދަގުލާއި ތުރާ ނުވާނެ ގޮތަކަށް ތިމާގެ އަމަލުތައް ބެހެއްޓުމާމެދު ވިސްނާލަންވާނެއެވެ. އެގޮތުން ޒިޔާރަތްކުރާއިރު ވިސްނާލަންޖެހޭ މުހިއްމު ބައެއް ކަންކަމަށް މި ލިޔުމުގައި ބަލާލާނަމެވެ

1- ޒިޔާރަތްކުރުމުގެ ކުރިން އެ އާއިލާއަށް އެކަން އެންގުން: ވިހައިގެން އުޅޭ އާއިލާއަށް ޒިޔާރަތްކުރަންވާނީ މަންމަ ނުވަތަ އެހީތެރިންގެ ގާތުގައި ޒިޔާރަތްކުރާ ވާހަކަ ބުނެފައެވެ. ވިހައިގެން އުޅޭ މައިމީހާއަށް ފަސޭހަ ގަޑިއެއްގައެވެ. އަރާމުކުރުމަށް އުނދަގޫ ނުވާނޭހެން އެ އާއިލާގެ މެމްބަރުން ހަމަޖައްސާ ގަޑިއެއްގައެވެ. ރަނގަޅަށް އައުރަ ނިވާކޮށްލައިގެން، ޒިޔާރަތްކުރާ މީހާއާއި ވާހަކަދައްކާލެވޭނޭ ވަގުތެއް ބެލުމަށްފަހުގައެވެ. މި ކަންކަމަށް ވިސްނާނުލާ ޒިޔާރަތްކުރުމުން މަންމައާއި ތުއްތު ދަރިފުޅަށް ތަކްލީފު ކުރިމަތިވެދާނެއެވެ. އެންމެ ރަނގަޅުވާނީ މަންމައަށް ހިނގާބިނގާވެ އުޅެވި ގޭތެރޭގެ ކަންކަން ހަމައަކަށް އެޅޭހާ ދުވަސްކޮށްލާފައި ޒިޔާރަތްކުރުމެވެ.

2- މަންމަގެ ހުއްދަނެތި ދަރިފުޅާއި މަންމަގެ ފޮޓޯ ނުނެގުން: ޒިޔާރަތްކުރުމަށް ހުއްދަލިބުމުން ކުރެވޭ ޒިޔާރަތުގައި މަންމައާއި ދަރިފުޅުގެ ފޮޓޯ ނަގައި ސްނެޕްކުރުމާއި އެހެން ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ހިއްސާކުރުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. ކިތަންމެ ގާތް ބައެއް ނަމަވެސް އެފަދަ ކަމެއް ކުރަންވާނީ އިޒުނަ ހޯދައިގެންނެވެ.

3- ތުުއްތު ދަރިފުޅު ނިދާފައި އޮތް ނަމަ ހޭނުލެއްވުން: ތުއްތު ދަރިފުޅު ނިންދެވީ ވަރަށް ހާލުން އަދި އެތައް ވަގުތެއްގެ މަސައްކަތުންކަމަށް ވެދާނެތީ ކުރެވޭ ޒިޔާރަތުގައި ތުއްތު ދަރިފުޅު ނިިދިފައި އޮތްނަމަ އަޑުގަދަކުރުމާއި ނިދިން ހޭލެވޭފަދަ އެއްވެސް ކަމެއް ކުރުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ. އެގޮތުން ނިދިފައި އޮއްވާ އުރާ ހެދުމަކީ ރަނގަޅުކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެފަދަ ޙާލަތެއްގައިނަމަ ގިނައިރު މަޑު ނުކޮށް، ޙާލު ބަލާލާ، ހެޔޮ ދުޢާ ކުރުމަށްފަހު އަވަހަށް ދިޔުމުން މަންމައަށާއި ދަރިފުޅަށް އަރާމު ކުރަން ފުރުސަތު ލިބޭނެއެވެ.

4- ތުއްތު ދަރިފުޅުގެ ގައިގައި އަތްލާނަމަ ރަނގަޅަށް އަތްދޮވެ ސާފުކުރުން: ދަރިފުޅު އުރާލުމަށް އިޒުނަ ލިބިއްޖެނަމަ އުރާލުމުގެ ކުރިން އަތް ދޮވެ ސާފުކުރަންވާނެއެވެ. ތުއްތު ދަރިފުޅުގެ ދިފާއީ ނިޒާމު ވަރަށް ބަލިކަށިވާނެތީއެވެ. ތިމާގެ އަތުގައި އެތައް ބައިވަރު ޖަރާސީމެއް ހުރުމުގެ ފުރުސަތު އޮންނާނެތީއެވެ.

5- ތުއްތު ދަރިފުޅަށް ބޮސްނުދިނުން: ރަނގަޅަށް އަތް ސާފުކޮށްގެން ތުއްތު ދަރިފުޅު އުރާލިޔަސް، ދަރިފުޅުގެ މޫނަށް، ނުވަތަ އަތަށްވެސް ބޮސް ނުދޭށެވެ. ސަބަބަކީ ބޮޑެތި މީހުންގެ އަނގަޔާއި ނޭފަތުގައި ހުންނަ ޖަރާސީމުތައް ކުޑަކުއްޖާއަށް ވާސިލުވުމުގެ ފުރުސަތު އޮންނާނެތީއެވެ. އަދި ދިފާއީ ނިޒާމު އެހާ ބަލިކަށި ހާލަތުގައި ތުއްތު ދަރިފުޅަށް ބަލި ވާސިލްވެދާނެތީއެވެ.

6- ބަލިވެ އުޅޭނަމަ ޒިޔާރަތް ނުކުރުން: ތިމާ ނުވަތަ ތިމާ އުޅޭ ގޭގެ އެއްވެސް މީހަކު ބަލިވެ އުޅޭނަމަ ތުއްތުކުދިންގެ ކައިރިއަށް ޒިޔާރަތް ނުކުރުން އެދެވިގެންވެއެވެ.

7- ވާހަކަދެއްކުމުގައި ސަމާލުވުން: ޒިޔާރަތްކުރުމަށްފަހު ވިހެއުމުގެ ކަންކަމާމެދު ސުވާލު ނުކުރާށެވެ. ވިހެއީތޯ ނުވަތަ އޮޕަރޭޝަން ކުރީތޯވެސް ނާހާށެވެ. ދިމާވި މައްސަލަތަކުގެ ވާހަކަވެސް ނާހާށެވެ. އެ ކަންކަމުގެ ވާހަކަ ދެއްކުމަކީ އެ ތަދާއި ވޭނުގެ މަތިން ހަނދާންވެ އެކަމުގެ އުނދަގޫ އިހްސާސްވާނެ ކަންކަމަށްވާތީއެވެ. ހަމައެހެންމެ، ދަރިފުޅުގެ ސިފައާމެދުވެސް ވާހަކަ ނުދައްކާށެވެ.

8- އެހީތެރިކަމެއް ބޭނުންތޯ ސުވާލުކޮށްލުން: ޒިޔާރަތް ނިންމާލަންވާނީ ތިމާގެ ކިބައިން އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ބޭނުންތޯ އަހާލުމަށްފަހުގައެވެ. ތިމާއަށް ނުކުރެވޭވަރުގެ ކަމަކަށް އެދިފާނެއޭ ހިތާ އެހީގެ އަތް ދިއްކޮށްނުލާ ނުހުންނާށެވެ. އަދި އެވަގުތަށް ކަމެއް ބޭނުންނުވިޔަސް، އެދުނު ކަމެއްވިއްޔާ ކޮށްދެވޭތޯ ބަލާނެކަމުގެ ޔަގީންކަން ދިނުމަށްފަހު ޒިޔާރަތް ނިންމާލާށެވެ.

މި ނޫނަސް މިފަދަ ޒިޔާރަތެއް ކުރުމުގައި ވިސްނަންވީ ވަރަށް ގިނަ ކަންކަން ހުންނާނެއެވެ. ހާލަތާއި ވަގުތާއި ތަނަށް އަންނަ ބަދަލަކުން މި ކަންކަން ބަދަލުވެސްވާނެއެވެ. ވިސްނަންވީ، ވިހައިގެން އުޅޭ މީހަކަށް ތިމާ ޒިޔާރަތް ކުރާ މަޤުޞަދެވެ.

ތިމާގެ މަގުސަދަކީ ތިމާގެ ހިތުގައި ހުރި ސުވާލުތަކަށް ޖަވާބު ހޯދުމާއި ތުއްތު ދަރިފުޅާއެކު ފޮޓޯއެއް ނަގާ ސްނެޕްކޮށްލުންކަމަށްވާނަމަ ރަނގަޅުވާނީ ޒިޔާރަތް ނުކުރުމެވެ.

ތިމާގެ ޒިޔާރަތުގެ މަގުސަދަކީ ދެމައިންގެ ޙާލު ބަލާލާ، ހެޔޮ އެދުމާއި ތަހުނިޔާ ރައްދުކުރުންކަމަށްވާނަމަ، ސަމާލުކަންދޭންޖެހޭ ކަންކަމަށް ސަމާލުކަންދީގެން ޒިޔާރަތްކޮށްލައިފިނަމަ އެ ޢާއިލާގެ އެހެން މީހުންވެސް ޝުކުރުވެރި ވާނެއެވެ. އަދި މި ލިޔުމުގައި މިވާ ކަންކަމަކީ އެހެންމީހުންގެ ޙާލަތާއި މެދު ވިސްނާ، އެހެންމީހުންގެ އިހުސާސްތަކަށް އިޙުތިރާމް ކުރާ ކޮންމެ މީހަކަށްމެ އެއްވެސް އުނދަގުލަކާއި ނުލާ ކުރެވޭނެ ކަންކަމެވެ.

 

ނޯޓް: މި ލިޔުން ލިޔުމުގައި އަސްލަކަށް ބަލާފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޝިނާހް ސަޢީދު ލިޔުއްވާފައިވާ ލިޔުމެކެވެ.

advertisement
ހިޔާލު ދެއްވާ!