ފޮޓޯ: އެމްއެންޑީއެފް

ރިސޯޓަކުން މޫދަށް ފޭބި މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފި!

ރިސޯޓަކުން މޫދަށް ފޭބި މުވައްޒަފަކު ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން މޫދަށް ފޭބި އެ ރިސޯޓުގެ ބަންގްލަދޭޝް މުވައްޒަފަކު ގެއްލިގެން ހޯދަން އެ އިދާރާއިން ފަށާފައިވާ ކަމަށެވެ.
އުމުރުން 32 އަހަރުގެ އެ މީހާ ގެއްލިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 15:54 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެ އިދާރާއިން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ހާބަރ ކްރާފްޓްގައި އެ ސަރަހައްދަށް ގޮސް، އެ މީހާ ހޯދުމުގެ މަސައްކަތް މިއަދު 16:50 ހާއިރު ފަށާފައި ކަމަށެވެ.
އެންމެ ފަހުން ކަޅުކުލައިގެ ޓީޝާޓެއް ލައިގެން ހުރި އެ މީހާ ގެއްލުނު ވަގުތު އެ ރިސޯޓުގެ ފަޅުގައި އަޅާފައޮތް ކަޔަކެއް ވެސް ނެތުމުން، އެ ކަޔަކުގައި އެމީހާ މޫދަށް ފޭބި ކަމަށް އެ ރިސޯޓުން ލަފާކުރާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވިއްސާރަވެ، ވައިގަދަވެ، ކަނޑުތައް ގަދަ ދުވަސްވަރަކަށް ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންކަން ފާހަގަކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!